އިއާދަކުރަނަވި ހަކަތައިގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވޭނެ ފަދަ ގޮތަށް ސިޔާސަތުތައް އެކުލަވާލުމަށް އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީ (އައިރީނާ)ގެ މެންބަރު ގައުމުތަކަށް ރާއްޖެ އިން ގޮވާލައިފި އެވެ.

އެކުވެރި އަރަބި އިމާރާތުގެ ވެރިރަށް އަބޫދާބީގައި މިއަދު ފެށި އައިރީނާގެ ފަސް ވަނަ އެސެމްބްލީ ބައިވެރިވެ ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް ވަނީ އައިރީނާގެ މެންބަރު ގައުމުތަކުން ހަކަތައިގެ ސިޔާސަތު އެކުލަވާލުމަށް ބާރުއަޅުއްވައި ހަކަތައިގެ ދާއިރާ ތަރައްގީކުރެވޭނެ ގޮތަށް ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާފަ އެވެ.

މީގެ އިތުރުން، އައިރީނާގެ މެންބަރު ގައުމުތަކުން އުފައްދާ އިއާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރުކުރުމުގައި އައިރީނާގެ ރޯލުގެ މުހިއްމުކަން މިނިސްޓަރު ތޯރިގް ވަނީ ފާހަގަކުރެއްވި އެވެ.

އެ އެސެމްބްލީގައި ރާއްޖޭގެ ހަކަތައިގެ ދާއިރާ ބައްޓަންކޮށްފައިވާ ގޮތަށާއި އިރާދަކުރަނިވި ހަކަތައިގެ ދާއިރާ އިން ރާއްޖޭގައި ކުރިއަށް ގެންދެވޭ މަސައްކަތްތައް މިނިސްޓަރު ވަނީ ހިއްސާކުރައްވާފަ އެވެ. އަދި އައިރީނާ އެސެމްބްލީގެ އިތުރުން ރައުންޑް ޓޭބަލްތަކުގައި ބައިވެރިވެ ހަކަތައިގެ ދާއިރާ ތަރައްގީ ކުރުމުގައި ރާއްޖެ އިން ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކޮށް އެކަމަށް ހުރި ގޮންޖެހުންތަކާ މެދު ވެސް ރާއްޖެ އިން މަޝްވަރާކޮށްފައިވެ އެވެ.

ދެ ދުވަހުގެ މުއްދަތަށް އަބޫދާބީގައި ކުރިއަށްދާ އެ އެސެމްބަލީގައި ރާއްޖޭގެ ފަރާތުން މިނިސްޓަރު ތޯރިގްގެ އިތުރުން، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދާއި ޑިރެކްޓަރު ޖެނެރަލް އަހުމަދު އަލީ އަދި އަބޫދާބީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޗާޖްޑި އެފެއާޒް މުސްއަބް އަބްދުﷲ ބައިވެރިވެވަޑައިގަންނަވަ އެވެ.

އަހަރަކު އެއްފަހަރު ބާއްވާ އައިރީނާގެ މި އަހަރުގެ އެސެމްބަލީގައި ދުނިޔޭގެ 170 އަށްވުރެ ގިނަ ގައުމުންނާއި ބައިނަލްއަގްވާމީ 50 ޖަމާއަތް ހިމެނޭ ގޮތަށް 1200 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ. އަދި މިއަހަރުގެ އެސެމްބްލީގެ ރިޔާސަތު ބަލަަހައްޓަނީ ޖަޕާނުންނެވެ.

އައިރީނާ ވަނީ ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ މަގުޗާޓު އެކުލަވާލުމުގެ މަސައްކަތުގައި އެހީތެރިވެފަ އެވެ. އަދި ރާއްޖޭގެ ތިން ސަހަހައްދެއްގައި ކުނިން ހަކަތަ ނުވަތަ ފެން އުފެއްދުމަށް ބޭނުންވާ ނިޒާމު ގާއިމްކުރުމަށް ހަ މިލިއަން ޑޮލަރުގެ ލޯނުއެހީ އައިރީނާ މެދުވެރިކޮށް އަބޫދާބީ ޑިވެލޮޕްމަންޓް ފަންޑުންވަނީ މިދިޔަ އަހަރު ހަމަޖެހިފަ އެވެ.

އެންވާރަމަންޓް މިނިސްޓްރީން ބުނީ، އައިރީނާގެ ފަސްވަނަ އެސެމްބްލީގައި ބައިވެރި ވުމުގެ އިތުރުން މިމަހުގެ 19 އިން 21 އަށް އަބޫދާބީގައި ބާއްވަން ހަމަޖެހިފައިވާ އަބޫދާބީ ސަސްޓެއިނެބްލް ވީކުގެ ހަރަކާތްތަކުގައި ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ.