ރަޝާ އިން އަޅުވެތިކޮށްފައިވާ ޝީޝާންގައި އެގައުމުން ގާއިމްކޮށްފައިވާ ގޮނޑިކޮށްކޮ ސަރުކާރުން މީހުންގެ ގެތައް އަންދައި ބިމާ ހަމަކުރަމުން އެބަދެ އެވެ.

ޝީޝާނުގައި އޮންނަ ގޮނޑިކޮށްކޮ ސަރުކާރުން އެކަން ފެށީ މިދިޔަ ޑިސެމްބަރު މަހު ހަނގުރާމަވެރިންގެ ބަޔަކު ވެރިރަށް ގްރޯޒްނީގައި ދިން ހަމަލާތަކަކަށް ފަހުގަ އެވެ. ޑިސެމްބަރުމަހުގެ ތިންވަނަ ދުވަހުގެ ރޭ ދިން އެހަމަލާތަކުގައި 14 ފުލުހުންނާއި އާއްމުންގެ މީހަކު މަރުވި އެވެ. އަދި އޭގެ އިތުރުން ހަމަލާގައި ބައިވެރިވި ހަނގުރާމަވެރިންގެ 11 މީހަކު ވެސް ފުލުހުން ދިން ރައްދު ހަމަލާގައި މަރުވި އެވެ.

ޝީޝާނުގައި އޮތް މުސްލިމުންގެ ސަރުކާރު ވައްޓާލައި، އެ ވެރިކަން ދިފާއު ކުރުމަށް ޖިހާދުކުރި ޖަމާއަތްތައް ރަޝާ ސިފައިން ބަލިކުރި ފަހުން އެގައުމުގައި ދިން އެންމެ ނުރައްކާތެރި ހަމަލާ އަކީ އެއީ އެވެ. ކާކަސަސް އެމިރޭޓްގެ ނަމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ ގިނަ ކޮމާންޑަރުންތަކެއް އޭގެ ފަހުން ވަނީ އިރާގާއި ސޫރިޔާގައި ގާއިމްވެ ތިބި އިސްލާމިކް ސްޓޭޓް( އައިއެސް) އަށް ބައިއަތު ހިފިކަން އިއުލާންކޮށްފަ އެވެ.

ހަމަލާއާއި އޭގެ އޭގެ ފަހުން ހިނގައި ދިޔަ ކަންތައްތަކަށް ފަހު ޝީޝާނުގައި އޮންނަ ރަޝާގެ ގޮނޑިކޮށްކޮ ސަރުކާރުގެ ވެރިޔާ ރަމަޒާން ކަދީރޯވް ބުނެފައި ވަނީ ހަނގުރާމަވެރިންގެ އާއިލާތަކުގެ ގެތައް ބިމާހަމަކުރާނެ ކަމަށެވެ. ކަދީރޯވްގެ އެ އިންޒާރާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކުރިއެވެ. އަދި ރަޝާގެ މިނިވަން ޚިޔާލުގެ މީހުން އެމައްސަލަ އެގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލް އަށް ވެސް ހުށަހެޅި އެވެ. އެހެންވެ، ކަދީރޯވްގެ އެވާހަކައާ ދެކޮޅު ކަމަށް ރަޝާގެ ރައީސް ލަޑީމިއަ ޕޫޓިން ވެސް ބުންޏެވެ. ނަމަވެސް އެފަދަ ކަމަކާ ދެކޮޅަށް ފިޔަވަޅު ނާޅާނެކަމުގެ ޔަގީންކަން ރަޝާ ސަރުކާރުން ކަދީރޯވްއަށް ދިނެވެ.

ގެތައް ބިމާ ހަމަކުރާނެކަން ކަދީރޯވް އިއުލާންކުރިތާ އެއް ދުވަސް ތެރޭގައި ގެތައް އަންދަން ވަނީ ފަށާފަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ޖުމްލަ 15 ގެ އެއް ވަނީ އަންދާލާފަ އެވެ. އަންދާލައި އަދި އޭގެ ފަހުން ބުލްޑޯޒަރުން ކަހާލާފައިވާ އެ ގެތައް ހުރި ތަންތަނަށް އިނގިރޭސިވިލާތުގެ ޓެލެގްރާފް ނޫހުން ވަނީ ޒިޔާރަތްކޮށްފަ އެވެ.

"...އަނދިރި ކަމުގެ ތެރޭގައި ބަޔަކު އައި. އެމީހުން އެގޭގައި ދިރިއުޅުނު އާއިލާ އެގެން ނެރެ، ގޭގައި އަލިފާން ޖެހި. އަހަރެމެން އެދިމާއަށް ދާން މަސައްކަތް ކުރިން. އެކަމަކު އެމީހުން ( އަލިފާން ޖެހި މީހުން) އަހަރެމެން އަނބުރި ދިއުމަށް ބުނި،" އަންދާލާފައިވާ ގެއެއްގެ ކައިރީގައި ދިރިއުޅޭ މީހަކު ޓެލެގްރާފް ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

އޭނާ ބުނެފައިވާ ގޮތުގައި އެ ގެއަކީ ގްރޯޒްނީއަށް ހަމަލާ ދިން ހަނގުރާމަވެރިންނާ އެކު އެހަމަލާގައި ބައިވެރިވެ، މަރުވެދިޔަ ޒުވާނެއްގެ ގެއެވެ. އެގޭގައި ތިބި އޭނާގެ ތިމާގެ މީހުން، އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ގޮތުން ވަނީ ރޭގަނޑުގެ އަދިރިކަމުގައި ފިލައިގެން ގޮސްފައެވެ.

ކަދީރޯވްގެ ސަރުކާރުން ކުރާ ކަމަކީ ހަމަ އެކަނި ގެތައް އެންދުމެއް ނޫނެވެ. މީހުން ހައްޔަރުކޮށް، ކަރަންޓް ޖައްސައި، އިންސާނިއްޔަތާ ހިލާފު އަދަބުތައް ދިނުން ވެސް އެސަރުކާރުން ކުރިއަށް ގެންދެއެވެ. ( ޓެލެގްރާފް)