07 Feb 2011, 18:57
މާލޭގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން މިހާތަނަށް ލިބުނު ނަތީޖާތަކަށް ބަލާއިރު 58 ޕަސެންޓު މީހުން ވޯޓުލުމަށް ނުނިކުންނަ ކަމަށް އިލެކްޝަންސްގެ ތަފާސްހިސާބުން ދައްކައިފި އެވެ.
މާލޭގައި މުޅި ޖުމްލަ ވޯޓުލުމަށް ނުކުމެފައި ވަނީ 17،289 މީހުންނެވެ. އެކަމަކު ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމްލަ އަދަދަކީ 40،253 މީހުންނެވެ. އެންމެ ގިނައިން ވޯޓުލުމަށް ނުކުމެފައިވާ ވަނީ ވާދަވެރި މައްޗަންގޮޅީ ދެކުނު ދާއިރާގެ މީހުންނެވެ. އެ ދާއިރާގެ 2080 މީހުން ކައުންސިލް އިންތިހާބުގައި ވޯޓުލާފައިވެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގައި އެންމެ މަދުން ވޯޓުލުމަށް ނުކުމެފައި ވަނީ ގަލޮޅު ދެކުނު ދާއިރާގަ އެވެ. އެއީ އެންމެ 955 މީހުންނެވެ. އެ ދާއިރާ ކާމިޔާބުކޮށްފައި ވަނީ ޑީއާރުޕީގެ ކެންޑިޑޭޓް އިބްރާހިމް ސުޖާއު އެވެ.
މާލޭ ސިޓީ ކައުންސިލް އިންތިހާބު އެންމެ ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ފަލާހެވެ. ފަލާހާއި އެ ދާއިރާ އިން ދެ ވަނަ އަށް ދިޔަ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ހަސަން ވަހީދާ ދެމެދު މިހާތަނަށް 549 ވޯޓު ތަފާތު އެބަ އުޅެ އެވެ.
އެންމެ ފަރަގު ކުޑަ ނަތީޖާއަކުން މާލޭ ސިޓީ ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ވެސް އެންމެ މަދުން ވޯޓުލުމަށް މީހުން ނުކުތް ދާއިރާ ކަމަށްވާ ގަލޮޅު ދެކުނު ދާއިރާގެ ކެންޑިޑޭޓް ސުޖާއު އެވެ. ސުޖާއު އާއި ގަލޮޅު ދެކުނު ދާއިރާއިން ދެ ވަނައަށް ދިޔަ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ޝަފީއުއާ ތަފާތު އުޅެނީ އެންމެ 35 ވޯޓެވެ.