ހައި ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް ދައުވާ ކުރައްވާ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފި އެވެ.

އެ ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެންމެ ފުރަތަމައިނުން ވެސް ބާރީ ވިދާޅުވީ ސުޕްރީމް ކޯޓަށް އޭނާ ހުށަހަޅުއްވާފައިވާ މައްސަލައެއް ނޯންނާނެ ކަމަށެވެ. އެކަމަކު އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ބާރީ ހުއްޓުވައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމަކާ ގުޅޭ ގޮތުން ޗެލެންޖް ކުރުމުގެ ހައިސިއްޔަތުން ނުވަތަ ފާޑެއް ކިޔުމުގެ ހައިސިއްޔަތުން ވެސް އެއްޗެކޭ ނުބުނެވޭނެ ކަމަށެވެ.

އެ މައުލޫއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ބާރީއަށް ނުލިބުމުން ދެން އޭނާ ވިދާޅުވީ ޝަރުއީ ދާއިރާގެ އެއްވެސް ކަމެއް ފަސާދަވެގެން ދިއުމަކީ އޭނާ ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އެކަމަށް މިސާލެއް ނަންގެވުމުގެ ގޮތުން ސިންގާ އާއި ބަކަރީގެ ވާހަކަ ނެންގެވުމުން އުއްތަމަ ފަނޑިޔާރު އަނެއްކާ ވެސް ބާރީ ހުއްޓުވި އެވެ. އަދި އެކަށީގެންވާ އިބާރާތުން ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދެއްކެވުމަށް އަމުރުކުރެއްވި އެވެ.

ބާރީ ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފެށުމުން އޭނާ އިސްތިއުނާފް ކުރުމުގެ ހައްގުންނާއި ބައެއް އެހެން ހައްގުތަކުން މަހްރޫމް ވެފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އިސްނަގަން ޖެހޭ ކިތަންމެ ކަމެއް ހުރި ކަމަށާއި ހަމައެކަނި އިސްނަގަން ޖެހެނީ އޭނާގެ މައްސަލައިގައި ނޫން ކަމަށް ވެސް ބާރީ ވިދާޅުވި އެވެ. ނަމަވެސް ބާރީގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާ އުއްތަމަ ފަނޑިޔާރު އަނެއްކާ ވެސް ބާރީ ހުއްޓުވި އެވެ.

ބާރީގެ އެ ވާހަކަތައް އުއްތަމަ ފަނޑިޔާރު ހުއްޓުވާލެއްވުމުން ބާރީ ވިދާޅުވީ އެ ވާހަކަތައް ނުދެއްކޭ ނަމަ އޭނާ ދެކިވަޑައިގަންނަވަނީ ލިބިފައިވާ އަސާސީ ހައްގުތަކެއްގެ ވާހަކަ ނުދެއްކޭ ކަމަށެވެ. އަދި ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް މައްސަލަ ނިންމެވުމަށް އެދިވަޑައިގަތެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަރާތުން ޑރ. އަފްރާޝީމް އަލީ ވިދާޅުވީ މިއީ ގާނޫނު އަސާސީއާ ތައާރަޒްވާ ގޮތަށް ނުވަތަ ފުށުއަރާ ގޮތަށް އޮތް އުސޫލެއް ނޫން ކަމަށެވެ. އަދި ބާރީ އެންމެ ބޮޑަށް މައްސަލަ ޖައްސަވާ ނުކުތާ ކަމަށްވާ ހައި ކޯޓަށް ފަނޑިޔާރުން ހޮވުމުގައި އަންހެނަކާއި ފިރިހެނަކު އެއްވަރުވެއްޖެ ނަމަ ވޯޓަށް އެހުމުގައި އަންހެން މީހާއަށް އިސްކަން ދިނުމަކީ ވެސް މައްސަލައެއް ނޫން ކަމަށް ވިދާޅުވި އެވެ.

ޑރ. އަފްރާޝީމް ވިދާޅުވީ އަންހެން މީހުންނަށް އިސްކަންދޭ ގޮތަށް ހަމަޖައްސާފައި އެ އޮތީ ފިރިހެނުންނާ އެއް ހަމައަކަށް އަންހެނުންނަށް ވެސް ފުރުސަތު ހޯދައި ދިނުމަށް ކަމަށާއި މިހާރު ފަނޑިޔާރު ގެތަކުގައި އަންހެނުންނަށް ވުރެ މާބޮޑަށް ވެސް ފިރިހެން ފަނޑިޔާރުން ގިނަ ކަމަށެވެ. އަދި އެއްގޮތަށް ވެސް އެއީ ތަފާތު ކުރުން ނޫން ކަމަށާއި އެގޮތަށް ޖޭއެސްސީއަށް ކަނޑަނޭޅޭނެ ކަމަށް އެއްވެސް ގާނޫނެއްގައި ބުނެފައިނުވާ ކަމަށް ވެސް ޑރ. އަފްރާޝީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްވެސް ހާލަތެއްގައި އަންހެނަކަށްވީތީ އިސްކަންދޭ އުސޫލެއް ޖޭއެސްސީން ކަނޑައަޅާފައި ނޯންނާނެ ކަމަށާއި މާކްސް ދިނުމުގައި ވެސް އެއްވެސް ތަފާތު ކުރުމެއް ނޯންނާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގައި ފަނޑިޔާރުންގެ ބެންޗުން ވަރަށް ގިނަ ސުވާލުތަކެއް ޖޭއެސްސީއާ ކުރެއްވި އެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހައި ކޯޓަށް ފަނޑިޔާރުން ނެގުމުގައި ގެންގުޅެން ޖެހޭނީ އެންމެ މަތީ ވިސްނުން ކަމަށާއި ހައި ކޯޓަށް ފަނޑިޔާރުން ނެގުމުގައި ކޮމިޝަނުން ކަނޑައަޅާފައި އޮތް އުސޫލަކީ ޗެލެންޖް ކުރެވިފައި އޮތް އުސޫލެއް ކަމަށެވެ. އެހެންކަމުން ހައި ކޯޓުގެ ފަނޑިޔާރުންގެ މުސްތަގިއްލު ކަމަށް ލޮޅުމެއް އަތުވެދާނެތޯ ކިހާވަރަކަށް ކޮމިޝަނުން ވިސްނިތޯ އުއްތަމަ ފަނޑިޔާރު އެއްސެވި އެވެ.

