އެގާރަ އަހަރުގެ މެދުކެނޑުމަކަށް ފަހު މިއަހަރު އަލުން ފަށާ ޕޮމިސް ކަޕު ފުޓުބޯޅަ މުބާރާތުގެ މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް ގުރު ނެގުން މާދަމާ އަށް ފަސްކޮށްފި އެވެ.

މުބާރާތުގެ ގުރުލުމާއި ލޯގޯ ތައާރަފް ކުރުން މާދަމާ ޓީވީއެމްގައި ބޭއްވުމަށް މިހާރު ހަމަޖެހިފައވާއިރު، ޕޮމިސް ކަޕް ފަށުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. ގުރުއަތުލުން ފަސް ކޮށްފައިވަނީ ކުރިން ހަމަ ޖައްސާފައިވާ ގަޑިއަކީ އުދަނގޫ ގަޑިއެއް ކަމަށް ރައީސް އޮފީހުން ބުނެފައިވާތީ ކަމަށް އެފްއޭއެމް އިން ބުންޏެވެ.

ބުރާސްފަތި ދުވަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވާއިރު އެ ސްޓޭޖުގެ ފަހު މެޗު ކުޅޭނީ މިމަހުގެ 29 ގައެވެ. ގިނަ ދުވަސްތަކެއްގެ މެދު ކެޑުމަށްފަހު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕޮމިސް ކަޕުގައި ބައިވެރިވާނީ ދިވެހި ލީގުގެ ޗެމްޕިއަން ނިއުރޭޑިއެންޓް އާއި އެފްއޭ ކަޕް ޗެމްޕިއަން މާޒިޔާ އަދި މެލޭޝިއަން ޕްރިމިއާ ލީގުގެ ޗެމްޕިއަން ޕީޑީއާރުއެމް އާއި ސިންގަޕޯ ލަޔަންސްއެވެ.

ލީގު އުސޫލުން ކުރިއަށްދާ އެ މުބާރާތުގެ ފައިނަލަށް ދާނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ޕޮއިންޓް ހޯދާފައިވާ ދެ ޓީމެކެވެ.

އެންމެ ފަހުން 2003 ވަނަ އަހަރު ބޭއްވި ޕޮމިސް ކަޕް، 11 އަހަރަށްފަހު އަނެއްކާވެސް މިއަހަރު އެފްއޭއެމުން ބާއްވަން ނިންމާފައި ވާއިރު، އެ މުބާރާތް މީގެ ކުރިން މެދުކަނޑާލާފައި ވަނީ އެކަށީގެންވާ ފެންވަރުގެ ބިދޭސީ ޓީމްތައް ބައިވެރި ނުވާތީއެވެ.