ރި ބްރޭންޑްކޮށް އެމްއެންބީސީ ވަންގެ ނަމަށް ނަން ބަދަލުކޮށްފައިވާ ކުރީގެ ޓީވީ މޯލްޑިވްސް ހިންގުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން 53 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީ އަށް ލިބުނު ކާމިޔާބު ފާހަގަކުރުމަށް ޒައީމު މައުމޫންގެ ފަރާތުން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގައި ޑީއާރުޕީ ތަމްސީލު ކުރައްވާ، ވިލިމާފަންނު ދާއިރާގެ މެންބަރު ނިހާން ހަސަން މަނިކު ވިދާޅުވީ އެމްޑީޕީ މެދުވެރިކޮށް ސްޓޭޓް ބޭންކޮ އޮފް އިންޑިއާ އިން މިދިޔަ ހަފުތާގައި އެމްއެންބީސީ ވަން އަށް 53 މިލިން ރުފިޔާގެ ލޯނެއް ނަގާފައިވާ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފާއިތުވި ހަފުތާގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިވެގެން، އެމްޑީޕީގެ މަސައްކަތާ އެކު މިދެންނެވި ޗެނަލަށް [އެމްއެންބީސީ އަށް] 53 މިލިއަން ރުފިޔާ ލިބިފައި، ދަރަނީގެ ގޮތުގައި." ނިހާން ވިދާޅުވި އެވެ.

ނަމަވެސް އެ ލޯން ނެނގީ ކިހާ ދުވަހަކުން އަނބުރާ ދެއްކުމަށް ކަމެއް އަދި ކިހާ ވަރެއްގެ އިންޓަރެސްޓް ރޭޓެއްގައި ކަމެއް ނިހާނު ވިދާޅެއް ނުވެ އެވެ.

ނިހާން ތުހުމަތު ކުރައްވާ ލޯން އެމްއެންބީސީ ވަން އަށް ނެގިތޯ ޔަގީން ކުރުމަށް އެމްއެންބީސީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ހަލީލަށް ގުޅި އިރު ފޯން ނިއްވާލާފައި ހުރުމުން އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އަދި އެސްބީއައިގެ ސީއީއޯގެ ބަހެއް ވެސް ވަނީ ލިބޭގޮތް ނުވެފަ އެވެ. ކްރަޑިޓް މެނޭޖަރު ވިދާޅުވީ ސީއީއޯ އާ ގުޅުމަށެވެ.
ދައުލަތުގެ ކޮންޓިޖެންސީ ބަޖެޓުން މިދިޔަ އަހަރު 54 މިލިއަން ރުފިޔާ އެމްއެންބީސީ އަށް ދީފައިވާ ކަމަށް ބަޖެޓް މައުލޫމާތުން އެނގޭ ކަމަށް މާލިއްޔަތު ކޮމެޓީން ވަނީ ބުނެފަ އެވެ.