އިސްލާމިކް ސްޓޭޓް ( އައިއެސް) އާ ހަނގުރާމަކުރާ ގައުމުތަކަށް 200 މިލިޔަން ޑޮލަރު ދޭނެ ކަމަށް ޖަޕާނުން ބުނެފި އެވެ.

ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީން ބުނީ އެކަން ހާމަކުރެއްވީ މިހާރު މިސްރަށް ވަޑައިގެން އުޅުއްވާ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ކަމަށެވެ.

މިސްރުގެ ވެރިންނާއި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ފަހު އަބޭ ވިދާޅުވެފައި ވަނީ މެދުއިރުމައްޗަށް ޓެރަރިޒަމް ފެތުރިއްޖެ ނަމަ އަދަދު ނުކުރެވޭހާ ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށެވެ.

"... އައިއެސްއާ ކުރިމަތިލަމުންދާ ގައުމުތަކުގެ މީހުން ބިނާކުރުމަށާއި އިންފްރާ ސްޓްރަކްޗާ ބިނާކުރުމަށް ޖުމްލަ 200 މިލިޔަން ޑޮލަރުގެ އެހީ ދިނުމަށް އަހަރެން ވައުދުވަން،" އަބޭ ވިދާޅުވި ކަމަށް ނޫހުގައިވެއެވެ.

ހަކަތައިގެ ގޮތުން ޖަޕާނަށް މުހިއްމު ސަރަހައްދަކަށް މެދުއިރުމަތި ވެފައި ވާއިރު އެސަރަހައްދުގެ ދެގައުމެއްގެ ބޮޑުބައެއް މިހާރު ކޮންޓްރޯލް ކުރަނީ އައިއެސްއިންނެވެ.

އަސްކަރީ ދާއިރާނޫން އެހެން ދާއިރާތަކުން 2.2 ބިލިޔަން ޑޮލަރުގެ އެހީ ޖަޕާނުން ވަނީ 2012 ވަނަ އަހަރު މެދުއިރުމަތީގެ ގައުމުތަކަށް ދީފަ އެވެ. އެފަދަ ކަންތައްތަކަށް އަލުން 2.5 ބިލިޔަން ޑޮލަރުގެ އެހީ ދޭނެ ކަމަށް އަބޭ ވަނީ ވިދާޅުވެފަ އެވެ.