17 Jan 2015, 16:23
ރާއްޖޭގެ ސަގާފަތް ދިރުވާ އާލާކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ކުރަމުންދާ މަސައްކަތުގެ ދަށުން، ސަލްޓަންޕާކުގައި ކުރިއަށް ގެންދާ "ސަގާފީ އީދު" ފެސްޓިވަލުގައި ގުޑުގުޑާ ބޯ މަންޒަރު ދެއްކުމުން މުޖުތަމައުއަށް ދެވޭ މެސްޖު ގޯސްވެ ނޭދެވޭ އަސަރު ކުރާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭގެ އެޕިޑަމިއޮލޮޖިސްޓް ޑރ. އައިޝަތު އަރޫނާ މިއަދު 'ސަން' އަށް ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލު ކުރާ މަންޒަރު ސަގާފީ ކަމެއްގެ ގޮތުގައި ދެއްކުމުން ކުޑަކުދިންނަށާއި އެކުދިންގެ މައިބަފައިންނަށް އެއީ ރަގަޅުކަމެއްގެ ގޮތތުގައި ސިފަވެގެން ދާ ކަމަަށެވެ. ސިއްހީ ލަފާދެއްވާ މާހިރުން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތަށް ގެއްލުން ހުރިކަމެއް ކަމަށް ބުނަމުންދާއިރު، ސަގާފީ ގޮތުން އެފަދަ މަންޒަރެއް ދެއްކުމުން، އެއީ ރަގަޅުކަމެއް ކަމަށް ގަބޫލުކުރެވޭ މީހުން ގިނަކަމަށްވެސް އަރޫނާ ވިދާޅުވި އެވެ.
"ހެލްތް ސައިޑުން މިކިޔަނި މިއީ ނުރައްކާތެރި އެއްޗެކޭ، އެކަމަކު އެހެން މުއައްސަސާތަކުން މި އެނގެނީ މިއީ ސަގާފީގޮތުން ރަގަޅުކަމެކޭ، ސަގާފަތޭ ބުނީމަ އާންމުކޮށް މީހުންގެ ހިތަށް އަރަނީ އެއީ ރަގަޅު ކަމެކޭ" އަރޫނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންފެވަފައި ތިބޭ މީހުންނަށް، ސަގާފީ ކަމެއްގެ ގޮތުގައި، ގުޑުގުޑާ ބޯ މަންޒަރު ފެނުމުން، ހުއްޓާލުމަށް އެ ލިބޭ ހިތްވަރުވެސް ދޫވެގެން ދާ ކަމަށެވެ. އެހެންނަމަވެސް މިހާރު އެޗްޕީއޭ އާއި އަދި އެމްބީސީ އާ ވާހަކަދައްކައިގެން، "ސަގާފީ އީދު" ފެސްޓިވަލްގައި، ގުޑުގުޑާ ބޯ މަންޒަރު ނުދެއްކުމަށް ނިންމާފައިވާކަމަށް އަރޫނާ ވިދާޅުވި އެވެ.