18 Jan 2015, 10:05
ނ. މަނަދޫގައި 2013 ވަނަ އަހަރު އިމާރާތް ކުރަން ފެށި އެ ރަށު ޕްރީ ސުކޫލުގެ މަސައްކަތް ނިންމައި މިއަދު އެ ސްކޫލުގައި ކިޔަވައި ދޭން ފަށައިފި އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން މަނަދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އަލީ މިއަދު ސަން އަށް ވިދާޅުވީ ސްކޫލުގައި ކިޔަވާދޭން މިއަދު ފެށި ކަމުގައި ވިއަސް އަދިވެސް ބައެއް އާލާތްތައް އެ ސުކޫލަށް ބޭނުންވާ ކަމަށެވެ.
"މިއަދު ކިޔަވައިދޭން ފެށުނު ކަމުގައި ވިއަސް ކިޔަވާ ދެމުން މިދަނީ ކުރީގެ ފަރުނީޗަރުތަކުގައި. އަޅުގަނޑުމެންނަށް އަދި މިއުޅެނީ އެތަނަށް (ޕްރީ ސުކޫލަށް) ބޭނުންވާ ފަރުނީޗަރު ނުހޯދިގެން. އެހެންނަމަވެސް އެ މަސައްކަތް ވެސް ދަނީ ކުރިއަށް އިރާދަކުރެއްވިއްޔާ،" އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަނަދޫ ޕްރީ ސްކޫލު ރަސްމީކޮށް ހުޅުވުން އޮންނާނީ މިއަންނަ މަހުގެ 27ވަނަ ދުވަހު ކަމަށެވެ. އިބްރާހިމް ވިދާޅުވީ މަނަދޫ ޕްރީ ސުކޫލަށް ގާތްގަނޑަކަށް 1.8 މިލިއަން ރުފިޔާ ހަރަދުވި ކަމަށެވެ.
"މިހާރު ވެސް ސްކޫލުގައި 144 ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަނީ. ދެން އެ ސުކޫލަކީ ހަތަރު ކުލާސްރޫމްގެ ތަނެއް. ސަތޭކަ ސާޅީސް ހަތަރު ދަރިވަރުންނަށް ވުރެއް ގިނައިން ވެސް ކިޔެވޭ،" އިބްރާހިމް ވިދާޅުވި އެވެ.
މަނަދޫ ޕްރީ ސްކޫލުގެ މަސައްކަތް ފަށާފައި ވަނީ ކުރީގެ ކައުންސިލުން ނެވެ. އެހެންނަމަވެސް މަސައްކަތް ދިގުލައިގެން ދާން ޖެހުނު ސަބަބެއް ކަމަށް އިބްރާހިމް ވިދާޅުވީ ކޮންޓްރެކްޓަރާއި ޖެހުނު ބައެއް މައްސަލަތަކުގެ ސަބަބުން ކަމަށެވެ.