18 Jan 2015, 09:17
އަހުމަދު އިބްރާހިމް އަކީ ސާނަވީ އަދި މަތީ ސާނަވީ ތައުލީމް ހާސިލް ކުރާ ތިން ކުދިންގެ ބައްޕައެކެވެ. ހަރަދުބޮޑު ދިރިއުޅުމުގެ ތެރެއިން ދަރިންގެ ތައުލީމަށް ބޭނުންވާ ސާމާނު ހޯދައި ހަމަ ނޭވައެއް އަދި ނުލެވެ އެވެ. އަނެއްކާ މިވަނީ ބިޔަ ބޮޑު ހަރަދަކާ ކުރިމަތިވެފަ އެވެ. ހަރަދުތަކަށް ކެތް ނުކުރެވިގެން އުޅޭ އަހުމަދުގެ އާއިލާއަށް އަނެއްކާ ވެސް ބޮލު ރިހުމެކެވެ. ކޮންމެ މަހަކު ވެސް ކުރަން ޖެހޭ ބޮޑު ހޭދައެކެވެ. އާނއެކެވެ. ދަރިންގެ ޓިއުޝަން ފީތަކުގެ ވާހަކަ އެވެ. އަހުމަދުގެ ހަތަރުއުދަރެސް ފެނުޖެހިއްޖެ އެވެ.
"ގޭ ކުއްޔަކީ 12000 ރުފިޔާ، އަދި ދައްކަން ޖެހޭ އެތައް ފީއެއް އެބައޮތް. ދެން ދަރިންގެ އެހެނިހެން ހަރަދުތަކަށް ބަލާ އިރު އެތައް ހާސް ރުފިޔާއެއް މަހެއްގެ މައްޗަށް ހުސްވޭ. ދެން ކިހިނެއްތޯ ޓިއުޝަނަށް އެހާބޮޑު ހޭދައެއް ކުރާނީ. އަނެއްކާ ޓިއުޝަނެއް ނުދޭ ދޫދެރަ އަގެއްގައެއް. އެކަމަކު ޓިއުޝަން ނުދީ ފާސްވާކަށް ވެސް ނޯވޭ. މިއީ ދެން ބޮޑު ބޮލު ރިހުމެއް،" ދަރިންނަށް ތައުލީމްދޭން އިންތިހާއަށް ބޭނުންވެ، ނަމަވެސް ތަނަވަސްކަން ނެތް އަހުމަދު ބުންޏެވެ.
މިއީ ހަމައެކަނި އަހުމަދުގެ ޝަކުވާއެއް ނޫނެވެ. އެތައް ބެލެނިވެރިންނެއްގެ ޝަކުވާ އެވެ. އެކަމުގެ ސަބަބުން މާޔޫސްވެ ދަތްދޮޅިން އަތްނުނެއްޓި އެތައް މައިން ބަފައިނެއް އެބަތިއްބެވެ. ދަރިންނަށް މޮޅު ތައުލީމް، ދޭން ކޮންމެ މަޔަކު އަދި ބަފަޔަކު ވެސް ބޭނުންވާނެ އެވެ. ނަމަވެސް އަދުގެ މޮޅު ތައުލީމުގެ "ބިޔަ" އަގުތަކަށް ބަލާއިރު އެކަން ކުރަން ބޮޑު އަޣުލަބިއްޔަތުގެ ބެލެނިވެރިން ނުކުޅެދެ އެވެ. އެކަން ކުރަން ކިތަންމެ ބޭނުން ވިޔަސް ކުރެވެން ނޯވެއެވެ. ސަބަބުތައް ހާހުންގުނެ އެވެ. މިއީ އެތައް ބެލެނިވެރިން ހިތްދަތިކުރުވާ ކަމަކަށް މިއަދު ވަނީ ވެފަ އެވެ.
ދިރާސާތަކުން ދައްކާގޮތުން ރާއްޖޭގެ ތައުލީމް ހާސިލް ކުރާ ކުދިންގެ ތެރެއިން 85 ޕަސެންޓް ކުދިން ޓިއުޝަން ނަގަ އެވެ. ޓިއުޝަން ދިނުމުގައި އެތައް ސަތޭކަ ޓީޗަރުންނެއް ހަރަކާތްތެރިވެ އެވެ. ގިނައީ ބިދޭސީ ޓީޗަރުންނެވެ. ސްކޫލު ނިންމާލުމަށް ފަހު ފޮތް ބޮނޑި ކިހިއްޔަށް ޖައިގެން އެއްގެއިން އަނެއް ގެއަށް، އެއް ސެންޓަރުން އަނެއް ސެންޓަރަށް ދުވާ އެތައް ޓީޗަރުންނެއް އެބައުޅެ އެވެ. އެމީހުން ދަނީ އެކަމުން އެތައް ނަފައެއް ހޯދަމުންނެވެ. ސްކޫލުން ދޭ އާމްދަނީއަށްވުރެ ބޮޑު އާމްދަނީއެއް ހޯދަނީ ޓިއުޝަނުންނެވެ. ސްކޫލުގައި ޓީޗަރު ކިޔަވައިދެމުންދާއިރު އެއްޗެއް އޮޅުން ނުފިލައިގެން އިތުރަށް އެހުމުން ޓިއުޝަން ނަގަން ވީނޫންހޭ ޓީޗަރު އަހާ ހިސާބަށް ކަންކަން ވަނީ ގޮސްފަ އެވެ.
