އެއީ މއ. ކަމޭލިއާ، އަލްމަރްހޫމް ޑީ. އަހުމަދު ދީދީގެ ދީލަތި އެހީއެއްގެ ގޮތުގައި މައްޗަންގޮޅީ ކުދިންނަށް ތައުލީމް އުނގަންނައިދިނުމަށް ހަދައިދިން އެދުރުގެ އެކެވެ. އަވަށު ވާދަވެރިކަން އޮތް ދުވަސްވަރެއްގައި މައްޗަންގޮޅި ހިންގެވުމުގައި އިސްކޮށް އޭރު ހުންނެވި އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ތޫނު ވިސްނުންފުޅެވެ. މީގެ 32 އަހަރު ކުރިން ހުޅުވިގެން ދިޔަ އެ މަރުކަޒަކީ މިއަދު މަންޗަންގޮޅީގެ ފަހުރެކެވެ. ގައުމަށް ބޭނުންތެރި އެތައް މާލިމީންނެއް އުފައްދާފައިވާ އެ މަދްރަސާއަކީ މިއަދު ބައިނަލްއަގްވާމީ ފެންވަރުގައި ކިޔަވައިދޭ ތަނެކެވެ. އެއީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ގާތްގަނޑަކަށް 200 ވަރަކަށް ދަރިވަރުންނާ އެކު ފެށި މަދުރަސަތުލް އަހުމަދިއްޔާއަކީ މިއަދު ކެމްބްރިޖް އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ އެހެން ސްކޫލްތައް ވެސް ވާދަކުރާ، ކާމިޔާބު ފަސް މާއްދާ އިން ފާސްވާ ނިސްބަތުން ކޮންމެ ސްކޫލެއްގައި ވެސް 60 ޕަސެންޓަށް ވުރެ މަތިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ޓާގެޓް ކޮންމެ އަހަރަކު ވެސް ހާސިލްކުރާ ސުކޫލެކެވެ. އެއް އަހަރުން އަނެއް އަހަރަށް ނަތީޖާ ރަނގަޅު ކުރުމުގެ އަޒުމާއެކު އެވެ. މިއަދު އެ ސްކޫލް މިވަނީ އިތުރު ކާމިޔާބީތަކެއް ހާސިލްކުރުމަށް ދަތުރު ފަށާފަ އެވެ. ދުނިޔޭގެ ފެންވަރުގެ ބަދަލުތަކާކާ އެކު އެވެ.

"އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުވުމާ ގުޅިގެން ކިޔަވައިދިނުމުގެ ފެންވަރާއި މުދައްރިސުންގެ ފެންވަރާއި ތަނުން ދަރިވަރުންނަށް ލިބޭނެ ހިދުމަތްތަކަށް ވެސް ބަދަލެއް އަންނާނެ. މަސައްކަތްތެރިކަމާއި ލީޑާޝިޕް ޕްރޮގްރާމްތަކާއި އަންހެން ދަރިވަރުންނަށް ހާއްސަ ކޮށްގެން ހޯމް ސައިންސް ތައާރަފްކުރެވޭނެ،" އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ހިންގުންތެރި ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ކުލާހެއްގައި ދަރިވަރުން ކިޔަވަނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ޕްރީ ސްކޫލަކާއި ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ ގްރޭޑްތަކަށް ކިޔަވައިދޭ އަހުމަދިއްޔާ އިންޓަނޭޝަނަލްކޮށް، ސްކޫލަށް ބޮޑެތި ބަދަލުތަކެއް ގެނައި ނަމަވެސް، ކިޔަވައިދެމުން ދަނީ ރާއްޖޭގެ ސްކޫލްތަކުގައި އަމަލުކުރަން ފަށާފައިވާ ގައުމީ އާ މަންހަޖަށެވެ. އެއާ އެކު ރާއްޖޭގައި ޑިމާންޑް އޮންނަ ބައެއް ބޭރު ބަސްތައް މާއްދާތަކެއްގެ ގޮތުގައި ކިޔަވައިދޭން ވަނީ ފަށާފަ އެވެ.

