18 Jan 2015, 10:00
ޕާކިސްތާނުގެ ބޮޑު ޝަހަރެއްކަމަށްވާ ކަރާޗީގެ ގަބުރުސްތާނަކުން ކުޑަކުދިންގެ ގަބުރު ގެއްލޭތީ އެޝަހަރުގެ މީހުންނަށް ބޮޑު ހާސްކަމެއް ކުރިމަތިވެއްޖެ އެވެ.
ކަރާޗީގެ މަންޣޮޕީރް ނަމަކަށް ކިޔާ ސަރަހައްދުގެ ބައެއް މީހުންނާ ހަވާލާދީ ދަ ހިންދޫ ބުނީ އެސަރަހައްދުގައިވާ އަފްރީދީ ގޯތު ނަމަކަށް ކިޔާ ގަބުރުސްތާނުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ފަސް ކުޑަކުއްޖެއްގެ ގަބުރު ގެއްލިފައިވާ ކަމަށެވެ. އަދި ބުނީ ފަސް ގަބުރުގެ ތެރެއިން ދެ ގަބުރު ގެއްލިފައި ވަނީ ފާއިތުވި 15 ދުވަހުގެ ތެރޭގައި ކަމަށެވެ.
ނަމަވެސް މަންޣޮޕީރުން ދަ ހިންދޫއާ ވާހަކަ ދެއްކި އެކަކު ބުނެފައި ވަނީ ކުޑަކުދިންގެ ގަބުރުތައް ގެއްލުނީ ނޫން ކަމަށާއި ޖަނަވާރެއް މަހާނަތައް ކޮނެގެން ގަބުރުތައް ކައިފައިވާ ކަމަށެވެ.
"...ޖަނަވާރެއް ( މަހާނައިގެ) އެންމެ އަޑިއާ ހަމައަށް ކޮނެގެން ގަބުތައް ކައިފައި ވަނީ. އެގަބުރުތައް ނުއެއް ގެއްލޭ. މަހާއި ކަށިވެސް ވަނީ ފެނިފައި،" މަންޣޮޕީރް ސަރަހައްދުގެ ސްޓޭޝަން ހައުސް އޮފިސަރެއްކަމަށްވާ ޣުލާމް ޙުސައިން ކޮރާއީ ބުނިކަމަށް ނޫހުގައިވެ އެވެ.
ގަބުރުސްތާނުގެ ހާލަތު ބަލަމުން ދިއުމަށް އެތަނަށް މިހާރު ފުލުހުން ފޮނުވާފައިވާ ކަމަށް ވެސް ނޫހުން ބުންޏެވެ.
މަންޣޮޕީރް ސަރަހައްދުގެ މީހުން ބުނެފައިވާ ގޮތުގައި އަފްރީދީ ގޯތު ގަބުރުސްތާނު މީގެ 30 އަހަރު ކުރިން ބިނާކުރި ފަހުން މިފަދަ ހާދިސާއެއް ހިނގި މިއީ ފުރަތަމަ ފަހަރެވެ.