18 Jan 2015, 11:01
މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، އިބްރާހިމް ފަޒުލްގެ ނަން ޕްރައިވަޓައިޒޭޝަން ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުށަހަޅުއްވައިފި އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ފަޒުލް އަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅެކެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުގެ ޗެއާމަން މުހައްމަދު ނިޒާރު މިއަދު "ސަން" އަށް ވިދާޅުވީ އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް ބޭފުޅަކު އައްޔަން ކުރުމަށް ނަމެއް ފޮނުއްވާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ބޭފުޅެއްގެ ނަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވެސް ވަނީ އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް ބޭފުޅަކު އައްޔަން ކުރުމަށް ނަމެއް ފޮނުއްވާފައިވާކަން "ސަން" އަށް ކަށަވަރުކޮށްދެއްވާފައި އެވެ. އެހެންނަމަވެސް މުއާޒު ވެސް އެއީ ކޮންބޭފުޅެއް ކަމެއް ވިދާޅެއް ނުވެ އެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރެއްވުމަށް ފަޒުލްގެ ނަން ރައީސް ހުށަހަޅުއްވާފައިވާ އިރު، އޭނާ އަކީ ކުރިން ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީ ޕީޕަލްސް އެލަޔަންސް (ޕީއޭ)ގައި ވެސް އުޅުއްވި ބޭފުޅެކެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމު ހުސްވެފައި މިވަނީ އެމަގާމުގައި ކުރިން ހުންނެވި އަހުމަދު އުމަރު މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ވަކިކުރުމުންނެވެ. އޭނާ މަގާމަށް އައްޔަންކުރެއްވީ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުންނެވެ. އެކަމަކު އެއީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގެ ގޮތުގަ އެވެ.