ސްރީ ލަންކާގައި ވަކިވެގަތުމަށް މަސައްކަތްކުރަމުންއައި ތަމަޅަ ބާޣީންނާއި އެގައުމުގެ ސިފައިންނާ ދެމެދު 26 އަހަރަށް ދިގުދެމިގެން ދިޔަ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނެސް ލަންކާގައި އަމަންއަމާންކަން ގާއިމް ކުރެވުމުގެ ސިއްރަކީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އާއި އޭނާގެ ކޮއްކޯފުޅު އަދި ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސައާ ދެ ބޭފުޅުންގެ ދެމެދުގައި އޮތް އިތުބާރާއި ގާތް ގުޅުން ކަމަށް، ރާޖަޕަކްސަގެ ފިރިހެން ދަރިފުޅު ނަމަލް ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.

އެންޑީޓީވީ އަށް ނަމަލް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ކަމަށް ކޮލަމްބޯ ގެޒެޓުން ބުނީ، އެލްޓީޓީއީގެ މައްޗަށް ލަންކާގެ އަސްކަރިއްޔާއިން ހޯދި ބޮޑު ކާމިޔާބީގެ ފަހަތުގައި އެންމެ އިސްކޮށް ތިއްބެވީ އޭނާގެ ބައްޕާފުޅާއި ބޮޑުބޭބޭފުޅު ކަމަށެވެ.

"ހަނގުރާމަ ނިމުމަކަށް ގެނެވުނީ އާއިލާގެ ތެރޭގައި އޮތް އެކުވެރިކަމުގެ ވަރުގަދަ ގުޅުމުގެ ސަބަބުން،" ކޮލަމްބޯގައި ހުންނަ އޭނާގެ އަމިއްލަ ލޯ ފާމްގައި ހުންނަވައި، އާއިލީ ވެރިކަމެއް ރާޖަޕަކްސަ ކުރެއްވި ކަމަށް ދެކެވޭ ވާހަކަތައް ދިފާއުކުރައްވައި ނަމަލް ވިދާޅުވި އެވެ.

"ކޮންމެ ލީޑަރަކު ވެސް ބޭނުންފުޅުވާނެ، އެބޭފުޅެއްގެ ޑިފެންސް ސެކްރެޓަރީއަކީ އިތުބާރު ހިފޭ ފަރާތަކަށް ވުން. އަޅުގަނޑުގެ ބައްޕާފުޅަކީ ސަރުކާރުގެ ތެރޭގައި ތިއްބެވި އެހެން ލީޑަރުންނާ އެކު ގުޅިގެން ވަރުގަދަ ނިންމުންތައް ނިންމުމުގެ ގާބިލްކަން ހުރިބޭފުޅެއް. އެކަމަކު ކޮންމެ ލީޑަރަކު ވެސް އިތުބާރު ކުރެވޭ ބަޔަކު ބޭނުންވާނެ."

ޑިމޮކްރަސީއެއްގައި ޕާޓީގެ އެހެނިހެން ލީޑަރުންގެ މައްޗަށް އާއިލީ ބޭފުޅުން ގާތްކޮށް ސަރުކާރުގެ ބޮޑެތި މަގާމުތަކަށް ގެނައުމަކީ ކޮންކަހަލަ ކަމެއްތޯ ސުވާލުކުރުމުން ނަމަލް ވެސް ކުރެއްވީ ސުވާލެކެވެ.

"އަޅުގަނޑުމެން އަބަދުވެސް އެކަކު އަނެކަކަށް އިތުބާރު ކުރަން. އެކަމަކު އަޅުގަނޑުގެ ސުވާލަކީ ރާޖަޕަކްސަގެ ދަރިއަކަށް އަޅުގަނޑު ވުމަކީ ކުށެއްތޯ؟" ކުރީގެ ރައީސް ރާޖަޕަކްސަގެ ދަރިފުޅު ވިދާޅުވި އެވެ.

މިހާރު އުމުރުން 28 އަހަރުގެ ނަމަލް ވަރަށް ޒުވާން އުމުރުފުޅުގައި ބައްޕާފުޅު ރާޖަޕަކްސަ ވަނީ އޭނާ ލަންކާގެ ސިޔާސީ މައިދާނަށް ނެރުއްވާފަ އެވެ. އެގޮތުން 2010 ވަނަ އަހަރު ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)ގެ ކެންޑިޑޭޓެއްގެ ގޮތުގައި ހަމްބަންޓޯޓާ ޑިސްޓްރިކްޓްގެ ޕާލިމެންޓުގެ ގޮނޑިއަކަށް ވާދަކުރައްވައި ނަމަލް ވަނީ ފުރަތަމަ ފަހަރަށް އިންތިހާބެއް ކާމިޔާބުކުރައްވާފަ އެވެ.

ރާއްޖަޕަކްސާ ރިޔާސީ އިންތިހާބުން ބަލިވެވަޑައިގަންނަވާކަން އެނގިވަޑައިގެންނެވުމާ އެކު މިމަހުގެ އަށް ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި އޭނާގެ ރަސްމީ ގެކޮޅުގައި ސަރުކާރުގެ އިސް ފަރާތްތަކަށް ބައްދަލުކުރަށްވައި ލަންކާގައި ކުއްލި ހާލަތު އިއުލާނުކުރައްވާން އުޅުއްވި ކަމުގެ ތުހުމަތުގައި މިހާރުގެ ސަރުކާރުން ވަނީ އޭނާގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފަ އެވެ.

އެހެން ނަމަވެސް ކުއްލި ހާލަތު އިއުލާނުކުރައްވަން އުޅުއްވި ކަމުގެ ތުހުމަތާއި އެފަދަ އެއްވެސް ކަމެއް ކުރައްވަން ރާޖަޕަކްސަ އުޅުއްވި ކަމަށް ކުރެވޭ ތުހުމަތުތައް ނަމަލް ވަނީ ދޮގުކުރައްވާފަ އެވެ.

"އެކި ބޭބޭފުޅުން އަބަދުވެސް ބައްޕާފުޅާ ބައްދަލުކުރައްވައި އެކި ކަންކަމުގައި މަޝްވަރާކުރައްވަން ރޭގަނޑުގެ ވަގުތުތަކުގައި ވެސް ވަޑައިގަންނަވާ. އިންތިޚާބެއް ނިމެމުންދާއިރު ސަރުކާރުގެ އޮފިޝަލުން އަބަދު ވެސް އެގޮތަށް ބައްދަލކުރެއްވުންތައް ބާވަވާނެ،" ބަގާވާތެއް ގެނައުމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި ރާޖަޕަކްސަގެ ދަރިފުޅު ނަމަލް ވިދާޅުވި އެވެ.