ލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސާގެ ދެ ކޮއްކޮ، ކުރީގެ އެކޮނަމިކް ޑިވެލޮޕްމަންޓް މިނިސްޓަރު ބައިސަލް ރާޖަޕަކްސާ އާއި ކުރީގެ ޑިފެންސު ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސާގެ މައްޗަށް ޖިނާއީ މައްސަލަތަކެއްް ތަހުގީގު ކުރުމަށް، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެެ މައްސަލަ ތަހުގީގުކޮށްދިނުމަށް ހުށަހެޅީ ކުރީގެ މިނިސްޓަރު މެރިޔަން ސިލްވާ އެވެ.

ސިލްވާއާ ހަވާލާދީ ކޮލަމްބޯ ގެޒެޓުން މިއަދު ބުނީ ރާޖަޕަކްސާގެ ދެ ކޮއްކޮ ޖިނާއީ އަމަލުތައް ހިންގަަމުން ދިޔަ ކަން ހޮދު ރައީސް ރާޖަޕަކްސާ އަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް އޭނާ ހިމޭނުން ހުންނެވީ ކަމަށެވެ.

ނަމަވެސް ސިލްވާ ވިދާޅުވީ އޭނާ ހިމޭނުން ހުންނަން ބޭނުން ނޫން ކަމަށާއި އެ މައްސަލަ ސީއިޑީގައި ފައިލް ކުރީ އެހެންވެގެން ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެ މައްސަލާގައި އޭނާ ކުރިއަށްދާ އިރު އޭނާ އަށާއި އޭނާގެ އާއިލާ އަށް ނުރައްކާ އޮތް ކަމަށާއި ނަމަވެސް ބިރެއް ނެތި ކުރިއަށް ދާނެ ކަމަށެވެ. އަދި ސިލްވާ ވިދާޅުވީ އޭނާ އެ މައްސަލަ ކުރިއަށް ގެންދަނީ ފަހަރެއްގައި ވެސް ބައިސަލް އާއި ގޮތަބަޔާ އާ ދޭތެރޭ ޒާތީ ކަމެެއް އޮވެގެން ނޫން ކަމަށެވެ.
ސިލްވާ ވިދާޅުވީ އޭނާ ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ކުރީގެ ދެ ނޫސްވެރިން ކަމަށްވާ، ސަންޑޭ ލީޑާސްގެ އެޑިޓަރު ލަސަންތާ ވިކްރަމަތުންގާ އާއި ނޫސްވެރިޔާ ބަހާރަތަ ލަކްސްމަން ޕެރާރާގެ މަރުގެ މައްސަލަތަކުގެ ތަފްސީލު ހިމެނޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ދެ ހާދިސާގައި ގޮތަބަޔާ ރާޖަޕަކްސާ ހިމެނޭ ކަމަށާއި އަދި "ވައިޓް ވޭން"ގެ ސަގާފަތުގައި ވެސް އޭނާ ހިމެނޭ ކަމަށެވެ.

ލަސަންތާ މަރާލީ 8 ޖެނުއަރީ 2009ގައި އޭނާ އޮފީހަށް ދިޔަ މަގުމަތީގަ އެވެ.