18 Jan 2015, 15:59
މިދިޔަ އަހަރު ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދިން ކްރޮއޭޝިއާގެ ކޯޗް ޑްރާގޯ މަމިޗް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަމުން ރަސްމީކޮށް ވަކިކޮށްފި އެވެ.
ޑްރާގޯ މަމިޗް ގައުމީ ޓީމުގެ ހެޑް ކޯޗުކަމުން ރަސްމީކޮށް ވަކޮކޮށްފައިވާކަން ހާމަކުރުމުގެ ގޮތުން އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޯޗް މަމިޗްއާ މެދު އެފްއޭއެމުން ވެފައިވާ ވަޒީފާގެ އެއްބަސްވުން އުވާލާފައި ވަނީ ދެފަރާތް މަޝްވަރާ ކުރުމަށް ފަހު، ދެ ފަރާތް ވެސް އެއްބަސްވި ގޮތުގެ މަތިން ކަމަށެވެ.
އެފްއޭއެމުން ބުނީ ކޯޗް މަމިޗްގެ އެއްބަސްވުން އުވާލުމުގެ ކަންތައް ގޮސްފައި ވަނީ ވަރަށް އޮމާންކޮށް ކަމަށާއި، ކޯޗް މަމިޗް މިމަހުގެ 16 ވަނަ ދުވަހު އޭނާގެ ގައުމަށް އެންބުރި ދިއުމަށް ފުރާފައިވާ ކަމަށެވެ.
ކޯޗް މަމިޗް ވަނީ މިދިޔަ އަހަރު ރާއްޖޭގެ ގައުމީ ޓީމަށް ގިނަ ކުރިއެރުންތަކެއް ހޯދަދީފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރު ރާއްޖޭގެ ގައުމީ ޓީމް ވަނީ ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ތިންވަނަ ހޯދާފަ އެވެ. އެއީ ބައިނަލްއަގްވާމީ މުބާރާތެއްގައި މިހާތަނަށް ރާއްޖެ ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.
ކޯޗް މަމިޗް ގައުމީ ޓީމުގެ ކޯޗް ކަމުން ވަކިކުރުމުން އެފްއޭއެމުން ވަނީ އޭނާ އަށް ރަނގަޅު މުސްތަގުބަލަކަށް އެދި، އޭނާ ރާއްޖޭގެ ގައުމީ ޓީމަށް ކޮށްދިން ހިދުމަތް ތަކަށާއި ޓީމަށް ހޯދަދިން ކުރިއެރުމަށް އޭނާ އަށް ޝުކުރު އަދާކޮށްފަ އެވެ.
އުމުރުން 60 އަހަރު ވެފައިވާ ޑްރާގޯ މަމިޗް އަކީ 1988 ވަނަ އަހަރުން ފެށިގެން ކޯޗު ކަމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ. މީގެ ކުރިން ކްރޮއޭޝިއާގެ ގައުމީ ޔޫތު ޓީމުތަކާއި މިޔަންމާގެ ގައުމީ ޓީމަށް ވެސް ކޯޗުކަން ކޮށްދިން މަމިޗް އަކީ ޔޫރަޕްގެ ފުޓްބޯޅަ ކޮންފެޑަރޭޝަން ޔޫއެފާއިން ހާސިލް ކުރެވޭ އެންމެ މަތީ ކޯޗިންގް ލައިސެންސް ކަމަށްވާ 'ޔޫއެފާ ޕްރޯ ލައިސެންސް' ހާސިލްކޮށްފައިވާ ކޯޗެކެވެ.