17 Jan 2015, 15:58
މިފަހަރުގެ ފުޓްބޯޅަ ސީޒަނަށް މާޒިޔާ ސްޕޯޓްސް ކްލަބަށް ސޮއި ކުރި އެ ޓީމްގެ ތިން ބިދޭސީ ކުޅުންތެރިން މިއަދު ރާއްޖެ އަތުވެއްޖެއެވެ.
މިފަހަރުގެ ސީޒަނަށް މާޒިޔާއަށް ގެނެސްފައި ވަނީ މިދިޔަ އަހަރުވެސް އެ ޓީމަށް ކުޅުނު ބަލްގޭރިއާގެ ޑިފެންޑަރު ޒިވްކޯވް ޑިނޭވް އާއި މިފަހަރު އަލަށް ގެނައި ދެ ކުޅުންތެރިން ކަމަށްވާ ބްރެޒިލްގެ މިޑްފީލްޑަރު ސިލަސް ޖޫނިއާ އަދި ޖަޕާނުގެ މިޑްފީލްޑަރެކެވެ.
އެ ތިން ކުޅުންތެރިންގެ އިތުރުން މި ސީޒަންގައި ދެން މާޒިޔާއަށް ގެންނަން ހަމަޖެހިފައި ވަނީ ސްޕެއިންގެ ފޯވާޑެކެވެ. އެ ކްލަބުން މައުލޫމާތު ދިން ގޮތުގައި އެނާ ޓީމާ ގުޅެން ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހު އެވެ.
މި ސީޒަނަށް މާޒިޔާއަށް ގެނައި ބިދޭސީ ކުޅުންތެރިންގެ އިތުރުން އެ ޓީމް ވަނީ މިދިޔަ ސީޒަނަގައި ނިއުރޭޑިއެންޓުގެ ކެޕްޓަންކަން އަދާ ކުރަމުން ދިޔަ ރާއްޖޭގެ އެއް ނަންބަރު ކީޕަރު އިމްރާން މުހައްމަދު ވެސް އެ ޓީމަށް ގެނެސްފައެވެ. އަދި މިދިޔަ ސީޒަންގައި މަހިބަދޫ ސްޕޯޓްސް ކްލަބަށް ކުޅެމުން އައި މިޑްފީލްޑަރު ހުސައިން ނިޔާޒް މުހައްމަދުގެ އިތުރުން، އަހްމަދު އިމާޒް (އާއްކޮ) އާއި ޒުވާން ޑިފެންޑަރު އިބްރާހިމް ހަސީބުވެސް މި ސީޒަނަށް ވަނީ އެ ޓީމާ ގުޅިފައެވެ.
ބިދޭސީ ހަތަރު ކުޅުންތެރިން މިފަހަރު މާޒިޔާއިން ގެންނަން ވިސްނާފައި ވާއިރު، މިދިޔަ ސީޒަންގައި އެ ޓީމުގައި ރަނގަޅު ކުޅުމެއް ދެއްކި އަބޫ ޑެސްމަންޑް މަންސާރޭ އާއި ރިސްޓޭ ނައުމޯވް މި ސީޒަންގައި އެ ޓީމުން ވަނީ ދޫކޮށްލާފައެވެ.
މާޒިޔާއިން މިފަހަރުގެ ސީޒަނަށް އެ ޓީމްގެ ސްކޮޑު އިތުރަށް ވަރުގަދަ ކުރަން މަސައްކަތް ކުރަމުން ދާއިރު، މިދިޔަ ސީޒަންގައި އެ ޓީމުގައި މުހިންމު ރޯލެއް އަދާކުރި މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ވަނީ މި ސީޒަންގައި އެ ޓީމް ދޫކޮށް، މިޔަންމާގެ ކްލަބަކާ ގުޅިފައެވެ.
މިފަހަރުގެ ފުޓްބޯޅަ ސީޒަންގައި މާޒިޔާއަށް އިރުޝަދު ދޭން އެ ޓީމުން ހަމަޖައްސާފައި ވަނީ މިދިޔަ ސީޒަންގައިވެސް އެ ޓީމަށް އިރުޝާދު ދިން ތަޖުރިބާކާރު ކޯޗް އަލީ ސުޒޭން އެވެ.