ލ. ގާދޫ ކައުންސިލުގެ މެންްބަރު އިބްރާހިމް އަހްމަދު ވީނުވީއެއް ނޭނގި ކައުންސިލަށް ގެއްލިފައިވާކަމަށް އެރަށު ކައުސިލުން ބުނެފި އެވެ.

ގާދޫ ކައުންސިލުގެ ރައީސް އަބްދުލް އަޒީޒު މިއަދު 'ސަން' އަށް ވިދާޅުވީ ކައުންސިލަށް ސަލާމް ބުނެ ސިޓީ އެއް ފޮނުވިފަހުން، އޭނާގެ ޚަބަރެއް ނުވާކަމަށެވެ. އަދި އޭގެ ފަހުން ސަލާމްވެސް ފޮނުވާފައި ނުވާކަމަށް އަޒީޒު ވިދާޅުވި އެވެ. އަދި ކައުންސިލަށް އިބްރާހީމް އަހްމަދުގެ ޚަބަރެއް ނުވާތާ 27 ދުވަސް ވެފައިވާ ކަމަށާއި، ކައުންސިލުގެ ރައީސް އޭނާއަށް ފޯނުން ގުޅަން ކުރި މަސައްކަތް ކާމިޔާބު ވާގޮތް ނުވި ކަމަށް އަޒީޒު ވިދާޅުވި އެވެ.

"ފޯނުން ގުޅޭ މީހުނަށް ގުޅޭ، ކައުންސިލަށް އެއްވެސް ގޮތަކަށް އޭނައާ ގުޅޭގޮތެއް ނުވި" އަޒީޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިބްރާހިމް އަހްމަދު އެ ރަށުގައިވެސް ނޫޅޭ ކަމަށެވެ. އަދި ކައުންސިލަރު ކަމަށް އިންތިޚާބުވި ދުވަހުން ފެށިގެން ވެސް އިބްރާހީމް އަހްމަދަކީ ސަލާމުގައި ނުވަތަ ޗުއްޓީގައި ގިނަ ދުވަހު ހޭދަކުރާ ބޭފުޅެއް ކަމަށް އަޒީޒު ވިދާޅުވި އެވެ. އިބްރާހިމް އަހްމަދު އޮފީހަށް ހާޒިރުނުވިނަމަވެސް ގަވާއިދުން މުސާރަ ލިބޭކަމަށް ކައުންސިލުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.

ގާދޫ ކައުންސިލުން މިއަދު ވަނީ އިބްރާހިމް އަހްމަދު ވީނުވީ އެއްނޭންގި ގެއްލިވައިވާތީ، އެކަމާމެދު ގޮތެއް ނިންމުމަށް، މިއަދު ބާއްވަން އޮތް ކައުންސިލްގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ. އެހެންނަމަވެސް ދިމާވި ކުއްލިމައްސަލައަކާ ހެދި ޖަލްސާ ވަނީ މިއަދު ބޭއްވޭ ގޮތް ނުވެފަ އެވެ. އަދި އަންގާރަ ދުވަހު ޖަލްސާ ބާއްވައި އެކަމާމެދު ގޮތެއް ނިންމާނެ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.