18 Jan 2015, 17:02
މީޑިއާ އާ ގުޅުން ހުރި މަސައްކަތްތަކަށް ހުޅުމާލެ އިން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން، އެގްރިމެންޓާ އެއްގޮތަށް ބިން ތަރަށްގީ ކުރަމުން ނުދާ ހަތް ބިމެއް ހައުސިން ޑިވެލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ނަގާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެޗްޑީސީގެ މީޑިއާ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ މީޑިއާގެ ހަތް ތަނަކަށް ދޫކޮށްފައިވާ ބިންތައް، އެގްރިމެންޓް އުވާލައި އެޗުޑީސީ އަށް ނަގާފައިވާ ކަމަށާއި އެ ތަންތަން ނެގީ އެގްރީމަންޓާ އެއްގޮތަށް އަމަލު ކުރަމުން ނުދާތީ ކަމަށެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މީޑިއާ ކުންފުންޏަށް ދޫކުރި ބިން، ހަމަ އެކަނި ނެގި ކަމަށް ދައްކާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ. އެ އޮފިޝަލް ވިދާޅުވީ ވިލާ ކުންފުނީގެ ސަބްސިޑަރީ ކުންފުނި، އައިލެންޑް ބްރޯޑްކާސްޓިންގް ކޯޕަރޭޝަނަށް ދޫކުރި ބިން ވެސް ވަކި ކުރި ކަމަށާއި އެ ބިން ވެސް ވަކި ކުރީ އެގްރީމަންޓާ އެއްގޮތަށް އަމަލު ނުކުރާތީ ކަމަށެވެ.
ވީމީޑިއާގެ ސީއީއޯ އިބްރާހިމް ހަލީލު މިއަދު 'ސަން' އަށް ވިދާޅުވީ އެޗްޑީސީ އާއި ވިލާގެ މީޑިއާ ކުންފުންޏާ ދެމެދު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށް، އެޗްޑީސީ އަށް އެބިން ނަގާފައިވާކަން އަންގާފައި ވަނީ މި އަހަރުގެ ތިން މަހަށްވާ ކުލި ދެއްކި ފަހުން މިމަހުގެ 15 ވަނަ ދުވަހު ކަމަށެވެ.
އެޗްޑީސީ އިން، ވީމިޑިއާ ހިންގުމަށް ހުޅުމާލެ އިން ބިން ދޫކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރު 25 އަހަރުގެ މުއްދަތަކަށެވެ.