އާންމު ރޭޓަށް ބަލާއިރު އެއް މާއްދާއަކަށް ޓިއުޝަނެއް ނަގައިދެނީ 1000 ރުފިޔާއަށެވެ. އެއަދަދު 2000 ހުން 5000 އަށް ވެސް އަރައިގެން ވަނީ ގޮސްފަ އެވެ. ޓިއުޝަން ކުލާސްތަކަށް ބަލާއިރު ފީތައް އުޅެނީ 300 ރުފިޔާއާއި 500 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގަ އެވެ. ނަމަވެސް ބެލެނިވެރިން ޓިއުޝަން ސެންޓަރުތަކާ މެދު އެހާ ހިތްހަމައެއް ނުޖެހެ އެވެ. ސަބަބަކަށް ވަނީ ސްކޫލްތަކުގައި ކިޔަވައިދޭ އުސޫލުން ފިލާވަޅުތައް ނަގައިދޭތީ އެވެ. ބެލެނިވެރިން އެދެނީ ކުއްޖާއާ އެއް މޭޒެއްގައި ޓީޗަރު އިނދެ ކިޔައިވައިދޭ އުސޫލެވެ. އެއީ މިބުނާ ރަންއަގުގެ ހިދުމަތެވެ. މިހޭދަ އެތައް ބެލެނިވެރިންނެއް އެބަކުރެ އެވެ. މައުލޫމާތު ހިއްސާކުރި ބައެއް ބެލެނިވެރިންގެ ތެރެއިން އެއްކުއްޖެއްގެ ޓިއުޝަން ފީއަށް 8000 ރުފިޔާ ހޭދަކުރާ ބެލެނިވެރިން އެބަ ތިއްބެވެ.
"އަޅުގަނޑު ދަރިންނަށް ޓިއުޝަން ދެން. ކިތަންމެހާ ވެސް އަގު ބޮޑު އެކަމަކު ޓިއުޝަން ނުދީ ވާކަށެއްނެތޭ. ރަނގަޅު ނަތީޖާއެއް ނެރެވެން މިއޮތީ ޓިއުޝަން ދީގެން. އަޅުގަނޑުމެން ބޭނުމެއް ނޫން ދަރިން ފާސްނުވެ ތިބޭކަށް، އަދި ފާސް ވާން ވެސް ބޭނުންވަނީ އެންމެ މަތީ ގުރޭޑުން. އެހެންވެ ޓިއުޝަން ދެނީ،" ބޮޑު ހަރަދެއްކޮށްގެން ދަރިންނަށް ޓިއުޝަންދޭ ބެލެނިވެރިޔަކު ބުންޏެވެ.
ޓީޗަރުންގެ ބެލެނިވެރި ޖަމިއްޔާ، ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް)ގެ ރައީސް އާތިފް އަބްދުލް ހަކީމް ވިދާޅުވި ގޮތުގައި ޓިއުޝަންގެ ކަންކަން މިހާރު ވަނީ ނިކަމެތި ބެލެނިވެރިންނަށް އޮތް ބޮޑު ގޮންޖެހުމަކަށް ވެފައެވެ. މިގޮތަށް މި ނިޒާމް އޮތުމުން ނިކަމެތި ރައްޔިތުންގެ ދަރިންނަށް ނުކިޔެވި މުއްސަނދިންގެ ދަރިންނަށް ކިޔެވުމުގެ ފުރުސަތު ބޮޑު ކަމަށް އާތިފް ވިދާޅުވި އެވެ.
"ހަގީގީ ނަތީޖާ ނެރެދެނީ ސްކޫލްތަކަކުން ނޫން، އެކަން ކުރަނީ ބެލެނިވެރިންގެ ޖީބު ތަކުން. ސުކޫލްތަކަކީ ހުޅުވާ ލައްޕާ ތަނަކަށް އެކަނިވެފައިމިވަނީ. ބެލެނިވެރިން ޓިއުޝަނަށް ބޮޑު ހަރަދެއްކޮށްގެން ނަތީޖާ ނުކުންނަނީ،" އާތިފް ވިދާޅުވި އެވެ.
