މިދިޔަ ސީޒަންގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގައި ރަނގަޅު ކުޅުމެއް ދެއްކި ބިދޭސީ ކުޅުންތެރިޔާ އަބޫ ޑެސްމަންޑް މަންސާރޭ އަންނަ ސީޒަނަށް ކްލަބް އީގްލްސްއަށް ގެންދިޔުމަށް މިހާރު އެއްބަސްވުމަކާ ހަމައަށް އާދެވިފައި ވާކަމަށް އެ ޓީމުން ހާމަކޮށްފި އެވެ.

އީގްލްސްއިން މިއަދު ބުނީ އަބޫ އެ ޓީމަށް މި ހަފްތާތެރޭ ސޮއި ކުރާނެ ކަމަށެވެ. އަދި މި ފަހަރުގެ ސީޒަނަށް އީގަލްސްގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާގެ ގޮތުގައި އަބޫ އެ ޓީމަށް ސޮއި ކުރަން ހަމަޖެހިފައި ވާއިރު، އީގަލްސްއިން ބުނީ އެ ޓީމުން އަދިވެސް އިތުރު ބިދޭސީ ކުޅުންތެރިން ގެންނަން މަސައްކަތް ކުރަމުން ދާ ކަމަށެވެ.

އީގަލްސްއަށް އަބޫ ސޮއި ކުރުމާ ބެހޭގޮތުން އެ ކްލަބުގެ ޖެނެރަލް ސެކްރެޓެރީ މުފާވިޒް ހާޝިމް ވިދާޅުވީ، އަބޫ އަކީ ތަޖުރިބާކަރު ފޯވާޑަކަށް ވުމުން، އޭނާގެ ހުނަރާއެކު މި ސީޒަންގައި އީގަލްސްގެ އެޓޭކްތައް އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށެވެ. އަދި އަބޫ އަކީ ގޯލާ ރައްޓެހި، ފޮވާޑް ލައިންގައި ރަނގަޅަށް މަސައްކަތް ކުރާ ކުޅުންތެރިއެއް ކަންވެސް މުފާވިޒް ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖޭގެ އެއްވަނަ ޑިވިޝަންގައި 2008 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ އަބޫ އެންމެ ފުރަތަމަ ފެނިގެން ގޮސްފައި ވަނީ ވީބީ އައްޑޫ އެފްސީން ނެވެ. އަދި އޭގެ ފަހުން 2013 ވަނަ އަހަރު އޭނާ ވަނީ އެވައިއެލްގައި ރަނގަޅު ކުޅުމެއް ދައްކައި، ފުރަތަމަ ފަހަރަށް އެއްވަނަ ޑިވިޝަންގެ ގަދަ ހަތަރަކުން ޖާގަ ހޯދުމަށް އެ ޓީމަށް އެހީތެރި ވެދީފައެވެ.

ވޭތުވެދިޔަ ސީޒަން މާޒިޔާގައި ހޭދަކުރި އަބޫ ވަނީ މިދިޔަ އަހަރު އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކައި، މިދިޔަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބު ކުރުމަށް އެ ކްލަބަށް އެހީތެރި ވެދީފައެވެ.

ވާދަވެރި ފުޓްބޯޅަ ސީޒަނަކަށް އީގަލްސް ތައްޔާރު ވަމުން ދާއިރު، އެ ޓީމް ވަނީ މިދިޔަ ސީޒަންގައި ފާހަގަ ކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ދިވެހި ލީގުގައި އެ ޓީމް ވަނީ ތިންވަނަ ހޯދާފައެވެ. އަދި މިދިޔަ އަހަރު ވިކްޓްރީ އާއި މާޒިޔާ ބަލިކުރުމަށް ފަހު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް އެ ޓީމް ދަތުރުކުރި އިރު، އެ މުބާރާތުގެ ފައިނަލް މެޗުގައި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބަށް ލަނޑު ޖަހާނެ ފުރުސަތެއް ނުދީ އީގަލްސް ވަނީ އެ ޓީމް ހިފައްޓާލާފައެވެ.

އަންނަ ސީޒަނަށް ސްކޮޑު ވަރުގަދަ ކުރުމުގެ ގޮތުން ބިދޭސީ ކުޅުންތެރިންގެ އިތުރުން އީގަލްސް ވަނީ ވެލެންސިޔާގެ ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ) އާއި ނިއު އާއި މާޒިޔާއިން ކުރިން ފެނިގެން ދިޔަ މިޑްފީލްޑަރު އަހުމަދު މުހައްމަދު (އައްމަޑޭ) އެ ޓީމަށް ގެނެސްފައެވެ.