އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް، ތާވަލްގެ އެއްވަނައިގައި ޗެލްސީ ހަމަޖެހިލި އިރު، މެންޗެސްޓާ ޔުނައިޓެޑާއި ސައުތޭމްޕްޓަންވެސް ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، ތާވަލްގައި ކުރިއަށް ޖެހިލައިފި އެވެ.

ރޭގެ ކާމިޔާބީއާ އެކު ޗެލްސީ ވަނީ ލީގުގައި މިހާތަނަށް 52 ޕޮއިންޓު ހޯދައި، ތާވަލްގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު ފަސް ޕޮއިންޓުގެ ފަރަގެއް ހޯދާފައެވެ. ނަމަވެސް ޗެލްސީ މިހާތަނަށް ލީގުގައި 22 މެޗު ކުޅެފައި ވާއިރު، އަދި މިހާތަނަށް 21 މެޗު ކުޅުނު ސިޓީއަށް ޗެލްސީއަށް ޕްރެޝަރ ކުރެވެން އޮތީ މިރޭ އާސެނަލްއާ ދެކޮޅަށް އެޓީމު ކުޅޭ މެޗު ކާމިޔާބު ކޮށްގެނެވެ.

ޗެލްސީ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ ސްވޮންސީ ސިޓީއާ ބައްދަލުކޮށް، 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ފުރަތަމަ ހާފްގައި ހަތަރު ލަނޑު ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ މިނެޓުގައި ޗެލްސީގެ އޮސްކާ ކާމިޔާބު ކުރި ލަނޑާއެކު އެ ޓީމް ވަނީ މެޗުގެ ލީޑު ނަގާފައެވެ. އަދި ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅު ޗެލްސީގެ ހަތަރުވަނަ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ އޮސްކާ އެވެ.

ފުރަތަމަ ހާފްގައި ފެނިގެން ދިޔަ ޗެލްސީގެ ދެވަނަ ލަނޑާއި ތިން ވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޑިއޭގޯ ކޯސްޓާ އެވެ.

މެޗުގެ ދެވަނަ ހާފްގައި ސްވޮންސީ ވަނީ އެ ޓީމްގެ ޑިފެންސް ރަނގަޅުކޮށް، ޗެލްސީގެ ގޯލަށް ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް ފަހު ވަގުތުވެސް މެޗުގައި އެ ޓީމަށް ޖެހުނީ ޑިފެންސަށް އިސްކަން ދޭށެވެ. ދެވަނަ ހާފްގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ޗެލްސީއަށް ކަމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް އެރި އަންޑްރޭ ޝޫލާ އެވެ. ދަނޑުމައްޗަށް ނުކުތްތާ ތިން މިނެޓް ތެރޭގައި ޝުލާ ކާމިޔާބުކޮށްދިން އެ ލަނޑާއެކު ޗެލްސި ވަނީ އެ މެޗުން ފަސޭހަކަމާއެކު ތިން ޕޮއިންޓު ހޯދާފައެވެ.

ޔުނައިޓެޑާއި ސައުތޭމްޕްޓަންވެސް ވަނީ ރޭ އެ ދެ ޓީމް ކުޅުނު މެޗުތައް ކާމިޔާބު ކޮށްފައެވެ. ނަމަވެސް ލީގުގައި އެ ދެ ޓީމް ބައްދަލުކުރި އެންމެ ފަހު މެޗު ކާމިޔާބުކުރި ސައުތޭމްޕްޓަން އަންނަނީ ރޭގެ ކާމިޔާބީއާއެކު ތާވަލްގެ ތިން ވަނައިގައި ޔުނައިޓެޑާ ދެ ޕޮއިންޓުގެ ފަރަގެއް ދަމަހައްޓަމުން ނެވެ. ސައުތޭމްޕްޓަން މިހާތަނަށް ލީގުގައި 42 ޕޮއިންޓު ހޯދާފައި ވާއިރު، ޔުނައިޓެޑަށް ރޭގެ ކާމިޔާބީއާއެކު ލިބިފައި ވަނީ 40 ޕޮއިންޓެވެ.

ޔުނައިޓެޑް ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ ކިއުޕީއާރް އާ ވާދަކޮށް، 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފްގައިވެސް ގޭމް ކޮންޓްރޯލް ކުރި ޔުނައިޓެޑަށް އެ ހާފްގައި ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާއިރު، ދެވަނަ ހާފް އެ ޓީމް ފެށީ ލަނޑަކާ އެކީ އެވެ. މެޗުގެ ފުރަތަމަ ލަނޑު ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މަރުއާނޭ ފެލައިނީ އެވެ.

ޔުނައިޓެޑްގެ ލަނޑާއެކު ކިއުޕީއާރްވެސް ރަނގަޅު ވާދަވެރިކަމެއް ދައްކާފައި ވާއިރު، މެޗުގައި އެ ޓީމް އުފެއްދި ގިނަ ހަމަލާތައް ޔުނައިޓަޑްގެ ގޯލަށް އަމާޒުވެފައެއް ނުވެއެވެ. ފެލައިނީގެ ލަނޑާއެކު ޔުނައިޓެޑަށްވެސް ކިއުޕީއާރްގެ ގޯލަށް މާ ގިނަ ނުރައްކަތަކެއް ކުރެވިފައި ނުވެއެވެ. އެ ޓީމަށް މެޗުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ދެވަނަ ހާފްގެ އިތުރު ވަގުތުގެ ތެރޭ ޖޭމްސް އެންތޮނީ ވިލްސަން އެވެ.

ރޭ ސައުތޭމްޕްޓަން އާއި ނިއުކާސްލް ބައްދަލުކުރި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، މެޗުގެ ލީޑު ފުރަތަމަ ނެގީ ނިއުކާސްލް އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ 14 ވަނަ މިނެޓުގައި އެ ޓީމްގެ އެލިއާ އެވެ. ނަމަވެސް ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ ނިއުކާސްލް ވަނީ ފަހަތުން އަރައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 29 ވަނަ މިނެޓުގައި ނިއުކާސްލްގެ ހަމައެކަނި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީ، މެޗުގެ ނަތީޖާ އެ ޓީމަށް ހަމަހަމަ ކޮށްދިނީ ޔުއާން ގުފްރޯން އެވެ.

މެޗުގެ 62 ވަނަ މިނެޓުގައި ސައުތޭމްޕްޓަނަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދިނީ އެ ޓީމްގެ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކުރި އެލިއާ އެވެ. ސައުތޭމްޕްޓަންގެ ލީޑާއެކު ނިއުކާސްލް ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް، އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވުމުން، އެ މެޗުގެ ތިން ޕޮއިންޓް ހޯދާފައި ވަނީ ސައުތޭމްޕްޓަން އެވެ.