ދިރާގު ބްރޯޑްބޭންޑް އިންޓަނެޓް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަޝްރޫއުގެދަށުން، ދިރާގުން އެއްންމެ ފަހުން ތައާރަފް ކުރި ފޯޖީ އެލްޓީއީގެ ޚިދުމަތް ޏ.އަތޮޅު ފުވައްމުލަކަށް މިއަދު ތައާރަފް ކޮށްފިއެވެ.

ފުވައްމުލަކަށް ފޯޖީގެ ޚިދުމަތް މިއަދު ތައާރަފު ކުރީ އެކަމަށްޓަކައި ހާފިޒް އަޙްމަދު ސްކޫލުގައި ބޭއްވި ޚާއްސަ ހަފުލާއެއްގަ އެވެ. މި ހަފްލާ ޝަރަފުވެރި ކޮށްދެއްވައި ފޯޖީގެ ޚިދުމަތް އެރަށަށް ތައާރަފް ކޮށްދެއްވީ ޏ. އަތޮޅު ކައުންސިލްގެ ރައީސް ފަލާހު ޝަރީފާއި ދިރާގު ބޯޑުގެ ޗެއަމަން ރިޟުވާން ޝަރީފެވެ.

ދިރާގު ފޯޖީ ރަސްމީކޮށް ފުވައްމުލަކަށް ތައާރަފުކުރުމަށްފަހު އެކަމުގެ ރަސްމީ ހަނދާނީ ފިލަޔެއްވެސް އަތޮޅު ކައުންސިލްގެ ރައީސްއާއި ވަނީ ހަވާލުކޮށްފައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ އިސްމާއީލް ވަހީދު ވިދާޅުވީ ދިރާގުން މުޅިރާއްޖެއަށް އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މުޅި ރާއްޖޭގައި މޮބައިލް އިންޓަރނެޓްގެ ސްޕީޑް މަތިކުރެވި މިހާރު 4ޖީގެ ޚިދުމަތްވެސް މާލެއާއި އާބަދީ ބޮޑެތި ސަރަހައްދުތަކުގެ އިތުރުން، މިއަދު ރާއްޖޭގެ އެހެން އަތޮޅުތަކާ ގުދުރަތީގޮތުން ތަފާތު އަތޮޅެއްކަމުގައިވާ ފުވައްމުލަކަށްވެސް މިހާރު ދިރާގުގެ ފޯޖީ ޚިދުމަތް ލިބިވަޑައިގަންނަވާނެކަމަށެވެ.

"ހަލުވި ސްޕީޑްގައި އިންޓަނެޓް ލިބިގެން ދިޔުމުން ރަށުގެ ހުރިހާ މުއައްސަސާތަކާއި ރަށަށް ޒިޔާރަތްކުރާ ފަރާތްކަތަކަށްވެސް އިތުރު ކުރިއެރުމާއި ލުއި ފަސޭހަތައް ލިބިގެންދާނެ،" އިސްމާއީލް ވަހީދު ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، ދިރާގުގެ ޑިރެކްޓަރ ސޭލްސް އެންޑް ކަސްޓަމާ ސާވިސަސް އަލީ ރިޔާޒު ވަނީ، ފޯޖީ ޚިދުމަތާބެހޭގޮތުން އިތުރު ތަފްސީލު ދެއްވައި، ދިރާގުގެ ފޯޖީ ޚިދުމަތް ބޭނުންކުރުމަށް ތައާރަފުކުރެވުނު ޑިވައިސްތަކުގެ އިތުރުން ދިރާގުން ތްރީޖީ އަދި ފޯޖީ އަށް ފަރުމާކޮށްފައިވާ ބޮޑެތި ޑޭޓާ ޕްލޭންގެ މައުލޫމާތުތައްވެސް ހިއްސާކުރައްވާފައެވެ.

ރާއްޖެއަށް 4ޖީގެ ޚިދުމަތް ތައާރަފުކުރުމަށްފަހު އަތޮޅުތަކަށް މި ޚިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެދަށުން ފުވައްމުލަކުގެ އިތުރުން މިހާރު ވަނީ ގއ. ވިލިނގިލި، ގދ. ތިނަދޫ، ހދ. ކުޅުދުއްފުށި ޅ. ނައިފަރުގައި ވެސް އެޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައެވެ. މިއާއެކު މިހާރު ރާއްޖޭގެ އާބާދީގެ ފަންސާސް ޕަސެންޓަށް އެލްޓީއީ 4ޖީ ޚިދުމަތްދެވިވާކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނިގޮތުގައި 4ޖީ ނެޓްވޯކަކީ މިހާރު ރާއްޖޭގެ އެންމެބޮޑު އަދި އެއްމެ ހަލުވި ސްޕީޑް ލިބޭ 4ޖީ ނެޓްވޯކެވެ.