ޑރ. އަފްރާޝީމް ވިދާޅުވީ ކޮންމެ އުސޫލެއް ހެދި ނަމަވެސް އެކަމާ ކޮންމެވެސް ބަޔަކު ޗެލެންޖް ކުރާނެ ކަމަށެވެ. އަދި އުސޫލު ކަނޑައެޅުމުގެ ބާރަކީ ޖޭއެސްސީއަށް މުތުލަގުކޮށް ލިބިފައިވާ ބާރެއް ކަމަށެވެ. ނަމަވެސް އެ ބާރު ލިބޭ ގާނޫނީ ގްރައުންޑް ބަޔާން ކުރުމަށް އުއްތަމަ ފަނޑިޔާރު އެންގެވުމުން ޑރ. އަފްރާޝީމް ވިދާޅުވީ ޖޭއެސްސީ ބޭނުންވާ ގޮތަކަށް އުސޫލު ކަނޑައެޅުމަށް ހުރަސް އެޅޭ ގާނޫނެއް ނެތުމަކީ ވެސް އެ ބާރު ލިބިދޭ ކަމެއް ކަމަށެވެ.
ފަނޑިޔާރު އަލީ ހަމީދު ވިދާޅުވީ އެހެން ޖުޑިޝަރީތަކުގައި ހައި ކޯޓަށް ފަނޑިޔާރުން ނެގުމުގައި އަމަލު ކުރާ ގޮތް ބެލިންތޯ އެވެ. އަދި ފަނޑިޔާރުން ނެގުމުގައި ތަޖުރިބާއަށް ބެލި އިރު ވަކީލަކާއި ފަނޑިޔާރަކާ ބެއްލެވީ އެއް ހަމައަކުންތޯ ސުވާލު ކުރެއްވި އެވެ.

ޑރ. އަފްރާޝީމް ވިދާޅުވީ ވަކީލަކާއި ފަނޑިޔާރުން ބެލީ އެއް ހަމައަކުން ކަމަށާއި އެގޮތަށް ބަލާފައި އެ ވަނީ ގާނޫނު އަސާސީއާއި ގާނޫނާ ހިލާފްނުވާނެ ގޮތުގެ މަތިން ކަމަށެވެ.

ފަނޑިޔާރު އަލީ ހަމީދު ވިދާޅުވީ ވަކީލަކަށް މަސައްކަތް ކުރާ މީހަކާއި މިހާރު ވެސް މަސައްކަތް ކުރާ ފަނޑިޔާރަކާ އެއްވަރުވެއްޖެ ނަމަ އަމަލު ކުރާނެ ގޮތެއް ކަނޑަނޭޅުއްވީ ކީއްވެތޯ އެވެ. ޑރ. އަފްރާޝީމް ޖަވާބުގައި ވިދާޅުވީ އެއީ ކޮމިޝަނުން ނިންމި ގޮތް ކަމަށެވެ. އަދި "ރަހަ ތަފާތު ކޮށްލުމުގެ ގޮތުން" އެކި ދާއިރާތަކުގެ މީހުން ނެގުމަކީ ވެސް ކޮލިޓީ ރަނގަޅުވާނެ ކަމެއް ކަމަށެވެ. މިގޮތުން ސުޕްރީމް ކޯޓުގެ ބެންޗުން ވެސް ތަފާތު ތަޖުރިބާގެ ބޭފުޅުން ފެނިގެންދާ ކަމަށް ޑރ. އަފްރާޝީމް ވިދާޅުވި އެވެ.

އަފްރާޝީމް އެހެން ވިދާޅުވުމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މައްސަލަތަކުގައި ވާހަކަ ދެއްކުމުގައި ވަކީލުން އައްޔަން ކުރުން ވަރަށް މުހިންމު ކަމަށާއި ހައި ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި "ރަހަތަފާތު" ކުރުމަށް ނުބަލާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގެ ފަނޑިޔާރުންގެ ބެންޗުގައި ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެއް ނުހިމެނެ އެވެ. އޭނާގެ އިތުރުން ބެންޗުގައި ނުހިމެނެނީ ފަނޑިޔާރު އަބްދުﷲ ސައީދެވެ.