18 Jan 2015, 13:10
ތަފާތު އެކި ބޭނުންތަކުގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރާ މީހުންނާ އެއްތަނެއްގައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ގާނޫނީ ވަކީލުން ބައިތިއްބަން ފަށައިފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ، އެކި ބޭނުންތަކުގައި ކޯޓަށް ހާޒިރުކުރާ މީހުންނާ އެއްތަނެއްގައި ޕީޖީގެ ވަކީލުން ބައިތިއްބަން ނިންމީ އެ ކޯޓުގައި ޖާގަ ނެތުމުން ކަމަށެވެ.
ދައުލަތުގެ ވަކީލުންނާއި ދިފާއީ ވަކީލުންނަށް ޚާއްސަ ކޮޓަރިއެއް މީގެކުރިން ކްރިމިނަލް ކޯޓުގައި ހުރެއެވެ. އެހެންނަމަވެސް ޕްލައިވުޑް ފިލައިން ހަދާފައިވާ އެ ދެ ކޮޓަރި އެއްކޮށްލުމަށްފަހު މިހާރު ވަނީ ބޮޑު ކޮޓަރިއެއް ހަދާފައެވެ.
މަނިކު ވިދާޅުވީ، އެ ދެތަން އެއްކޮށްލުމަށްފަހު އާ ކޮޓަރިއެއް ހަދާފައި ވަނީ އެ ކޯޓަށް އަލަށް ހަމަޖެއްސި ކޯޓު މާސްޓަރުން ތިބޭނެތަނެއް ނެތުމުން ކަމަށެވެ.
"ކޯޓު މާސްޓަރުންގެ މަގާމަކީ ކޯޓުތަކަށް އަލަށް އުފެއްދި މަގާމެއް. މި ކޯޓަށް ވެސް ވަނީ އެ މަގާމަށް މީހަކު ހަމަޖައްސާފައި. އެހެންވީމަ ކޯޓު މާސްޓަރުން ތިބޭނެ ތަނެއް ހަމަޖެއްސުމަކީ ކޯޓުގެ ޒިންމާއެއް،" މަނިކު ވިދާޅުވި އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ގިނަ އަދަދެއްގެ ލިޔެކިޔުންތަކާއެކު ދައުވާ ލިބޭ މީހުންނާ އެއްތަނެއްގައި ތިބެން ޖެހުމުން އެބޭފުޅުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. ދައުވާ ލިބޭ މީހުން ވެސް ވަދެ ނުކުމެ އުޅޭތަނުގައި ތިބެން ޖެހުމަކީ ރައްކާތެރިގޮތެއް ނޫން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މިކަމާ ބެހޭގޮތުން ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން މިއަދު 'ސަން'އަށް ވިދާޅުވީ، ޝަރުއީ ދާއިރާގެ އެންމެ އިސް ފަރާތްތަކާ ބައްދަލުކޮށް އެ އޮފީހުގެ ވަކީލުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކިތަންމެ ދަތިކޮށް މަސައްކަތް ކުރަން ޖެހުނަސް ޕީޖީ އޮފީހުގެ ވަކީލުން ކޯޓަށް ފޮނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.