ޓިއުޝަން ފީތައް އިންތިހާއަށް ބޮޑުވެ އެކަމަކީ ބޮޑު ވިޔަފާރިއަކަށް ހަދާފައިވާ އިރު އެއީ ޓީޗަރުން ގަވައިދާ ހިލާފަށް ކުރަމުންދާ ވިޔަފާރިއެކެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އަބްދުލްމުހުސިން ވިދާޅުވި ގޮތުގައި އެޑިއުކޭޝަނުން ކަނޑައަޅާފައިވާ އުސޫލްތަކުގައި ބުނަނީ ޓީޗަރުން ގޭގެއަށް ގޮސް ވެސް އަދި ޓިއުޝަން ސެންޓަރުތަކަށް ގޮސް ވެސް ޓިއުޝަން ދީގެންނުވާނެ ކަމަށެވެ. ހާއްސަގޮތެއްގައި އެ ޓީޗަރަކު ސްކޫލްގައި ކިޔަވައިދޭ ދަރިވަރަކަށް ޓިއުޝަން ދިނުމަކީ ވަރަށް ބޮޑަށް މަނާ ކުރެވިފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންމެހެން ކުއްޖަކަށް ޓިއުޝަނެއް ދޭން ދާން ބޭނުންނަމަ އެކަން ކުރަންޖެހޭނީ ހާއްސަ ހުއްދަތަކެއްގެ ދަށުން ކަމަށްވެސް މުހުސިން ވިދާޅުވި އެވެ.
"ކުއްޖަކަށް ޓިއުޝަނެއް ދޭން ދާކަމަށްވާނަމަ އެ ސްކޫލްގެ ޕްރިންސިޕަލާއި މަޝްވަރާ ކޮށްގެން ހުއްދައެއް ހޯދައިގެން ދާންޖެހޭނީ. ދެން އޭގެ ރެކޯޑު ބެލެހެއްޓެންޖެހޭނެ، ... އިތުރު އާންމްދަނީ ހޯދަން ފުރުސަތު ދޭގޮތަކަށްށެއް ނޫން އަޅުގަނޑުމެންގެ އުސޫލުން ހުޅުވާލެވިފައި މިއޮތީއެއް. ރަސްމީކޮށް އާމްދަނީއެއް ހޯދުމަށް މިކަން ކުރުން އެމީހުންނަށް މަނާވާނެ،" ޑރ. މުހުސިން ވިދާޅުވި އެވެ.
މަނާކޮށްފައި އޮތީ ލިޔުމުންނެވެ. އެކަމަކު އެތައް ބެލެނިވެރިންނެއް އެއޮށްގެން "ފެލާލަނީ" އެވެ. އެޑިއުކޭޝަންގެ ވެރިންގެ ދަރިންނަށް ވެސް އެމޭރުމުން ބޮޑުއަގުގެ ޓިއުޝަންތައް ދެ އެވެ. މިއީ ފާޅުގައި ހިންގާ ކަމެކެވެ. ބިދޭސީ ޓީޗަރުންގެ ދެވަނަ ވަޒީފާއަކަށް އެކަން މިވަނީ ހަދައިފަ އެވެ. ހިތާމައަކީ ފިޔަވަޅެއް ނޭޅޭތީ އެވެ. އެޑިއުކޭޝަން މިނިސްޓްރީ އަށް އެެކަމަށް ފިޔަވަޅު އެޅޭ ތަނެއް ނުފެނެ އެވެ.
ޑރ. މުހުސިން ވިދާޅުވީ، ޓިއުޝަންގެ މައްސަލައާ ގުޅިގެން ހުށަހެޅޭ ޝަކުވާތަކުގެ ސަބަބުން ސްކޫލްތަކާއި ޓީޗަރުންނާ ވެސް ވާހަކަ ދައްކައިގެން އެކަންކަން ހައްލުކުރަމުން އަންނަ ކަމަށެވެ. އެފަދަ މައްސަލަތައް ފާހަގަކުރެވޭ ނަމަ އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހެޅުމަށް ވެސް މުހުސިން އެދިލެއްވި އެވެ.
