ތުލުސްދު އަށް އިންތިހާބު ކުރެވުނު ރަށު ކައުންސިލްގެ މަޝްވަރާއަކާ ނުލައި މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ފައިނޭސް މިނިސްޓްރީން ތުލުސްދޫގައި ހިންގާ ޖެޓީއަކާއި ގުދަންތަކެއްގެ ޕްރައިވަޓައިޒް ކުރުމަށް އިއުލާން ކުރުމުން ޑީއާރުޕީން ކަންބޮޑުވުންފާޅުކޮށްފި އެވެ.

ޑީއާރުޕީ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވީ ކަސްޓަމްސް އާއި ފައިނޭސް މިނިސްޓްރީ ގުޅިގެން ތުލުސްދޫގައި ހިންގާ ޖެޓީއަކާއި ފެން ތާނގީގެ އިތުރުން ގުދަންތަކާއި އިމާރާތެއް ޕްރައިވަޓައިޒް ކުރުމުން ސަރުކާރުން ނިންމުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެތަންތަން އަމިއްލަ ފަރާތްތަކަށް ދޫކޮށްލުމުން އިންތިހާބު ކުރެވުނު ކައުންސިލްތަކުން ރަށުގެ މަންފާއަށް ޓަކައި ކުރަން ހުރި މަސަތްތަކުގެ ދޮރު ބަންދުވެގެންދާނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"ލާމަރުކަޒީ ކުރުމުން ރަށުގެ ކަންކަން ބެލެހެއްޓުން މި އޮންނަނީ އެ ބޭފުޅުންނާ (ކައުންސިލް މެންބަރުން) ހަވާލު ކުރެވިފައި. ފައިސާ ލިބޭނެ ގޮތްތަތައް ވެސް މި އޮންނަނީ ކައުންސިލްތަކާ ހަވާލުވެފައި. ކައުންސިލްތަކަށް ފައިސާހޯދޭނީ އެކަހަލަ ތަންތަނުން. ނަމަވެސް ކައުންސިލްތައް އިންތިހާބުވެފައި އޮއްވައި ކައުންސިލްތަކާ މަޝްވަރާ ނުކޮށް ސަރުކާރުން ހިންގަމުން ދިޔަ ތަންތަން ޕްރައިވަޓައިޒް ކުރުމުން އާމްދަނީ ހޯދާނެ ގޮތްތައް މަދުވެގެންމިދަނީ." ރޮޒައިނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ތުލުސްދޫ ރަށު ކައުންސިލުން ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި އެ މައްސަލަ އަށް ހައްލު ހޯދުމަށް ޑީއާރުޕީން ބޭނުންވާ ކަމަށެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތުލުސްދޫގައި ކަސްޓަމްސް އާއި ފައިނޭސް މިނިސްޓްރީން އިމާރާތްކޮށްފައި ހުރިތަންތަތައް އަމިއްލަ ފަރާތަކަކާ ހަވާލު ކުރަނީ ފަސް އަހަރުގެ މުއްދަތަށެވެ.