18 Jan 2015, 14:46
ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު ދިރިއުޅުއްވާ ގެއަށް ފުލުހުން ރޭ ދަންވަރު ވަދެ ބަލައި އެ ގެ ފާސްކުރި އިރު އެއީ ނާޒިމު އުޅުއްވާ ގެ ކަމެއް ފުލުހުންނަށް ނޭނގޭ ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު މެންދުރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރު އޮފް ޕޮލިސްގެ ތަރުޖަމާން ސުޕްރިޑެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެއީ ޑިފެންސް މިނިސްޓަރު ނާޒިމްގެ ގެކަން ފުލުހުންނަށް އެނގުނު ހިސާބުން ފެށިގެން އެ ގެ ބަލައި ފާސްކުރަމުން ދިޔައީ މިނިސްޓަރު ނާޒިމަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމާ އެކު ކަމަށެވެ.
"އެގޭގެ 8 ވަނަ ފަންގިފިލާގެ ދެ އެޕާޓްމަންޓެއް ފާސްކުރި އިރު އެގޭގެ އެއް އެޕާޓްމަންޓުގައި ދިރިއުޅުއްވަނީ މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔަޑު މުހައްމަދު ނާޒިމްކަން އޮޕަރޭޝަންގައި ހަރަކާތްތެރިވާ ފުލުހުންނަށް އެނގުމާ އެކު އެތަން ބަލާ ފާސްކުރަމުން ދިޔައީ މިނިސްޓަރު ނާޒިމް އަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމާއި ގަދަރު ދެވިގެން،" ޝިފާން ވިދާޅުވި އެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝިފާން ވިދާޅުވީ މިނިސްޓަރު މުހައްމަދު ނާޒިމު ދިރިއުޅުއްވާ ގެއަށް ފުލުހުން ރޭ ދަންވަރު ވަދެ ބަލައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ތަކެތި ހޯދާފައިވާ ކަމަށެވެ. އެހެންނަމަވެސް އެގެއިން ފުލުހުން ހޯދީ ކޮންއެއްޗެއް ކަމެއް ނުބުނެ އެވެ.
ޝިފާން ވިދާޅުވީ ރޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގައި އިންސާނީ ކަރާމާތަށް ގެއްލުން ލިބޭ ފަދަ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި އޮޕަރޭޝަން ކުރިއަށް ގެންދިޔަ އިރު އެކި އެކި އެޕާޓްމަންޓުތަކަށް ފުލުހުން ވަނުމަށް "ހާލަތަކާ ގުޅޭ މިންވަރަށް ފޯސް އެޕްލައިކޮށްފައިވާނެ،" ކަމަށް ޝިފާން ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން މިއަދު ހާމަކޮށްފައެއް ނުވެ އެވެ.
ސަން އަށް އެނގި ފައިވާ ގޮތުގައި ދިޓީވީގެ ގޯޅިތެރޭގައި ހުންނަ އެ އެޕާޓުމަންޓުގެ ތިރީގެ ދޮރު ހަލާކުކޮށްލައިގެން ފުލުހުން އެތަނަށް ވަދެފައި ވަނީ ރޭ މެންދަމުން އަލިވެ 3:15 އެހައިކަންހާއިރު އެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި އެ އެޕާޓްމަންޓު ބަލައި ފާސްކުރުމަށް ފަހު ފުލުހުން އެތަނުން ގޮސްފައި ވަނީ 6:00 އެހައިކަންހާއިރު އެވެ. އަދި އެ އެޕާޓްމަންޓުން ބައެއް ލިޔެކިޔުންތައް ފުލުހުން ގެންގޮސްފައިވާ ކަމަށް ވެސް މަންޒަރު ދުށް މީހުން ބުންޏެވެ.