މިކަމަށް ހައްލެއް ބޭނުންވެ އެވެ. މިއީ ވަރިހަމަ ކުރެވޭ ވަރުގެ މައްސަލައެއް ނޫނެވެ. އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިބާއެވެ؟ ޓީޗާސް އެސޯސިއޭޝަންގެ ރައީސް އާތިފް ވިދާޅުވާ ގޮތުގައި ޓިއުޝަންގެ މައްސަލަ ހައްލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އުސޫލްތަކެއް އެކުލަވާލައި އަމަލުކުރަން ޖެހެ އެވެ. އެގޮތުން އަގު ބޮޑުކޮށް ޓިއުޝަން ދޭ ފަރާތްތަކުގެ މައްސަލަތައް ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސައި، އެގޮތަށް އަމަލުކުރާ ފަރާތްތަކަށް އަދަބު ދެވެންޖެހޭ ކަމަށް ވިދާޅުވި އެވެ.
ދެން އޮތީ އަނެއްވާހަކަ އެވެ. ކިޔަވާ ކުއްޖަކު ސްކޫލްގައި ހަފްތާ އަކު ފަސް ދުވަހު ކޮންމެ ދުވަހަކު ފަސް ގަޑިއިރެއްހާއިރު ހޭދަކުރެ އެވެ. ހުރިހާ ވަގުތުތަކެއް ވެސް ކިޔެވުމުގަ އެވެ. ނަމަވެސް ކޮންމެ ބެލެނިވެރިޔަކު އެންމެ މުހިންމު އެއްކަމަކަށް ޓިއުޝަން އިހުތިޔާކުރު ކުރުމުގައި ސިއްރުތަކެއް އެބަވެ އެވެ. ބައެއް ބެލެނިވެރިންނާ ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައި ޓިއުޝަން ދޭ ޓާމްތަކާއި ނުދޭ ޓާމްތަކުގައި ކުދިންގެ ނަތީޖާއަށް ބަލާއިރު ބޮޑު ބަދަލެއް ފެނެ އެވެ. ނަމަވެސް ބައެއް ތަޖުރިބާކާރުން އެކަމާ ދެކޮޅު ހަދަ އެވެ.
ރާއްޖޭގެ އެންމެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރާ އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސެއިން ސައީދު ވިދާޅުވި ގޮތުގައި ޓިއުޝަނަށް އެހާބޮޑަށް ބަރޯސާވުމުގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެކެވެ. "ގިނަ ބެލެނިވެރިން މިކުރާކަމަކީ ކުދިންނަށް ގޭގައި ޓިއުޝަން ދެނީ. ނަތީޖާއަކަށް ވެފައި މިވަނީ ޓީޗަރުން ކްލާހުގައި ކިޔަވައިދޭ އެއްޗަކަށް ސަމާލުކަންދޭ މިންވަރު ކުޑަވަނީ. އެނގޭ ގޭގައި ހުންނާނެކަން މައިބަފައިން މޮޅު ޓީޗަރަކު ގެނެސްފައި،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓިއުޝަންގެ އަގުތައް އިންތިހާއަށް ބޮޑުވެފައި ވަނީ މިހާ ފުޅާދާއިރާއެއްގައި ބެލެނިވެރިން ޓިއުޝަނަށް ސަމާލުކަން ދޭތީ އެވެ. އެކަމަށް ހައްލެއް ގެނެވެންއޮތީ، ބެލެނިވެރިން ޓިއުޝަނަށްދޭ ސަމާލުކަން ކުޑަކުރެވިގެން ކަމަށް ސައީދު ވިދާޅުވި އެވެ.
އެޑިއުކޭޝަނުން ބުނަނީ އެއީ މަނާކަމެއް ކަމަށެވެ. ފެންނަ މަންޒަރަކީ އެތައް ބެލެނިވެރިންގެ ޖީބުތައް ހުސްކޮށް އެތައް ޓީޗަރެއްގެ ޖީބުތައް ފުރޭތަނެވެ. މިއީ ހަމައެކަނި ލިޔުމުން މަނާކޮށްލެވިގެން ނިންމާލެވޭނެ ކަންތައްތަކެއް ނޫނެވެ. ހަރުކަށި ފިޔަވަޅު އަޅަންޖެހެ އެވެ. އިތުރަށް އެހީތެރިކަން ބޭނުންވާ ކުދިންނަށް ޓިއުޝަނަށް ނުގޮސް ތައުލީމް ހާސިލް ކުރެވޭނެ ހަރުދަނާ ގޮތްތަކެއް ކަނޑައަޅަންޖެހެ އެވެ. ތައުލީމް އުނގެނުމަކީ ބޮޑު ހައްގަކަށްވާއިރު މިހާރު މިއޮތްގޮތުން މިފުރުސަތު މިއޮތީ މުއްސަނދިން ނުވަތަ ބޭފުޅުންގެ ދަރިންނަށް އެކަންޏެވެ.