17 Jan 2015, 16:00
ސްކޫލުތަކުގެ ދަރިވަރުންގެ އާބާދީއަށް ބެލުމަށް ފަހު ވަކި އަދަދަކަށް ޑެޕއުޓީ ޕްރިންސިޕަލުން ކަނޑައަޅަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
މި މަހުގެ 11 ވަނަ ދުވަހު އާންމުކޮށް ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި"ސްޓާފް ރިކުއާމެންޓް" ސާކިއުލާގައި ބުނެފައިވާ ގޮތުން، ޑެޕިއުޓީ ޕްރިންސިޕަލެއްގެ މަގާމުގައި ހުރެވޭނީ އެންމެ ދަށްވެގެން ބެޗްލާސް ޑިގްރީއެއް ހާސިލްކޮށްފައިވާ ބޭފުޅަކަށެވެ.
މީގެ އިތުރުން، ސްކޫލުގެ އާބާދީ 500 އާއި 999 އާ ދެމެދު ނަމަ އެ ސުކޫލެއްގައި ޑެޕިއުޓީ ޕްރިންސިޕަލަކަށް ހުންނަންޖެހޭނީ އެންމެ ބޭފުޅެކެވެ. އަދި ދަރިވަރުންގެ އާބާދީ 1000 ނުވަތަ އެއަށް ވުރެ މަތިނަމަ އެ ސުކޫލެއްގައި ހުންނަންޖެހޭނެ ކަމަށް ކަނޑައަޅާފައި ވަނީ ދެ ޑެޕިއުޓީ ޕްރިންސިޕަލުންނެވެ.
އެ ސާކިއުލާގައި ބުނެފައިވަނީ ސްކޫލުގެ ޖުމުލަ އާބާދީ އަށް ކަނޑައަޅާ އަދަދަށް ވުރެ ގިނައިން ޝަރުތު ހަމަވާ ޑެޕިއުޓީ ޕްރިންސިޕަލުން ސުކޫލުގައި ތިބި ނަމަ ސަނަދަށާއި ތަޖުރިބާއަށް މެރިޓް އުސޫލުން ބަލައި އަދި މެރިޓް އުސޫލުން އެއްވަރު ވެއްޖެ ނަމަ 2013 ވަނަ އަހަރުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ފޯމުގެ ނަތީޖާއަށް ބަލައިގެން ތަރުތީބުކުރުމަށް ފަހު އެނެކްސް އެކެއްގެ ފޯމް ފުރިހަމަކޮށް ޝަރުތު ހަމަވާ ޑެޕިއުޓީ ޕްރިންސިޕަލުންނާއި ޝަރުތު ހަމަނުވާ ޑެޕިއުޓީ ޕްރިންސިޕަލުން ފާހަގަކުރަންޖެހޭނެ އެވެ.
ސަންޓީވީގެ 50 މިނެޓް ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ، ސްކޫލްތަކުގެ އާބާދީއަށް ބެލުމަށް ފަހު ވަކި އަދަދަކަށް ޑެޕިއުޓީ ޕްރިންސިޕަލުން ބޭތިއްބުމަށް ކަނޑައެޅުމަކީ ތައުލީމީ ނިޒާމަށް ގެނެވުނު މުހިއްމު ބަދަލެއް ކަމަށެވެ.
"ތައުލީމީ ނިޒާމު އިތުރަށް ފައްކާކޮށް ވަރުގަދަ ކުރުމަށްޓަކާ މިއީ ގެނެވުނު ވަރަށް މުހިއްމު ބަދަލެއް. މިސާލަކަށް 300 ދަރިވަރުން ތިއްބަސް ތިން ހަތަރު ޑެޕިއުޓީ ޕްރިންސިޕަލް ލައްވައިގެން އެއީ ސިސްޓަމަށް އެހާ ރަނގަޅު ކަމަކަށް ނުވެދާނެ،" އަޒްލީން ވިދާޅުވި އެވެ.
މީގެ އިތުރުން، ތައުލީމީ ނިޒާމް ފައްކާކޮށް އެ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންގެ މުސާރައާއި އިނާޔަތްތައް އިތުރުކުރަމުންދާއިރު، އެބޭފުޅަކަށް ވެދެވެން އޮތް އެންމެ ބޮޑު އެއްބާރުލުމެއް ނިޒާމަށް ދެއްވަންޖެހޭ ކަމަށެވެ.
މީގެ ކުރިން ވެސް ޑެޕިއުޓީ ޕްރިންސިޕަލުން ވަކިކުރުމުގެ މައްސަލައެއް ހޫނުވެފައިވެ އެވެ. ނަމަވެސް ތައުލީމު ހާސިލްކޮށްގެން ތިބި ބޭފުޅުން މަގާމުގައި ބޭތިއްބުމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ނިންމެވި އެވެ. އަދި މަގާމުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އިތުރަށް ގާބިލުކަން ބޭނުންވާ ފަރާތްތަކަށް "ސިސްޓަމް"ގެ ތެރެއިން އެ ކަންތައް ކޮށްދޭނެ ކަމަށް އޭރު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވި އެވެ.