18 Jan 2015, 09:47
ލަންޑަން (ޖަނަވަރީ 18) : މަނާކޮށްފައިވާ ޖަމާއަތަކަށް ނިސްބަތްވާ ކަމުގެ ތުހުމަތުގައާއި ޝައްކުވާ ފަދަ ޙަރަކާތްތަކެއް ފެނިގެން ކަމަށްބުނެ އިނގިރޭސިވިލާތުގެ ފުލުހުން 18 އަހަރުގެ އަންހެން ކުއްޖަކު ހައްޔަރުކޮށްފި އެވެ.
މިކުއްޖާ ހައްޔަރުކޮށްފައި ވަނީ ލަންޑަންގެ އިރުއުތުރުގެ އެއަރޕޯޓެއް ކަމަށްވާ ސްޓޭންޑްސެޑް އެއަރޕޯޓްގެ ޓާމިނަލް އިން ނެވެ. މިއަންހެން ކުއްޖާގެ ދަރިކޮޅާއި އޭނާ ނިސްބަތްވާ ޖަމާއަތާބެހޭ ތަފްސީލެއް ސްކޮޓްލެންޑް ޔާޑް ގެ ޓެރަރިޒަމާ އިދިކޮޅު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. މިކުއްޖާ ހައްޔަރުކުރީ އޭނާގެ ކިބައިން ޝައްކުވާފަދަ ޙަރަކާތްތަކެއް ފެނުމުން ކަމަށް ފުލުހުންގެ މަސްއޫލުވެރިއަކު ވިދާޅުވިއެވެ. މިއަންހެން ކުއްޖާ ނިސްބަތްވަނީ ޓެރަރިޒަމާ ގުޅުންހުރިކަމަށް ޝައްކުކުރެވޭ ޖަމާއަތަކަށް ކަމަށް ބުނި ނަމަވެސް އެޖަމާއަތުގެ ނަން ސްކޮޓްލެންޑް ޔާޑްގެ ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މި އަންހެން ކުއްޖާ ހައްޔަރުކޮށްފައި މިވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ބައިވެރިވުމަށް ފަހު އެނބުރި އިނގިރޭސިވިލާތަށް އަންނަ އެގައުމުގެ ރައްޔިތުންގެ ނުރައްކާ ބޮޑުވެފައިވާ ކަމުގެ އިންޒާރު އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ދެއްވާފައިވުމުގެ އިތުރުން އިނގިރޭސިވިލާތަށް ކުރިމަތިވެފައިވާ ސަލާމަތީ ނުރައްކަލުގެ މިންވަރު ވެސް އެގައުމުން މަތިކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އިނގިރޭސިވިލާތުގެ އިތުރުން ބެލްޖިޔަމްއާއި ފަރަންސޭސިވިލާތުގައި ވެސް ސަލާމަތީ ނުރައްކަލުގެ މިންވަރުވަނީ މަތިކޮށްފައެވެ. (ބީބީސީ)