18 Jan 2015, 09:43
ތެހެރާން (ޖަނަވަރީ 18) : ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށްދިޔުމުގައި ސައޫދީ އަރަބިޔާއާއި ކުވައިތާ އަދި ޔޫއޭއީގެ ދައުރެއްވާ ކަމަށް އީރާނުން ތުހުމަތުކޮށްފި އެވެ.
ތެލުގެ އަގު ދަށަށް ދިޔުމުގައި ސައޫދީ އަރަބިޔާއާއި ކުވައިތާ އަދި ޔޫއޭއީގެ އަތެއްވާ ކަމަށް އިޝާރާތް ކުރައްވަމުން އީރާނުގެ ރައީސް ޙަސަން ރޫޙާނީ ވިދާޅުވީ ތެލުގެއަގު ދަށަށްދިޔުމަށް މަގުފަހިކުރާ ގައުމުތަކަށް ވެސް ތެލުގެ އަގު ދަށަށް ދިޔުމުގެ ސަބަބުން ގެއްލުންތައް ލިބޭނެ ކަމަށާއި އަދި އެގައުމުތައް އެންމެ ފަހުން އެކަމާމެދު ހިތާމަވެސްކުރާނެ ކަމުގައެވެ. އީރާނުގެ ރަސްމީ ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި ރޫހާނީ ވިދާޅުވީ ތެލުގެ އަގުވައްޓާލުމަށް މަސައްކަތް ކުރަނީ ހުޅަނގުގެ ބޮޑެތި ބާރުތަކާ ގުޅިގެން އީރާން މާލީ ގޮތުން އިނދަޖައްސާލުމުގެ މަގްސަދްގައި ކަމުގަ އެވެ.
ރޫޙާނީ ވިދާޅުވީ ތެލުގެ އަގުވައްޓާލައިގެން އީރާން އިނދަޖައްސާނުލެވޭނެ ކަމަށާ ތެލަށް ބަރޯސާނުވެ އެހެން ގޮތްގޮތުން އާމްދަނީ ލިބޭނެ ގޮތްތައް އީރާނުން ހޯދާނެ ކަމުގަ އެވެ. އަދި ތެލުގެ އަގުވައްޓާލުގެ ސަބަބުން އީރާނަށް ލިބޭވަރަށް ވުރެ ބޮޑެތި ގެއްލުންތަކެއް ސައޫދީ އަރަބިޔާއާއި ކުވައިތާއި ޔޫއޭއީ އަށް ލިބިގެންދާނެކަމަށް ވެސް ރޫހާނީ ވިދާޅުވި އެވެ.
ތެލުގެ އަގު ވައްޓާލުމުގައި ގަލްފުގެ އަރަބި ގައުމުތަކާ ގުޅިގެން ހުޅަނގުގެ ބާރުތަކުން އަދާކުރާ ދައުރަށް އިޝާރާތް ކުރައްވަމުން އީރާނުގެ ރައީސް ރޫޙާނީ ވިދާޅުވީ މިފަދަ ވަސީލަތްތައް ބޭނުންކޮށްގެން ގައުމުތަކަށް ބިރުދައްކައި ސިޔާސީ މަގްސަދްތައް ޙާސިލް ކުރުމުގެ އިސްތިޢްމާރީ ޒަމާން މިހާރު މާޒީވެގެން ހިނގައްޖެ ކަމުގަ އެވެ. އަދި ކިތަންމެ ފިއްތުންތަކެއް ކުރިމަތި ކުރި ނަމަވެސް އީރާނުގެ ނިއުކްލިޔާ ހައްގުތައް ގެއްލިގެންދާ ފަދަ އެއްބަސްވުމެއްގައި ހުޅަނގާއެކު އީރާނުން ސޮއިނުކުރާނެ ކަމަށް ވެސް އީރާނުގެ އެހެން މަސްއޫލުވެރިއަކު ވެސް ވިދާޅުވެފައިވެ އެވެ.
ތެލުގެ އަގު ދަށަށް ދިޔުމާބެހޭ ގޮތުން ވޯލްޑް ބޭންކުގެ ތަޖްރިބާކާރެއް ކަމަށްވާ ޕްރޮފެސާ މަމްދޫޙް ސަލާމާ ވިދާޅުވެފައި ވަނީ ތެލުގެ އަގު ދަށަށްދަނީ ތެޔޮއުފައްދާ ގައުމުތަކުން ދުނިޔޭގެ ބާޒާރަށް ތެޔޮ އެކްސްޕޯޓްކުރާ މިންވަރު ދަށްނުކުރުމަށް ސަބަބުން ކަމުގަ އެވެ. ސަލާމާ ވިދާޅުވީ މިއީ ދުނިޔޭގެ އުތުރުގެ ގައުމުތަކަށް ފިނިމޫސުން ކަމަށްވާ އިރު ތެޔޮ އެކްސްޕޯޓްކުރާ މިންވަރު ދަށްކޮށްލައިފި ނަމަ ތެލުގެ އަގު މައްޗަށް ޖެހޭނެ ކަމަށާ އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިޔުން ވެސް ހުއްޓިގެންދާނެކަމުގަ އެވެ.
ތެލުގެ އަގު އާދަޔާ ޚިލާފަށް ދަށަށް ގޮސްފައިވީނަމަވެސް ތެލުގެ އާމްދަނީއަށް ބަރޯސާވާ ގަލްފުގެ ގައުމުތަކުން ތެޔޮ އެކްސްޕޯޓްކުރާ މިންވަރު ދަށްކޮށްލަން ބޭނުމެއްނުވެ އެވެ. އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ގައުމުކަމަށްވާ ސައޫދީ އަރަބިޔާ ބޭނުންވަނީ ހެޔޮއަގުގައި ގިނައިން ތެޔޮ އެކްސްޕޯޓްކޮށްގެން ބަޖެޓް ދެކޮޅު ޖައްސަން ކަމަށްވާއިރު ސައޫދީގެ މިސިޔާސަތުގެ ސަބަބުން އެގައުމުގެ ތެލުގެ ރިޒާވްގެ ބޮޑުބައެއް ނުއަގުގައި ވިއްކައި ބޭކާރުކޮށްލެވޭ ކަމަށް ސަލާމާ ވިދާޅުވި އެވެ.
އޯޕެކްގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ގައުމަކީ ސައޫދީ އަރަބިޔާއެވެ. ސައޫދީ ތެލާބެހޭ ވަޒީރު އަލީ އައްނުޢައިމީ ވަނީ ތެޔޮފީފާއެއްގެ އަގު ވިހި ޑޮލަރަށް ދަށަށްދިޔަނަމަވެސް އެގައުމުން އެކްސްޕޯޓްކުރާ ތެލުގެ މިންވަރު ދަށްކޮށްނުލާނެ ކަމަށް ވިދާޅުވެފައެވެ. (އަލްޖަޒީރާ)