ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާ ވެސް ހެޔޮކޮށްފި އެވެ.

އަލަށް ގެނައި ބަދަލާ އެކު އެސްޓީއޯ އިން މީގެ ކުރިން 12.37 އަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއް މިހާރު ވަނީ، 2.37 ރުފިޔާ އަގު ހެޔޮކޮށްފައެވެ. އަދި ޑިސަލް ލީޓަރަކުން ވަނީ 2.33 ރުފިޔާ އަގު ހެޔޮކޮށްފައެވެ. އެހެން ކަމުން އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑިސަލް މިހާރު 10 ރުފިޔާއަށް ލީޓަރެއް ލިބޭނެ އެވެ.

އެކަމާ ގުޅިގެން މިއަދު މެންދުރު ފަހު، އެސްޓީއޯގެ ހެޑްއޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އަގަށް ގެނައި ބަދަލަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލާ ގުޅިގެން ރައީސް ޔާމީންއާ މަޝްވަރާކުރެއްވުމަށް ފަހު ގެންނެވި ބަދަލެއް ކަމަށެވެ.

"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިގެން އަޅުގަނޑުމެން ވެސް މިދަނީ އަޅުގަނޑުމެންގެ އަގުތަކަށް ބަދަލު ގެންނަމުން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެ އަގުގައި މާދަމާ ހެނދުނުން ފެށިގެން އެސްޓީއޯގެ ހުރިހާ ފިހާރައަކުން ޕެޓްރޯލާއި ޑީސަލް ލިބެން ހުންނާނެ ކަމަށެވެ.

އެސްޓީއޯ އިން މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ތެލުގެ އަގަށް ގެންނަން ފަށާފައިވާ ބަދަލުގެ ދަށުން ތެލުގެ އަގު ހެޔޮކުރި މިއީ ފަސް ވަނަ ފަހަރެވެ.