18 Jan 2015, 07:28
ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ފުލުހުން ވަދެ ފާސްކޮށްފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ދިޓީވީގެ ގޯޅިތެރޭގައި ހުންނަ އެ އެޕާޓުމަންޓުގެ ތިރީގެ ދޮރު ހަލާކުކޮށްލައިގެން ފުލުހުން އެތަނަށް ވަދެފައި ވަނީ ރޭ މެންދަމުން އަލިވެ 3:30 އެހައިކަންހާއިރު އެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި އެ އެޕާޓްމަންޓު ބަލައި ފާސްކުރުމަށް ފަހު ފުލުހުން އެތަނުން ގޮސްފައި ވަނީ 6:00 އެހައިކަންހާއިރު އެވެ. އަދި އެ އެޕާޓްމަންޓުން ބައެއް ލިޔެކިޔުންތައް ފުލުހުން ގެންގޮސްފައިވާ ކަމަށް ވެސް މަންޒަރު ދުށް މީހުން ބުންޏެވެ.
ނާޒިމްގެ އެޕާޓްމަންޓުގެ އިތުރުން އެ އެޕާޓްމަންޓުގެ ކުރިމަތީގައި ހުންނަ ބިދޭސީން ދިރިއުޅޭ އެޕާޓްމަންޓަކަށް ވަދެ އެތަން ވެސް ފުލުހުން ބަލައިފާސްކޮށްފައިވާކަން ވެސް ސަން އަށް ވަނީ އެނގިފަ އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން މިނިސްޓަރު ނާޒިމު މިއަދު ސަން އަށް ވިދާޅުވީ "އެ މައްސަލައާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ހާމަކުރަނީ ފުލުހުން" ކަމަށެވެ.
ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓު ބަލައި ފާސްކުރީ ކީއްވެގެންތޯ ދެންނެވުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.
ފުލުހުން ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައިފާސްކޮށްފައި މިވަނީ ނާޒިމް މިނިސްޓަރުކަމުން ވަކިކުރަން އުޅޭކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.
ނާޒިމަކީ ޑިފެންސް މިނިސްޓަރު ކަމަށްވާއިރު އޭނާ އަކީ ސަރުކާރުގެ ބައެއް އެހެން ވުޒާރާތައް ވެސް ހިންގަވަމުން އަންނަ ބޭފުޅެކެވެ. އެގޮތުން ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހަވާލު ކުރައްވާފައި ވަނީ ވެސް ނާޒިމްއާ އެވެ.
ލޯކަލް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ، ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސަކީ ވެސް ނާޒިމެވެ. އަދި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މުޅި މާލެއިން ފެނުގެ ޚިދުމަތް މެދުކެނޑުމާ ގުޅިގެން މާލެއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކުރުމަށް ރައީސް ޔާމީން އެކުލަވާލެއްވި ޓާސްކު ފޯހުގެ ޗެއާމަނީ ވެސް ނާޒިމެވެ.