މަރުކަޒީ ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ގޯތިތެރޭގައި ބުޅާ ގިނަވަމުގެ މައްސަލަ މިހާރު ހައްލުކުރެވިފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރިޝްވާން މިއަދު 'ސަން'އަށް ވިދާޅުވީ، ގިނަ އަދަދެއްގެ ބުޅާ އެ ހޮސްޕިޓަލްތެރެއަށް ވަންނަމުންދާތީ އެ ހޮސްޕިޓަލްގެ ބައެއް ސްޓާފުންގެ މަސައްކަތުން ބުޅާތައް "ބޭރުކޮށް" އެކަމަށް ހައްލެއް ގެނެސްފައިވާ ކަމަށެވެ.

"އެ ބުޅާތައް ހިފާފައި ބޭރުކޮށްފިން މިހާރު. އޭގެ ފަހުން ބުޅަލެއްގެ ހަބަރެއް ނުވޭ،" ރިޝްވާން ވިދާޅުވި އެވެ.

ހޮސްޕިޓަލް ތެރެއަށް ބުޅާ ވަނުމުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން ފަނިފަކުސާ މެރުމުގެ މަސައްކަތްވެސް ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާކަމަށް ރިޝްވާން ވިދާޅުވި އެވެ.

ސަންއަށް މައުލޫމާތު ހިއްސާކުރި ބައެއް މީހުން ބުނި ގޮތުގައި މީގެ ކުރިން އެ ހޮސްޕިޓަލްގައި ހިދުމަތްދޭ ކަންއުންޓަރުތަކުގައި މީހުން ނުތިބޭ ވަގުތުތަކުގައި ގިނައިން އެތަނުގައި ތިބެނީ ބުޅަލެވެ. އެގޮތުން އައިޖީއެމްއެޗްގެ ކައުންޓަރަށް ބުޅަލެއް އަރައި އޮތް މަންޒަރު ދަށްކުވައިދޭ ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގައި ވެސް އާންމުވެފައެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗްގެ ގޯތިތެރޭގައި ވެސް ގިނަ އަދަދެއްގެ ބުޅާ އުޅެ އެވެ. މިކަމުގެ ޝަކުވާ އެ ހޮސްޕިޓަލަށް ވަނީ ހުށައަޅައިފައެވެ.