މިހާރު ކުރިއަށްދާ އޭޝިއަން ކަޕްގައި އަމިއްލަ ގައުމުގައި މުބާރަތް ކުޅެމުންދާ އޮސްޓްރޭލިއާ ބަލިކޮށް، ދެކުނު ކޮރެއާ ގްރޫޕް 'އޭ' ތާވަލްގެ އެއްވަނަ މަގާމް ހޯދައިފި އެވެ.

މިއަދު ކުޅުނު މެޗުގައި އޮސްޓްރޭލިއާގެ މައްޗަށް ކޮރެއާ ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗާއެކު ކޮރެއާ ވަނީ މުބާރާތުގައި މުޅިއެކު ނުވަ ޕޮއިންޓު ހޯދާފައެވެ. އަދި މިއަދުގެ މެޗުން ބަލިވި އޮސްޓްރޭލިއާއަށް އެ ޓީމް ކުޅުނު ފުރަތަމަ ދެ މެޗުގެ ކާމިޔާބީއާއެކު ލިބިފައި ވަނީ މުޅިއެކު ހަ ޕޮއިންޓެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިޔަދުގެ މެޗުގައި ކޮރެއާއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު އެ ޓީމް ކާމިޔާބު ކުރީ ފުރަތަމަ ހާފްގެ 33 ވަނަ މިނެޓުގައެވެ. އެ ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ފޯވާޑް ލީ ޖިއޮންޖިޔޮޕް އެވެ.

އެ މުބާރާތުގައި މިއަދު ކުޅުނު ގްރޫޕް 'އޭ'ގެ އެންމެ ފަހު މެޗުގައި ބައްދަލުކުރީ އޮމާން އާއި ކުވެތު އެވެ. އެ މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، އޯމާން ވަނީ މުބާރާތުގައި އެ ޓީމްގެ ފުރަތަމަ ކާމިޔާބީ ހޯދާފައެވެ. މުބާރާތުގައި އޮމާނަށް ތިން ޕޮއިންޓު ލިބުނު ނަމަވެސް، އެ ޓީމަށް މިހާރު ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ގެއްލިފައެވެ. އަދި ގްރޫޕް 'އޭ' ގެ އެންމެ ފުލުގައި އޮތް ކުވެއިތު މުބާރާތުން ކަޓާފައި ވަނީ އެ ޓީމް ކުޅުނު ހުރިހާ މެޗަކުން ބަލިވެގެނެވެ.

މިއަދު އޮމާން ކުޅުނު މެޗުގައި އެ ޓީމަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ ދެވަނަ ހާފްގައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 69 ވަނަ މިނެޓުގައި އެ ޓީމްގެ އަބްދުލް އަޒީޒް އަލް މަގްބަލީ އެވެ.

މިމަހުގެ ނުވަވަނަ ދުވަހު ފެށި އޭއެފްސީ އޭޝިއަން ކަޕްގައި މާދަމާ ކުޅެން ހަމަޖެހިފައި ވަނީ ގްރޫޕް 'ބީ'ގެ އެންމެ ފަހު މެޗުތަކެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުވެސް ކާމިޔާބުކޮށް، އެ ގްރޫޕުން ޗައިނާ މިހާރު ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރު ކޮށްފައެވެ. އަދި ކުޅުނު އެއް މެޗު ކާމިޔާބުކުރި އުޒްބަކިސްތާނާއި ސައުދީ އަރަބިއްޔާ ދެ ޓީމަށްވެސް މުބާރާތުގައި މިހާތަނަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.

އެ މުބާރާތުގައި މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ އުޒްބަކިސްތާނާއި ސައުދީ އަރަބިއްޔާ އެވެ. އަދި މާދަމާ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ޗައިނާ އާއި އުތުރު ކޮރެއާ އެވެ.