18 Jan 2015, 14:58
ސްރީލަންކާގައި މިމަހުގެ އަށް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަ ޕަކްސާއަށް ނާކާމިޔާބު ވެވަޑައިގެންނެވުމުގެ ފަހަތުގައި އިންޑިއާ ސަރުކާރުގެ އަތެއްވާ ކަމަށް ބެލެވިއްޖެ އެވެ.
ރޮއިޓާސް ބުނީ، ރިޔާސީ އިންތިހާބަށް ސްރީލަންކާ ތައްޔާރުވަމުން އައި ދުވަސްވަރު އެގައުމުގެ ވެރިރަށް ކޮލަމްބޯގައި ހުރި އިންޑިއާގެ ޖާސޫސީ އިދާރާގެ އޮފީހެއްގެ ވެރިއަކު އެގައުމުން ފޮނުވާލާފައިވާ ކަމަށެވެ. އަދި ބުނީ އެވާހަކަ އިންޑިއާ ސަރުކާރުން ދޮގުކުރާ ކަމަށާއި އެހެން ނަމަވެސް ނިއުދިއްލީއާއި ކޮލަމްބޯ އިން އެތައް މަސްދަރުތަކަކުން އެކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
ރޮއިޓާސްގެ ރިޕޯޓްގައި ބުނެފައި ވަނީ، އިންޑިއާގެ އެޖެންޓް ލަންކާ އިން ބޭރުކޮށްލީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ސަރުކާރުން ވަކިވެ، ރިޔާސީ ރޭހަށް ނުކުންނެވި ސިރިސޭނާގެ ގުޅިފައިވާ ކޯލިޝަންއަށް ތާއީދު ހޯދަން މަސައްކަތް ކުރިކަން އެނގިގެން ކަމަށެވެ.
އިންޑިއާގެ އެޖެންޓް ކުރިކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކުގެ ތެރޭގައި ރައީސް މަހިންދަ ރާޖަޕަކްސާއާ ވާދަކުރައްވަން އޭރުގެ އިދިކޮޅު ލީޑަރު ރަނިލް ވިކްރަމް ސިންހަ ނުކުންނަވަން ވިސްނައި ދިނުން ހިމެނެ އެވެ. އަދި އޭގެ ބަދަލުގައި ފަސޭހައިން ހޮވިވަޑައިގަންނަވާ ފަދަ ބޭފުޅެއްގެ ގޮތުގައި އޭރު ހުންނެވި މިހާރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އަށް ތާއީދު ކުރެއްވުމަށް ރަނިލްއަށް ބާރު އަޅައި، އެކަމުގައި ކާމިޔާބު ކުރުން ވެސް އެއީ އިންޑިއާގެ އެޖެންޓް ކުރި ކަމެއްގެ ގޮތުގައި ދެގައުމުގެ މަސްދަރުތަކާއި ހަވާލާދީ ރިޕޯޓްގައި ތުހުމަތުކޮށްފައިވެ އެވެ.
ރާޖަޕަކްސާއާއި އިންޑިއާ ސަރުކާރާ ގުޅުން ގޯސްވީ، އިންޑިއާއާއި ވާދަވެރި ގައުމެއްކަމަށްވާ ޗައިނާއާއި ގުޅުން ބަދަހި ކުރެއްވުމުންނެވެ. އެގޮތުން އިންޑިއާއަށް ނާންގައި ޗައިނާގެ ދެ ސަބްމެރިންއެއް ލަންކާގައި ބަނދަރުކުރި މައްސަލައިގައި އިންޑިއާ އިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އެފަދަ ކަމެއް ހިނގާ ނަމަ އިންޑިއާ އަށް އެންގުމަށް އެ ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއް ވެސް އޮވެ އެވެ.
ރޮއިޓާސް އިން ބުނީ ސިރިސޭނާ އިންތިހާބު ކާމިޔާބުކުރެއްވިކަން ޔަގީންވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ލަންކާގައި ހުންނަ އިންޑިއަން އެެމްބެސަޑަރު ބޮޑު މާބޮނޑިއެއް ހިފައިގެން ގޮސް، ސިރިސޭނާ އަށް މަރުހަބާ ކިޔި ކަމަށާއި ލަންކާގައި ހުންނަ ޗައިނާ ސަފީރަށް އެޕޮއިންޓްމެންޓެއް ލިބުނީ ވެސް ހަ ދުވަސް ފަހުން ކަމަށެވެ.