18 Jan 2015, 15:16
އިމާރާތް ކުރަން ފެށިތާ ގިނަ ދުވަސްތަކެއް ވެފައިވާ އަދި މިމަހު ނިމޭނެކަމަށް ކުރިން ބުނެފައިވާ އައިޖީއެމްއެޗްގެ 11 ބުރީގެ އިމާރާތުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މިހާރު ބެލެވެނީ، އަންނަ މަހުގެ ނިޔަލަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރިޝްވާން މިއަދު 'ސަން'އަށް ވިދާޅުވީ، އައިޖީއެމްއެޗްގެ އާއިމާރާތް ނިންމާލެވޭނެ ތާރީހަކަށް މިހާރު ބެލިފައިވަނީ ފެބްރުއަރީ މަހުގެ ނިޔަލަށް ކަމަށެވެ. އިމާރާތުގެ މަސައްކަތް މަޑުޖެހުނީ ރާއްޖެއިން ބޭރުން ގެންނަންޖެހޭ މުދާ ގެނައުމަށް ދިމާވި ދަތިކަމެއްގެ ސަބަބުން ކަމަށާއި އެކަން މިހާރު ހައްލު ކުރެވިފައިވާކަމަށްވެސް ރިޝްވާން ވިދާޅުވި އެވެ.
"މާލެއަށް ފެނަށް ދިމާވި މައްސަލައިގައި ބޯޓްތައް އޭރު ވަރަށް ބޮޑަށް ހިފަހައްޓާފައި ހުރީ މަނަވަރުތަކުން ފެންބޭލުމުގެ ކަންތައްތަކަށް. އެހެންވެ އެ ދަނޑިވަޅުތަކުގައި ބޯޓު މޫވް ނުކުރީމަ ޑިލޭގެ ވާހަކަ އެބޭފުޅުން އިމްފޯމްކުރީ. އެ މުދާ ކުލިއާ ކުރުމުގެ މަސައްކަތް މިހާރު ހިނގަމުން އެބަދޭ." ރިޝްވާން ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ އާއިމާރާތުގެ މަސައްކަތް ނުނިމުމުގެ ސަބަބުން އެ ހޮސްޕިޓަލަށް އަންނަނީ ޖާގައިގެ ބޮޑެތި ދަތިތަކާއި ކުރިމަތު ވަމުންނެވެ. އެގޮތުން މިދިޔަ ސްކޫލް ބަންދުގެ ތެރޭގައިވެސް، އެ ހޮސްޕިޓަލުގައި ވިހެއި ބައެއް އަންހެނުން ވޯޑަކަށް ބަދަލުނުކުރެވި 12 ވަރަކަށް ގަޑިއިރު މަޑުކުރަން ޖެހުނެވެ.
ރިޝްވާން މިއަދު ވިދާޅުވީ، ސްކޫލް ބަންދު ނިމުމުން ހިދުމަތް ހޯދަން އަންނަ މީހުންގެ މިންވަރު މަދު ކަމަށާއި މިއަދުވެސް ވޯޑަކުން ހަ އެއްކަ އެނދު ހުސްކޮށް އެބަހުރި ކަމަށެވެ.
އައިޖީއެމްއެޗްގެ 11 ބުރީގެ އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އަމީން ކޮންސްޓްރަކްޝަނަށް 68 މިލިއަން ރުފިޔާ އަށް 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައިވެސް ވަނީ ހަވާލުކޮށްފައެވެ. އެ ހަފްލާގައި ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން އޭރުގެ ހެލްތް މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު ވިދާޅުވެފައި ވަނީ، އެ މަސައްކަތް މި ފަހަރު ހަވާލުކޮށްފައި ވަނީ ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި މަސައްކަތްކޮށް ނިންމާލާ ގޮތަށް ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ އިސްލާމިކް ބޭންކްގެ ލޯނެއްގެ އުސޫލުގެ ދަށުން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެދުވަހު ވާހަކަ ދައްކަވަމުން އަމީން ކޮންސްޓްރަކްޝަންގެ އެމްޑީ އަބްދުﷲ މުހަންމަދު ވިދާޅުވެފައިވަނީ، މިހާތަނަށް ވެސް މަސައްކަތް ހުއްޓިފައި ވަނީ އެ ކުންފުންޏަށް ލިބެން ޖެހޭ ޕޭމަންޓްތައް ނުލިބޭތީ ކަމަށާއި މިފަހަރު އެފަދަ މައްސަލަތަކެއް ދިމާނުވެ އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.