18 Jan 2015, 12:18
ޕޯޗުގަލްގެ ފުޓުބޯޅަ ތަރި ކްރިސްޓީއާނޯ ރޮނާލްޑޯއާއި އޭނާގެ ލޯބިވެރިޔާ އައިރީނާ ޝައިކްއާ ދެމީހުން ފަސް އަހަރުފަހުން ރުޅިވެއްޖެ އެވެ.
މި ދެ ލޯބިވެރީންގެ ގުޅުމަށް ނިމުމެއް ގެނައިކަން މީޑިއާތަކަށް ޔަގީން ކޮށްދީފައިވަނީ އައިރީނާ 29،ގެ އެޖެންޓެވެ.
އުމުރުން 29 އަހަރުގެ ރޮނާލްޑޯގެ ފޭނުން އެ ދެލޯބިވެރިންގެ ގުޅުމާ ދޭތެރޭ ފުރަތަމަ ސުވާލު އުފައްދާފައިވަނީ ބެލޮންޑޯ އެވޯޑަށް އައިރީނާ ހާޒިރުނުވި ހިސާބުންނެވެ. އަދި އެ ހަފްލާގައި ރޮނާލްޑޯގެ ޝުކުރު ލިސްޓުގައި އައިރީނާގެ ނަން ނުބުނުމުން ނެވެ.
ނަމަވެސް އޭރު އެކަން އެ ދެމީހުންގެ ފަރާތުން ޔަގީންކޮށްދީފައެއްނުވެ އެވެ. އަދި އޭރު އެދެމީހުންގެ ދެމެދު ކުނިޖެހެން ފަށާފައިވާ ވަނީ ރޮނާލްޑޯގެ މަންމައާ ހެދި ކަމަށް ވެސް ބައެއް މީޑިއާ ތަކުގައި ބުނެފައި ވެއެވެ.
ނަމަވެސް އައިރީނާގެ ސްޕޯކްސްޕާސަން ބުނެފައިވަނީ އެ ދެމީހުން ރުޅިވުމުގެ ފަހަތުގައި ވަނީ ރޮނާލްޑޯގެ އާއިލާ ނޫން ކަމަށެވެ. އަދި ރުޅިވާން ދިމާވި ސަބަބެއް ސްޕޯކްސްޕާސަން ނުބުނެ އެވެ.
ނަމަވެސް ބައެއް ރިޕޯޓު ތަކުގައި ބުނެފައިވަނީ 'ގޯލްޑަން ކަޕްލް'ގެ ރުޅިވެރިކަން ހޫނު ފެނަށް ވެއްޓުނީ ޑުބާއީގައި ދެމީހުން އެއްކޮށް ކްރިސްމަސް ފާހަގަ ކުރުމަށްފަހު ރޮނާލްޑޯގެ މަންމަގެ 60 ވަނަ އުފަންދުވަސް ފާހަގަ ކުރުމުގެ ހަފްލާގައި ބައިވެރިވާން އައިރީނަ ދެކޮޅު ހެދުމުން ކަމަށެވެ.
ރެއާލް މެޑްރިޑްގެ ސްޓްރައިކަރުގެ މަންމައާއި އައިރީނާއާ ދެމެދު އޮންނަ ގުޅުން ގޯސްވެފައިވާތާ މަސްތަކެއް ވެފައިވާކަމަށް ބޭރުގެ މީޑިއާތަކުގައި ލިޔެފައިވީ ނަމަވެސް، އައިރީނާގެ ސްޕޯކްސް ޕާސަން ބުނެފައިވަނީ ތިންފަހަރު ބެލޮންޑޯ އެވޯޑް ހޯދާފައިވާ ރޯނާލްޑޯގެ އާއިލާއާ އައިރީނާއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ. އަދި އައިރީނާއޭ ކިޔައިގެން ނޫސްތަކުގައި ފަތުރަނީ ދޮގު ހަބަރުތަކެއް ކަމަށް ވެސް ޑެއިލީ މެއިލް ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި އައިރީނާގެ ސްޕޯކްސް ޕާސަން ބުނެފައިވެ އެވެ.