18 Jan 2015, 10:47
ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިންނާ އެއްވަރަށް މުސާރަ ބޮޑުކޮށްދީފައި ނުވާތީ ކުއްލިއްޔަތުލް ދިރާސާލުން އިސްލާމިއްޔާގެ ލެކްޗަރުން އެޑިއުކޭޝަންގެ މިނިސްޓްރީގެ އިސް ބޭފުޅަކާ ބައްދަލުކޮށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅަކާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކުއްލިއްޔާގެ ލެކްޗަރާއެއް ކަމުގައިވާ މުހައްމަދު ޒާހިރު ވިދާޅުވީ ޔުނިވާސިޓީގެ ލެކްޗަރާ އިންނާ އެއްވަރަށް އެބޭފުޅުންގެ މުސާރަ ކުޑަވާންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޔުނިވާސިޓީ އުފެދުމާ އެކު އެތަނުގެ ލެކްޗަރާ އިންގެ މުސާރަ ބޮޑުކޮށްފައި ވާތީ އެބޭފުޅުންނާ އެއްވަރަށް ކުއްލިއްޔާގެ ލެކްޗަރުންގެ މުސާރަ ބޮޑުކޮށްދިނުމަށް އެދި ކުއްލިއްޔާގެ ވެރިން ކަމާ ބެހޭ ފަރާތްތަކުގައި ދަންނަވައި މަޝްވަރާ ކުރަމުން އަންނަތާ ތިން އަހަރު ވެއްޖެ ކަމަށެވެ. އެހެންނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވުމުން ލެކްޗަރާއިން އަމިއްލަ އިސްނެގުމަކަށް މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރަން ނިންމީ ކަމަށް ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ ވެރިއެއް ކަމުގައިވާ އާދަމް ޝަރީފް އަހްމަދާ ބައްދަލުކޮށް އެބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާކުރުމުން، މުސާރައިގެ މައްސަލައިގައި ލެކްޗަރާއިން ކަންބޮޑުވެގެން އުޅޭކަން މީގެ ކުރިން އެނގިވަޑައިގެންފައިނުވާ ކަމަށް ވިދާޅުވި އެވެ. އަދި އެބޭފުޅުން ތަފްސީލުކޮށް މައުލޫމާތު ހިއްސާކުރުމުން މެންދުރު 12:00 ގެ ކުރިން ޖަވާބެއް ދެއްވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.

އެކަމާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.