ޗެލްސީއާ ދެކޮޅަށް ރެފްރީންނާއި ކްލަބުތަކުގެ މެނޭޖަރުންގެ އިތުރުން ސަޕޯޓަރުންވެސް 'ކެމްޕޭނެއް ކުރަމުން ދާ ކަމަށް އެ ޓީމުގެ ކޯޗް ހޯޒޭ މޮރީނިއޯ ދައުވާ ކުރުމުން އޭނާއާ މެދު އިނގިރޭސި އެފްއޭއިން ފިޔަވަޅު އަޅަން ނިންމާފައި ވާއިރު، އެފްއޭ އިންވެސް ޗެލްސީއާމެދު ކަންތައް ކުރުމުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް މޮރީނިއޯ ބުނެފި އެވެ.

މޮރީނިއޯ ބުނީ، އެފްއޭއިން ކްލަބު ތަކާމެދު އަޅާ ފިޔަވަޅު ތަކުގައިވެސް، އަދި ރެފްރީންގެ ނިންމުން ނިންމުމުގައިވެސް ޗެލްސީއާމެދު ތަފާތު ކުރުންތަކެއް ގެންގުޅޭ ކަމަށެވެ. އަދި ރެފްރީން ނިންމާ ނިންމުންތަކުގައި ގަސްދުގައި ޗެލްސީއާ ދެކޮޅު ނުވިއަސް، މެޗުތަކުގައި އޮފިޝަލްކަން ކުރާ ފަރާތްތައް ގެންގުޅެންޖެހޭ ހަމަ ތަކަކާއި އުސޫލުތަކެއް ހުންނާނެ ކަމަށް މޮރީނިއޯ ބުންޏެވެ.

"އަހަންނާއި އަހަރެންގެ ކްލަބާމެދު ފިޔަވަޅު އެޅުމުގައި ގެންގުޅެނީ އެހެން ކްލަބުތަކާ ތަފާތު މިންގަނޑު ތަކެއް. މިއީ އެންމެނަށްވެސް އިނގޭ ކަމެއް. މިމަހުގެ އެކެއްގައި ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ވީ ހަމަ އެހެން. އެ މެޗުގައި ކްރިސް ސްމޯލިންގެ އަތުގައި ބޯޅަ ޖެހުމުން އެކަމަށް ރެފްރީން ފިޔަވަޅު އަޅާފައެއް ނުވޭ. ނަމަވެސް އެއީ ރެފްރީން ގަސްދުގައި ކުރާކަމެއް ނޫން. ރެފްރީންވެސް ނިންމާނީ އެމީހުނަށް ނިންމުނު އެންމެ ރަނގަޅަކަށް. އެކަމު ދަނޑުމަތީގައި ނިންމުމެއް ނިންމުމުގައި ގެންގުޅެންޖެހޭ ވަކި މިންގަނޑުތަކެއް ހުރޭ،" މޮރީނިއޯ ބުންޏެވެ.

އެފްއޭއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މޮރީނިއޯ ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ޗެލްސީ، އާސެނަލް އާ ދެކޮޅަށް ކުޅުނު މެޗުގައި، އާސެނަލްގެ ކޯޗް އާސެން ވެންގާ އޭނާ ކޮށްޕާލި މައްސަލަ ނުބެލުމުން އެކަމާ ބެހޭގޮތުން ވާހަކަ ދައްކަފައެވެ. މޮރީނިއޯ ބުނީ އޭނާ އެފަދަ ކަމެއް ކުރިނަމަ އޭނާއާ މެދު އެފްއޭއިން އަޅާނީ ހަރުކަށި ފިޔަވަޅެއް ކަމަށެވެ.

"ޓެކްނިކަލް ސަރަހައްދެއްގެ ތެރެއިން އެފަދަ ގޮތަކަށް އަހަރެން އެހެން ޓީމެއްގެ ކޯޗެއް ކޮށްޕާލައިފި ނަމަ އެކަމާމެދު އަޅާނީ ކޮން ފިޔަވަޅެއްކަން ވިސްނާލަން ޖެހޭ. އެފަދަ ގޮތަކަށް ކަންތައް ކޮށްފިއްޔާ އަހަރެން ސްޓޭޑިއަމުން ސަސްޕެންޑު ކުރުން އެކަށީގެންވޭ. މިކަމުންވެސް ޗެލްސީ އާއި އަހަންނާ މެދު ތަފާތު ކުރުންތަކެއް ގެންގުޅޭކަން ފާހަގަ ކުރެވޭ،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ އާމެދު އިނގިރޭސި އެފްއޭއިން ފިޔަވަޅު އަޅަން ނިންމާފައި ވަނީ މިދިޔަ މަހުގެ ތެރޭގައި އެ ޓީމް ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން "ރެފްރީން ވަކި ކޮޅަކަށް ޖެހޭ ކަމަށް، ނުވަތަ ފުޓްބޯޅައިގެ ނަން ހަޑިވާފަދަ" ގޮތަކަށް އޭނާ ވާހަކަ ދައްކާފައި ވުމުން ކަމަށް ބުނެއެވެ.

އެ މެޗުގެ ކުރިން މޮރީނިއޯ ވަނީ މެޗުގައި ރެފްރީކަން ކުރަން ހަމަޖެއްސި އޮފިޝަލް ނީލް ސްވާބްރިކްއަށް "ވަރުގަދަ ޕާފޮމެންސެއް" ދެއްކުމަށް ގޮވާލާފައެވެ. ނަމަވެސް އެފްއޭގެ ގަވައިދު ބުނާގޮތުން، އެއްވެސް މެޗެއްގެ ކުރިން އެ މެޗެއްގައި ރެފްރީކަން ކުރާ އޮފިޝލަކާ ބެހޭ ގޮތުން އެއްވެސް ކަހަލަ ކޮމެންޓެއް ކުރުމަކީ މަނާކަމެކެވެ.