18 Jan 2015, 17:14
ސްރީލަންކަންގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ އަމިއްލަ ރަށުގައި ގާއިމުކޮށް، އޭނާގެ ނަމުގައި ހުޅުވި އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަންގެ ދަތުރުތައް ކުރުން ހުއްޓާލުމަށް އެއެއާލައިނުން ނިންމައިފި އެވެ.
ސްރީލަންކަން އެއާލައިނާ ހަވަލާދީ މެއިލް އޮންލައިން ނޫހުން އިއްޔެ ބުނީ ހަމްބަންޓޯޓާގައި ގާއިމުކޮށްފައިވާ "ރާޖަޕަކްސާ އިންޓަނޭޝަނަލް އެއާޕޯޓަށް" އެ އެއާލައިންގެ ދަތުރުތައް ކުރުން ހުއްޓާލުމަށް ނިންމީ މިހާރު ވެސް ގެއްލުންވަމުން އަންނަ އެއާލައިންގެ ދަތުރުތައް އެ ސަރަހައްދަށްކޮށްގެން އިތުރަށް ގެއްލުންވާތީ ކަމަށެވެ.
ލަންކާގެ ރައީސްކަމާ މައިތިރިޕާލާ ސިރިސޭނާ ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ ދައުލަތުން ހިންގާ އެއާލައިންގެ މެނޭޖްމަންޓް ބަދަލުކޮށްފަ އެވެ.
ސްރީލަންކަން އެއާލައިންގެ ދަރަނި މިހާރު ވެސް 650 މިލިއަން ޑޮލަރަށް އަރަ އެވެ.
ރާޖަޕްކްސާ އެ އެއާޕޯޓް 2013 ވަނަ އަހަރު ހުޅުވީ ހަމްބަންޓޯޓާއަކީ އެ ސަރަހައްދުގެ އެކޮނަމީގެ މައި ތަނބަށް ހެދުމަށާއި ދެކުނުގެ މައި ދޮރާއްޓަކީ އޭނާގެ އުފަން ސަރަހައްދަށް ހެދުމަށެވެ. ނަމަވެސް ކުރީގެ ސަރުކާރުން ޕާލަމެންޓްގައި ބުނީ މިދިޔަ މޭ މަހު އެ އެއާޕޯޓަށް ލިބުނީ 125 ޑޮލަރު ކަމަށެވެ. އެ ސަރަހައްްދަށް އޮޕަރޭޓް ކުރާ ދެ އެއާލައިނަކީ ފްލައި ދުބާއީ އާއި ރޮތަނަ ޖެޓް އޭވިއޭޝަން އެކަންޏެވެ.
ޗައިނާގެ އެކްސްޕޯޓް އިންޕޯޓް ބޭންކުން އެ އާޕޯޓް ތަރައްގީ ކުރުމަށް 206 މިލިއަން ޑޮލަރު އިންވެސްޓް ކުރި އެވެ. އެ އެއާޕޯޓަކީ އެންމެ ބޮޑެތި ބޯޓް ފަހަރު، އޭ 380ގެ ބޯޓަށް ޖެއްސޭ ގޮތަށް ގާއިމުކޮށްފައިވާ އެއާޕޯޓެކެވެ.