ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ފުލުހުން ވަދެ ފާސްކުރި ކުރުމާއި ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އަދި ސަރުކާރާއި މިނިސްޓަރު ނާޒިމާ ދެމެދު އެއްވެސް ހިތްހަމަނުޖެހުމެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.

މުއާޒު މިއަދު 'ސަން'އަށް ވިދާޅުވީ، ޑިފެންސް މިނިސްޓަރު ނާޒިމަކީ ރައީސް ޔާމީންގެ ކެބިނެޓުގައި ހިމެނޭ ބޭފުޅެއް ކަމަށެވެ.

"އިތުބާރު ނެތިއްޔާ އަޅުގަނޑުމެން ސަރުކާރުގައި ކެބިނެޓުގައި އެބޭފުޅަކު ނުހުންނަވާނެ ދެއްތޯ..،" މުއާޒު ވިދާޅުވި އެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން މުއާޒު ވިދާޅުވީ ރޭ ފުލުހުން ނާޒިމްގެ ގެކޮޅަށް ވަދެ އެ އެޕާޓުމަންޓު ބަލައި ފާސްކުރުމާއި ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

ސަން އަށް އެނގި ފައިވާ ގޮތުގައި ދިޓީވީގެ ގޯޅިތެރޭގައި ހުންނަ އެ އެޕާޓުމަންޓުގެ ތިރީގެ ދޮރު ހަލާކުކޮށްލައިގެން ފުލުހުން އެތަނަށް ވަދެފައި ވަނީ ރޭ މެންދަމުން އަލިވެ 3:30 އެހައިކަންހާއިރު އެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި އެ އެޕާޓްމަންޓު ބަލައި ފާސްކުރުމަށް ފަހު ފުލުހުން އެތަނުން ގޮސްފައި ވަނީ 6:00 އެހައިކަންހާއިރު އެވެ. އަދި އެ އެޕާޓްމަންޓުން ބައެއް ލިޔެކިޔުންތައް ފުލުހުން ގެންގޮސްފައިވާ ކަމަށް ވެސް މަންޒަރު ދުށް މީހުން ބުންޏެވެ.

ނާޒިމްގެ އެޕާޓްމަންޓުގެ އިތުރުން އެ އެޕާޓްމަންޓުގެ ކުރިމަތީގައި ހުންނަ ބިދޭސީން ދިރިއުޅޭ އެޕާޓްމަންޓަކަށް ވަދެ އެތަން ވެސް ފުލުހުން ބަލައި ފާސްކޮށްފައިވާކަން ސަން އަށް ވަނީ އެނގިފަ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިނިސްޓަރު ނާޒިމު މިއަދު ސަން އަށް ވިދާޅުވީ "އެ މައްސަލައާ ގުޅޭ ގޮތުން މީޑިއާ އަށް ހާމަކުރަނީ ފުލުހުން" ކަމަށެވެ.

ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓު ބަލައި ފާސްކުރީ ކީއްވެގެންތޯ ދެންނެވުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.

ފުލުހުން ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައިފާސްކޮށްފައި މިވަނީ ނާޒިމް މިނިސްޓަރުކަމުން ވަކިކުރަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަޑުފަތުރަމުން ގެންދާ ދަނޑިވަޅެއްގަ އެވެ.