"ބޭރުގެ ކަމާބެހޭ ތަޖުރިބާކާރު ޓީޗަރުންނާ އެކު ސްކޫލުގައި އަރަބި ބަހާއި ޗައިނީސް ބަސް ކިޔަވައިދޭން ވަނީ ފަށާފައި. ކުރިއަށް އޮތްތަނުގައި އޮސްޓްރޭލިއާ އަދި ޔޫރަޕްގެ ގައުމުތަކުން ބައެއް ޓީޗަރުން ކިޔަވައިދިނުމަށް ޓަކައި ގެންނާނަން. ލޭންގުއޭޖް ކޯޑިނޭޓަރުންގެ ގޮތުގައި އިނގިރޭސި ވިލާތް އަދި އޮސްޓްރޭލިއާއިން ޓީޗަރުން ގެނައުމުގެ މަސައްކަތްކުރަމުން މިދަނީ،" ޕްރިންސިޕަލް އެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ހިންގުންތެރި ޕްރިންސިޕަލް މުހައްމަދު ރަޝީދު ސަން އަށް އިންޓަވިއުދެއްވަނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ބަދަލުތަކެއް އައީ ހަމައެކަނި އަހްމަދިއްޔާގެ ކިޔަވައިދިނުމަކަށް ނޫނެވެ. އެ ސްކޫލްގެ ދަރިވަރުންނަށް ފަސޭހަ މާހައުލެއްގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސްކޫލް މާހައުލަށް ވެސް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކްލާސްރޫމްތައް ވަނީ ޒަމާނާ އެއްގޮތަށް ފަރުމާކުރާން ފަށާފަ އެވެ. ބައެއް ކްލާސްރޫމްތައް އޭސީކޮށް، ސްމާޓް ބޯޑާއި ޕްރޮޖެކްޓަރު ހަރުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މީގެ އިތުރުން ދަރިވަރުންގެ ކުރިއެރުމަށް ވެސް އެ ސްކޫލުގައި ދުރު ރާސްތާ މާސްޓާސް ޕްލޭނެއް އެބަ އޮތެވެ.

"ކުރިމަގުގައި އެހެން އިންޓަނޭޝަނަލް ސްކޫލް ތަކާއެއްކޮށް ޕްރޮގްރާމްތައް ހިންގުމަށް ރާވާފައި އޮންނާނެ މާސްޓާ ޕްލޭންގައި. އެ ޕްރޮގްރާމްތައް ކައިރި މުސްތަގްބަލެއްގައި އެހެން ސްކޫލްތަކާ ގުޅިގެން ދަރިވަރުންނަށް ހިންގާނެ. އަދި އަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުން ބައެއް އިންޓަނޭޝަނަލް ސްކޫލްތަކަށް ދަރިވަރުން ގޮސް ތަޖުރިބާ ހޯދުމުގެ ފުރުސަތު ވެސް މާސްޓާ ޕްލޭންގައި ހިމެނިފައިވޭ. އެކަންތައްތައް ތަންފީޒު ކުރަމުން ގެންދާނަން. އަޅުނގަޑުމެން ބަލަނީ ވަށާ ޖެހޭ ތައުލީމެއްގެ ތެރެއިން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަންތައް ކުރާ އުސޫލަށް އަހުމަދިއްޔާ ފައްތައިގެން މަސައްކަތްކުރުން،" ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރުމާ އެކު އަހުމަދިއްޔާގެ މިސްރާބު ހުރީ ދަރިވަރުންނަށް ދެވޭ ތައުލީމާއެކު އެކުދީންގެ ބެލެނިވެރީންނަށް ވެސް ތަމްރީން ދިނުމަށެވެ. އަހުމަދިއްޔާގައި ހިދުމަތްކުރައްވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ އެ ސްކޫލުގެ އެކަޑަމިކް ސުޕަވައިޒަރު އަލީ އާދަމް ވިދާޅުވީ، ސްކޫލަށް އަންނަ ބަދަލާއެކު ބެލެނިވެރިންނަށްވެސް ތަމްރީން ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށެވެ.

އެގޮތުން، "ދަރިވަރުންނަށް ދިމާވާ ސިއްހީ ކަންތައްތައްތަކާ ބެހޭ މައުލޫމާތު ދިނުމަށް ކަމާ ގުޅޭ ޑޮކްޓަރުން ގެނެސްގެން ތަމްރީން ޕްރޮގްރާމްތައް ހިންގާނެ،" ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ސްކޫލެއްގެ ޅަފަތުގައި އަހުމަދިއްޔާ އޮތް ނަމަވެސް ސްކޫލުގެ އަމާޒަކަށް ބަދަލެއް ނާދެ އެވެ. ސްކޫލާއި ޕްރިންސިޕަލްގެ އުއްމީދަކީ، ބައިނަލްއަގްވާމީ ފެންވަރުގެ އެހެން ސްކޫލްތައް ވެސް ހިނގާގޮތަށް އަހުމަދިއްޔާ ބައްޓަން ކުރުމެވެ. އެ ފެންވަރަށް ދަރިވަރުންނަށާއި ޓީޗަރުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމެވެ. ސްކޫލުގެ ފެންވަރު މަތިވުމާއެކު އަހުމަދިއްޔާގެ އަޒުމަކީ ފަހަތް ބެލުމެއްނެތި ކުރިއަށްދިއުމެވެ. އަހުމަދިއްޔާ އިން ނުކުންނަ ކޮންމެ ކުއްޖަކީ މައުލޫމާތު މުއްސަނދި ތައުލީމީ ގޮތުން ބުރަދަންހުރި ކުއްޖަކަށް ހެދުމެވެ.

