17 Jan 2015, 21:23
އެމްޑީޕީގެ ވައިސް ޗެއާޕާސަން އަލީ ނިޔާޒުގެ އައިޕެޑް ވަގަށް ނެގި މީހަކު ދެ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މ. އަލުވިމާގެއާގޭ ޒާބިރު އަހްމަދުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2013 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު މ. މުނިޔާގޭގެ ފުރަތަމަ ފަންގިފިލާއިން އަލީ ނިޔާޒުގެ އައިޕެޑް ވަގަށް ނަގާފައިވާތީ އެވެ.
ޒާބިރުގެ މައްޗަށް އިއްވާފައިވާ ހުކުމުގައި ވަނީ، އޭނާގެ ޖިންސާއި ބަނޑާ ދޭތެރެއަށް ޓީޝާޓު ދަށަށް އައިޕެޑު ޖަހައިގެން ޒާބިރު މ. މުނިޔާގެއާ ޖެހިގެންހުރި މ. ތުނިޔާގޭގެ ތެރެއިން ނުކުތްއިރު ފުލުހުންނަށް އޭނާ ފެނުމާ އެކު އެތަނުގައި ހުރި ގެއެއްގެ ފުރާޅުމައްޗަށް އެ އައިޕެޑު އެއްލާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
މިއީ އޭނާގެ މައްޗަށް ވައްކަމުގެ ކުށެއް ސާބިތުވި ދެވަނަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.