ޗެނަލް 13ގެ ބްރޯޑްކާސްޓިން އިންޖިނިއަރިން ޓެކްނީޝަންގެ މަގާމުގައި ހުރި މީހަކު ވަޒީފާ އިން ވަކި ކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ބަދަލުގެ ގޮތުގައި 20،025 ރުފިޔާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަންގާރަ ދުވަހު ނިންނި ނިންމުމުގައި ވަނީ ޗެނަލް 13ގެ ބްރޯޑްކާސްޓިން އިންޖިނިއަރިން ޓެކްނީޝަންގެ މަގާމުގައި ހުރި ގދ. ތިނަދޫ ތެވެލި އިސްމާއީލް ޝާރިހް ޝަމީމް ވަޒީފާ އިން ވަކިކުރި ސަބަބު ޗެނަލް 13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

އެހެންކަމުން ޝާރީހު ވަޒީފާ އިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް އޮވެ ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް ކަމަށް ބަލާނެ ހަމައެއް ނެތް ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގެ 27 ވަނަ މާއްދާ އަށް ރިއާޔަތްކޮށް މައްސަލަ ބެލި މަޖިލީހުގެ މެމްބަރުންގެ އިއްތިފާގުން ވަނީ ކަނޑައަޅާފަ އެވެ.

ވަޒީފާ އިން ވަކިކޮށްފައި ވާތީ އަދުލުވެރި ބަދަލުގެ ގޮތުގައި ސާރިހު އަށް ދޭންޖެހޭ 20،025 ރުފިޔާ އާއި ވަޒީފާ އަދާކުރިގޮތުގެ ލިޔުމެއް ވަޒީފާއާ ބެހޭ ގާނޫނުގެ 24 ވަނަ މާއްދާއާ އެއްގޮތަށް 14 ދުވަހުގެ ތެރޭގައި ސާރިހުއަށް ދޫކުރުމަށް ފަހު ތިން ދުވަހުގެ ތެރޭގައި އެކަން ޓްރައިބިއުނަލަށް އެންގުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.