"އަހުމަދިއްޔާ ސްކޫލުގެ އަސާސަކީ ކިޔެވުމުގައި ރަނގަޅު ނަތީޖާތަކެއް ހޯދުން. އަޅުނގަޑުމެންގެ ބިންގާ މިހާރު މިއޮތީ ކިޔެވުމުގައި ހޯދާ ކާމިޔާބީތައް ތަކުރާރުކުރަން. މުސްތަގްބަލްގައި ވެސް ކުރިއަށްވުރެ ރަނގަޅު ނަތިޖާތަކެއް ހޯދުމަށްޓަކައި މަސައްކަތްކުރާނަން. ދަރިވަރުން އެގޮތުގައި މަސައްކަތްކުރާނެ. ވިސްނުންހުރީ އޯލެވެލް އިމްތިހާނުގައި މިހޯދާ ކާމިޔާބީތައް އިންޓަނޭޝަނަލް ސްކޫލަކަށް ވުމަށްފަހުގައި ވެސް އެ ކާމިޔާބީތައް ތަކުރާރުކުރާ ސްކޫލަކަށް އަހުމަދިއްޔާ ވެގެން ދިޔުން. އެކަމަށް މަސައްކަތްތަކެއްވެސް ކުރާނަން،" ޕްރިންސިޕަލް ވިދާޅުވި އެވެ.

ޕްރިންސިޕަލްގެ ބަހުން އެކަން ސާފުވެއްޖެ އެވެ. ދަރިވަރުންގެ މުސްތަގްބަލް އުޖާލާކުރުމަށް އަހުމަދިއްޔާ ސްކޫލުން ކުރަމުން ގެންދާ ބުރަ މަސައްކަތް ދަރިވަރުންގެ ބެލެނިވެރިން ވަޒަންކުރެ އެވެ. އެކަމަށްޓަކައި ޝުކުރު އަދާކުރެއެވެ. އަދުގެ ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ އެކަން ފާހަގަކުރައްވާފަ އެވެ.

"އަހުމަދިއްޔާ ސްކޫލަކީ ގިނަ ދަރިވަރުންތަކެއްގެ ތައުލީމީ ހަޔާތް ބާއްޖަވެރިކޮށްދެމުން އަންނަ ތަނެއް. އަހުމަދިއްޔާ ހޯދި ވަނަތަކާއި އަހުމަދިއްޔާ މީގެ 32 އަހަރު ކުރިން އޮތް ހިސާބާ މިއަދު އޮތް ހިސާބަށް ބަލާއިރު މި ސްކޫލަކީ އެހެން ސްކޫލްތަކަށްވުރެ ބޮޑަށް ދިވެހި ރައްޔިތުންގެ ލޯތްބާއި އެހީތެރިކަން ބޭނުންވާ ސްކޫލް،" އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރުމަށް ފަހު ރަސްމީކޮށް އަހުމަދިއްޔާ ހުޅުވުމަށް އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ކިޔެވުމުގެ އިތުރުން ސްކޫލްތަކުގެ މެދުގައި ކުރިއަށް ގެންދެވޭ ތަފާތު މުބާރާތްތަކުގައި ވެސް އަހުމަދިއްޔާ ދަމަހައްޓަމުން އަންނަ ކާމިޔާބީތަކުގެ ވާހަކަދެއްކިދާނެ އެވެ. ކޮޅެއް ނެތް މިންވަރަށެވެ. ނަމަވެސް އަހުމަދިއްޔާ ދަމަހައްޓަމުން އަންނަ އެ ކުރިއެރުންތަކަށް ދިމާވާ ދަތިތަކެއް އެބަހުއްޓެވެ. އެއް ދަންފަޅިއަކަށް ސްކޫލް ހިންގަން ބޭނުންވި ކަމުގައިވީ ނަމަވެސް އެކަމެއް ވާކަށްނެތެވެ. ކުޑަ ތަންކޮޅެއްގައި ތިން ސްކޫލެއް ހިންގަން ޖެހުމުން ޖާގައިގެ މައްސަލައަކީ އެ ސްކޫލަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ޖާގައިގެ ދަތިކަމާއި ވަސީލަތްތަކުގެ ދަތިކަމުން ގިނަ ކުދިން ގެންގުޅެން ދައްޗެވެ. ސްކޫލަށް ވަންނަން އެދޭ ކުދިންނަށް ފުރުސަތު ވަނީ ގެއްލިފަ އެވެ.

"ޖާގައިގެ ދަތިކަމާއި ވަސީލަތްތަކުގެ ދަތިކަމުން މިހާ ގިނަ ކުދިން ގެންގުޅުން ދަތިކަމަކަށްވެފައި ވަނީ. އަހުމަދިއްޔާ ޕްރީ ސްކޫލް ވަކިކުރެވިއްޖެ ނަމަ ޕްރައިމަރީ ސެކަންޑަރީ ހަޔާ ސެކަންޑްރީ އެއް ސްކޫލެއްގެ ތެރޭގައި ހިންގޭނެ. ޖާގައިގެ ދަތިތަކަމަށް ހައްލެއް އައިސްފިނަމަ ވަރަށް ފަސޭހައިން ސްކޫލް ހިންގޭނެ. ވިސްނުން އެބަހުރި އެއްދަންފަޅިއަށް ބަދަލުކޮށްގެން ރަނގަޅު ފެންވަރެއްގައި ހިދުމަތްދެވޭނެ ގޮތްތަކައް ހަނދާނަން،" ޕްރިންސިޕަލް ރަޝީދު ވިދާޅުވި އެވެ.