17 Jan 2015, 14:36
މިފަހަރުގެ ފުޓްބޯޅަ ސީޒަނަށް ސްކޮޑު ވަރުގަދަ ކުރުމުގެ ގޮތުން ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބަށް މިފަހަރު ސޮއިކުރި ބްރެޒިލްގެ ޕްލޭމޭކަރ ސަންތޯސް އާއި ފޯވާޑް ރަފީނިއާ މާލެ އަތުވެއްޖެއެވެ.
އެ ކްލަބުން މައުލޫމާތު ދިން ގޮތުގައި އެ ދެ ކުޅުންތެރިން ޓީމާ ގުޅުމަށް މާލެ އައިސްފައި ވަނީ މިއަދު އެވެ. އަދި މިރޭ ބާއްވާ އެ ޓީމްގެ ތަމްރީނުތަކުގައި އެ ދެ ކުޅުންތެރިން ބައިވެރި ވާނެ ކަމަށް އެ ކްލަބުން ބުންޏެވެ.
މިއަދު 'ސަން' އަށް މައުލޫމާތު ދެމުން އެ ކްލަބްގެ ޑައިރެކްޓަރ އޮފް ފުޓްބޯލް އަންވަރު އަލީ ވިދާޅުވީ މިފަހަރު ގެނައި ބިދޭސީ ތިން ކުޅުންތެރިންނާއެކު އެ ކްލަބުގެ ސްކޮޑު އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށާއި، ކުރިއަށް އޮތް ސީޒަނާ ކުރިމަތިލާން މިހާރު އެ ޓީމް ތައްޔާރު ވެފައި ވާކަމަށެވެ.
"ބްރެޒިލްގެ ދެ ފޯވާޑުންވެސް މިއަދު ވަނީ ޓީމާ ގުޅިފައި. މިފަހަރު ޓީމަށް ގެނައި ތިން ބިދޭސީ ކުޅުންތެރިންނާއި، އަދި އޭގެ އިތުރުން މިފަހަރު ކްލަބަށް ސޮއިކުރި ދިވެހި ކުޅުންތެރިންނާ އެކު ޓީމް މިހާރު ވަނީ ވަރަށް ވަރުގަދަ ވެފަ. ކުރިއަށް އޮތް ސީޒަންގައި ރަނގަޅު ކާމިޔާބީތަކެއް ޓީމަށް ނެރެވިދާނެ،" އަންވަރު ވިދާޅުވިއެވެ.
އަންނަ ސީޒަނަށް ނިއު މާ ބޮޑެތި އިންޖަރީގެ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައި ނުވާއިރު، އެ ޓީމްގެ ތަމްރީނު ތަކުގައި އަދި މިހާތަނަށް ބައިވެރި ނުވެވޭ ހަމައެކަނި ކުޅުންތެރިއަކީ އެ ޓީމްގެ މިޑްފީލްޑަރު އަލީ ފާސިރު (ސެންޓޭ) އެވެ. މިދިޔަ މަހުގެ ތެރޭގައި ކުރި އޮޕަރޭޝަނެއްގެ ސަބަބުން ސެންޓޭ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހިފައި ވާއިރު، އަންވަރު ވިދާޅުވީ ސެންޓޭއަށް ނުކުޅެވުނަސް އެ ޓީމަށް ދަތިތަކަކާ ކުރިމަތިލާން ނުޖެހޭނެ ކަމަށެވެ.
"ސެންޓޭ ނެތަސް، ދަނޑުމަތީގައި އޭނާ ރިޕްލޭސް ކުރެވޭނެ ފެންވަރުގެ ކުޅުންތެރިން މިހާރު މި ކްލަބުގައި އެބަތިބި. ސެންޓޭއަށް ޕޮމިސް ކަޕްގައި ނުކުޅެވޭނެ. ނަމަވެސް މިހާރު މި އޮތް ސްކޮޑާއެކު އެ މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދިދާނެ،" އަންވަރު ވިދާޅުވިއެވެ.
ނިއުގެ ކެޕްޓަންކަން އަދާކުރަމުން ދިޔަ ގައުމީ ޓީމްގެ ގޯލް ކީޕަރު އިމްރާން މުހައްމަދު މިފަހަރުގެ ސީޒަނަށް އެ ޓީމު ދޫކޮށް މާޒިޔާއަށް ސޮއިކޮށްފައި ވާއިރު، ނިއު އިން ވަނީ އޭނާގެ ބަދަލުގައި މި ސީޒަނަށް އެ ޓީމަށް ސްޕެއިންގެ ގޯލްކީޕަރެއް ގެނެސްފައެވެ. ސްޕްއިންގެ ކީޕަރު މަރެންކޯ އެ ޓީމާ ގުޅިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަންގައި އެންމެ ފުރަތަމަ ނިއު ވާދަކުރާނެ މުބާރާތަކީ ޕޮމިސް ކަޕެވެ. އެ މުބާރާތުގައި މިދިޔަ ސީޒަންގެ ލީގުން ދެވަނަ ހޯދި ކްލަބް، މާޒިޔާގެ އިތުރުން ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލީ އަޝްފާގް ކުޅެމުން އަންނަ މެލޭޝިއާގެ ކްލަބް ޕީޑީއާރްއެމް އާއި ސިގަޕޫރުގެ 23 އަހަރުން ދަށުގެ ގައުމީ ޓީމްވެސް ވާދަކުރަން ހަމަޖެހިފައި ވާއިރު، އަންވަރު ވިދާޅުވީ އެ މުބާރާތައް ޓީމް ވަމުންދާ ތައްޔާރީތައް ކުރިއަށް ދަނީ ރަނގަޅަށް ކަމަށެވެ.
އޭގެ އިތުރުން އަންވަރު ވިދާޅުވީ ޕޮމިސް ކަޕަށް ފަހު އެ ޓީމް ވާދަކުރާ އޭއެފްސީ ކަޕަށްވެސް އެ ޓީމް ނިކުންނާނީ ނަތީޖާ ހޯދަން ކަމަށެވެ.
"މިދިޔަ އަހަރަށް ވުރެ މި އަހަރު ނިއުގެ ސްކޮޑު ވަރުގަދަ. އެހެން ކަމުން ޕޮމިސް ކަޕްގެ އިތުރުން އޭއެފްސީ ކަޕްގައިވެސް އަޅުގަނޑުމެން ނިކުންނާނީ ނަތިޖާ ނެރެން. އޭއެފްސި ކަޕްގައި އަޅުގަނޑުމެންގެ ޓާގެޓަކީ ކުއާޓާ ފައިނަލާ ހަމައަށް ދިޔުން. ނަމަވެސް އެ މުބާރާތުގައި އެއަށްވުރެވެސް ކުރިއަށް ދެވިދާނެ ކަމަށް އަޅުގަނޑުމެނަށް ގަބޫލު ކުރެވޭ،" އަންވަރު ވިދާޅުވިއެވެ.