07 Feb 2011, 15:52
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ތާރީހީ ލޯކަލް ކައުންސިލް އިންތިހާބުން ބ. އޭދަފުށީގެ ރަށު ކައުންސިލްގެ ފަސް ގޮޑީގެ ތެރެއިން އެއް ގޮނޑި ކާމިޔާބުކުރެއްވި ޑީއާރުޕީގެ މެމްބަރު މުހަންމަދު ޝަކީލުގެ ސައިކަލުގައި ރޯކޮށްލައިފި އެވެ.
ޝަކީލު މިއަދު ވިދާޅުވީ އޭނާގެ ސައިކަލުގައި ރޯކޮށްލައިފައި ވަނީ ރޭގެ ދަންވަރު 2:30 ހާކަންހާއިރު ކަމަށެވެ. އޭނާ ވިދާޅުވީ ސައިކަލްގައި ރޯކޮށްލައިފައި ވަނީ ސައިކަލް ގޯތިތެރޭގައި ހިޔާކޮށްފައި ހުރި ގުދަނެއްގެ ތެރޭގައި ހުއްޓައި ސައިކަލު ބޭރަށް ނެރެ ގޯތި ތެރޭގައި ބެހެއްޓުމަށް ފަހު ކަމަށެވެ.
"އަޅުގަނޑު ސައިކަލް ބެހެއްޓީ ގޯތިތެރޭގައި ހިޔާކޮށްފައި ހުރި ގުދަނެއްގެ ތެރޭގައި. އެކަމަކު ސައިކަލުގައި ރޯކޮށްލާފައި ހުރީ ސައިކަލް ބޭރަށް ނެރެފައި،" ޝަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޝައިކަލްގައި ރޯކޮށްލުމުގެ ސަބަބުން މުޅި ސައިކަލް އެއްކޮށް އަދައިގެން ގޮސް ގޯތިތެރޭގައި ހުރި ދޮންނަމެސިނަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. ޝަކީލް ވިދާޅުވީ ސައިކަލްގައި ރޯކޮށްލާފަ ހުރި އަލިފާން ގަނޑު ނިއްވާލީ ބިދޭސީ ޓީޗަރަކާއި އަވައްޓެރިން ވެގެން ކަމަށެވެ.
"ފުރަތަމަ ފެނުނީ މިތާ ގޭގައިރި އުޅޭ ޓީޗަރަކަށް. އޭނަޔާއި އެހެން ހިސާބުގަނޑު ބަޔަކާއި ވެގެން ނިއްވާލީ. މާގިނަ އިރެއް ނުނަގައި ނިއްވާލާކަށް. މިހާރު ސައިކަލްގެ ދަނގަޑުތައް އެކަނި ހުރިކަން،" ޝަކީލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ޝަކީލްގެ ސައިކަލުގައި ރޭގެ ވަގުތެއްގައި ރޯކޮށްލާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށެވެ.
ކުރިން އޭދަފުށީ ކަތީބުކަން ވެސް ކުރައްވާފައިވާ ޝަކީލް އޭނާގެ ސައިކަލްގައި ރޯކޮށްލި މައްސަލަ ސިފަކުރައްވަނީ ސިޔާސީ ގޮތުން އޭނާ ޔަށް ބަޔަކު ދިން ހަމަލާއެއްގެ ގޮތުގަ އެވެ.
"އަޅުގަނޑަކަށް އިނގިފައެއް ނެތް، އަޅުގަނޑާއި ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ ބަޔަކު އުޅޭ ކަމެއް. ހަމަ ބުނެވޭނީ މިއީ އަޅުގަނޑުގެ ސިޔާސީ ކާމިޔާބީއަށް ހަސަދަ ވެރިވާ ބަޔަކު ސިޔާސީ ގޮތުން އަޅުގަނޑަށް ދިން ހަމަލާއެއްގެ ގޮތުގަ." ޝަކީލް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން ރަށު ކައުންސިލްގެ ފަސް ގޮނޑި ވެސް ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކޮށްފައި ވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީންނެވެ.