18 Jan 2015, 11:50
ފްރާންސުގެ ކޮންޓްރަވާސަލް ނޫސް ޗާލީ ހެބްޑޫ އަށް ދިން ހަމަލާއާ ގުޅޭ ގޮތުން ކުރި ޓުވީޓްތަކެއްގެ މައްސަލައެއްގައި މަޝްހޫރު އެންކަރު ޖިމް ކްލެންސީ 34 އަހަރަށް ފަހު ސީއެންއެން އިން އިސްތިއުފާދީފި އެވެ.
ބައެއް ނޫސްތަކުން މިއަދު ބުނީ ޗާލީ ހެބްޑޫ ނޫހަށް ހަމަލާދީ 12 މީހަކު މަރާލި ހާދިސާއާ ގުޅޭ ގޮތުން ކްލެންސީ ފުރަތަމަ ކުރި ޓުވީޓްގައި، އެ ނޫހުގެ ކާޓޫންތަކުގައި ކީރިތި ރަސޫލާ މުހައްމަދުގެފާނަށް ފުރައްސާރަ ނުކުރާ ކަމަށް ބުނި ކަމަށެވެ. އަދި ބުނީ އެ މީހުން މަލާމާތް ކުރީ ކީރިތި ރަސޫލާގެ ބަސްފުޅުތައް ގަނޑުބަޑުކޮށްގެން އެ ވާހަކަތައް ފަތުރާ މީހުންނަށް ކަމަށެވެ. ނަމަވެސް ދެން އޭނާ ފާޑުކިޔަން ފެށީ އިޒުރާއީލުގެ ސަޕޯޓަރުނަށެވެ. ކްލެންސީގެ ޓުވީޓާ އެކައުންޓް ފަހުން ވަނީ ޑިލީޓްކޮށްފަ އެވެ. ނަމަވެސް އޭނާގެ ޓުވީޓްތައް ވަނީ އެތައް މީޑިއަމްތަކެއްގައި ޝާއިއުކޮށްފަ އެވެ. އޭނާގެ ފުރަތަމަ ޓުވީޓް 600 އަށް ވުރެ ގިނަ މީހުން ރީ ޓުވީޓް ވެސް ކޮށްފައިވެ އެވެ.
ކްލެންސީ އިސްތިއުފާ ދިންކަން ސީއެންއިނ ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި ބުނީ އޭނާ އަށް ހުރިހާ ރަނގަޅަކަށް އެދޭ ކަމަށެެވެ. ކްލެންސީ ވެސް އަދި ސީއެންއެން އިން ވެސް އޭނާ ވަކިވީ ކީއްވެގެން ކަމެއް ނުބުނެ އެވެ. '
ނަމަވެސް ބައެއް މީޑިއާތަކުން ބުނީ އޭނާ އިސްތިއުފާދިނީ އިޒުރާއީލުގެ ޔަހޫދީންގެ ޕްރެޝަރާ ހުރެ ކަމަށެވެ.
ކްލެންސީ ވަނީ މެދުނުކެނޑި 30 އަހަރުވަންދެން ސީއެންއެންގެ އެންކަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އަދި ދުނިޔޭގައި ހިނގި ބޮޑެތި ހާދިސާތަކުގެ އެންކަރުކަން ވެސް ކޮށްފަ އެވެ. "ދަ ބްރީފް"ގެ ނަމުގައި އޭނާ ހުށަހެޅި ބޮޑެތި ޝޯތަކުގެ ތެރޭގައި ބާލިން ފާރު ވައްޓާލި ހާދިސާ އާއި ރްވެންޑާ ޖެނޮސައިޑް އަދި އިރާގް ހަނގުރާމަ ހިމެނެ އެވެ.