ބަޑި ހިފައިން އުޅުނު ބަޔަކު ޔަމަނު ރައީސްގެ ޗީފް އޮފް ސްޓާފް އަހުމަދު އަވަދު ބިން މުބާރަކް ވަގަށް ނަގައިފި ކަމަށް އޮފިޝަލުން ބުނެފި އެވެ.

ބީބީސީ އިން ބުނީ މިއަދު ހިނގި ހާދިސާގައި މުބާރަކް ވަގަށް ނަގާފައި ވަނީ ޔަމަނު ކެޕިޓަލް ސަނާގެ މެދު ތެރެއިން ކަމަށެވެ. މުބާރާކްއާ އެކު އޭނާގެ ދެ ގާޑުންވެސް ވަގަށް ނަގާފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

އޮފިޝަލުން ބުނާ ގޮތުގައި އޭނާ އާއި އެ ދެ ގާޑުން ވަގަށް ނެގުމުގެ ފަހަތުގައި ވަނީ ސަނާ ކޮންޓްރޯލް ކުރަމުން އަންނަ ޝިއާ ހޫތީން ކަމަށެވެ. އަދި އޭނާ ވަގަށް ނަގާފައި ވަނީ ރައީސްއާ އެކު އޮތް ބައްދަލުވުމެއްގައި އޭނާގެ ޑްރާފްޓު ހުށަހެޅުވުން ހުއްޓުވުމަށް ކަމަށް އޮފިޝަލުން ބުންޏެވެ.

މުބާރަކް ގެއްލިގެން އުޅޭއިރު ސަނާގައި ސިވިލް ސޮސައިޓީ ގްރޫޕްތަކުން އެއްވެގެން ޝިއާ ހޫތީންނާ ދެކޮޅަށް ހަޅުތާލު ކުރަން ފަށާފައިވެ އެވެ. އެންމެން ހަރު އަޑުގައި ހަޅުތާލު ކުރަމުން ގޮސް ޑިފެންސް މިނިސްޓްރީ ކުރިމައްޗަށް އެއްވެފައިވާ ކަމަށް ބީބީސީ އިން ބުނެފައިވެ އެވެ.

ޔަމަނުގެ ވެރިކަމުން އަލީ އަބްދުﷲ ސާލެހް 2011ގައި ފޭބުމާ އެކުގައި ގިނަ ހަޅުތާލުތަކެއް ހިނގައި، ގައުމުގައި އޮތީ ބޮޑު ހަމަނުޖެހުމެއް ފެތުރިފައެވެ. އެ ހަޅުތާލުތަކުގައި ގިނަ ބަޔަކު މަރުވެފައިވެ އެވެ.