18 Jan 2015, 12:05
މަސްވެރިކަން ކުރުމަށް ބޭނުންކުރާ އެއްޗެހިތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ޓީ ޖެޓީ ސަރަހައްދުގައި އޮތް ދޯންޏަކުން ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ސާމާނުތަކަކާ އެކު އުމުރުން 24 އަހަރުގެ މީހަކު އިއްޔެގެ 10:12ގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ހައްޔަރު ކުރި މީހާ ބަލައިފާސްކުރި އިރު، ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭ ރޭޑިއޯ ސެޓަކާއި ބުޅިއާއި ފިޝިންގް ލައިޓާއި ކަންވާރާއި ބަރިތަކެއްގެ އިތުރުން ވަދުތަކަކާއި ބޭރު ފައިސާތަކެއް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެތަކެތި ފެނިފައި ވަނީ އޭނާ ގެންގުޅުނު ބެޑްޝީޓެއްގެ ތެރެއަށް ލައި ފޮރުވާފައިވަނިކޮށް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހަކީ 63 ފަހަރު ހުއްޓުވައި ސުވާލުކޮށް 47 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 24 ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ދެ މައްސަލައެއްގެ ތަހުގީގު ނިންމައި ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވައިފަ އެވެ. މީގެ އިތުރުން އޭނާއަކީ ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ގިނަ އަދަދެއްގެ ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.