ހިޓްލަރުގެ ދުވަސްވަރު ޖަރުމަނުގައި ޔަހޫދީންނާ ދެކޮޅަށް ހިންގި ގަތުލު އާއްމު "ހޮލޮކާސްޓް"ގެ ހަނދާން އާކުރާ ދުވަސް ފާހަގަކުރާކަން އިޝްތިހާރު ކުރުމަށް އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ބެހެއްޓި ބޯޑުތަކެއްގައި ސްޕްރޭއިން ލިޔެ އެބޯޑްތަކަށް ގެއްލުންދީފި އެވެ.

ރަޝާ ޓްޑޭ (އާރްޓީ) ނިއުސް އެޖެންސީން ބުނީ ލަންޑަންގައި ބަހައްޓާފައި ހުރި ބޯޑްތަކުގައި ރަތް ކުލައިގެ ސްޕްރޭ އިން ލިޔެފައި ވަނީ "ލަޔާސް" ( ދޮގުވެރިން) އަދި "ކިލާސް" (ގާތިލުން) މިދެ އިބާރާތް ކަމަށެވެ.

އިޝްތިހާރު ބޯޑުތަކަށް ގެއްލުން ދިން މައްސަލަ ބަލަމުން އަންނަ ކަމަށް އިނގިރޭސި ފުލުހުން ވަނީ ބުނެފަ އެވެ.

ލަންޑަންގެ ނިއުހަމް ނަމަކަށް ކިޔާ ސަރަހައްދުގައި އެބޯޑްތައް ބެހެއްޓީ ހޮލޮކާސްޓްގެ ހަނދާން އާކުރާ ދުވަހެއްގެ ގޮތުގައި މި ޖެނުއަރީ މަހުގެ 27 ވަނަ ދުވަސް ފާހަގަކުރުމަށް އެ ސަރަހައްދުގެ ކައުންސިލުން ނިންމައިގެންނެވެ.

ލަންޑަންގައި މިފަދަ ކަމެއް ހިނގާފައި މިވަނީ އިނގިރޭސިވިލާތުގައި ދިރިއުޅޭ ޔަހޫދީންނަށް އެގައުމުގައި ކުރިމަގެއް ނެތް ކަމަށް އެގައުމުގެ 45 ޕަސެންޓް މީހުން ގަބޫލުކުރާކަން ސާވޭއަކުން ހާމަވީތާ އެއް ދުވަސް ފަހުންނެވެ. ސާވޭގައި ބައިވެރިވި މީހުންގެ 13 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި ޔަހޫދީން ހޮލޮކާސްޓްގެ ވާހަކަ ދައްކަނީ ހަމްދަރުދީ ހޯދުމަށެވެ.

ޔަހޫދީންނާ ދެކޮޅަށް ވާހަކަ ދެއްކުމަކީ އިނގިރޭސިވިލާތާއި ޔޫރަޕްގެ އެހެން ގިނަ ގައުމުތަކުގައި މަނާކޮށްފައިވާ ކަމެކެވެ.