07 Apr 2010, 13:48
14:30
ދިރިއުޅޭ ތަންތަން ކުއްޔަށް ދިނުމާ ބެހޭ ބިލަކީ، އިމާރާތްކުރުމުގެ ވިޔަފާރި ހުއްޓުމަކަށް އައިސް ފްރީމާކެޓަށް ކުރިމަތިވާ ބޮޑު ގޮންޖެހުމަކަށްވާނެ ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ، ދެ މީހެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ތެރެއަށް ގާނޫނީ ދިގުއަތް ބޭނޭގޮތަށް ބިލުގައި އޮތުމަކީ ފްރީމާކެޓަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. ބިލުގައި ކަންބޮޑުވަންޖެހޭ ބޮޑެތި ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރައްވައި އެ މެންބަރުން ވިދާޅުވީ މި ބިލު އޮތްގޮތަށް ފާސްވެއްޖެނަމަ ކުއްޔަށްދޭ ފަރާތްތަކާއި ކުއްޔަށް ހިފާ ފަރާތްތަކާ ދެމެދު ބޮޑެތި މައްސަލަތަކެއް އުފެދިގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ފަރާތްތަކަށް ގެއްލުން ލިބި ހުރިހާ ފައިދާއެއް ލިބޭނީ ގާނޫނީ ވަކީލުންނަށް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި ބިލުގައި ހިމެނޭ ކަންތައްތަކުގެ ސަބަބުން، ތަންތަނުގެ ކުލި އިތުރަށް މައްޗަށް ގޮސް ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
މި ބިލަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ، މި ބިލަކީ މިހާރުންމިހާރަށް ވެސް ބޭނުންތެރި ބިލެއް ކަމަށެވެ. އަދި އަތޮޅުތަކުގެ ރައްޔިތުން އެކިއެކި ބޭނުންތަކަށް މާލެ އައިސް ތަންތަން ކުއްޔަށް ހިފައިގެން އުޅެންޖެހިފައި ވަނީ ވަރަށް ހާލުގައި ކަމަށާއި، ދެފަރާތުގެ ހައްގުތައް ހިމާޔަތްކުރެވޭ ގޮތަށް އެކަމަށް ލުއިފަސޭހަ ހައްލެއް ހޯދައިދިނުމަކީ އެތައް ރައްޔިތުންނެއްގެ އެދުމެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި ދިރިއުޅޭ ތަންތަނުގެ ކުލީގެ އިތުރުން ކާބޯތަކެއްޗާއި އެހެނިހެން ތަކެތީގެ އަގު އަތްނުފޯރާ ހިސާބަށް މައްޗަށް ދަނީ މާލޭގެ ބިމުގެ އަގު އިންތިހާއަށް ބޮޑުވެގެން ކަމަށާއި އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ވިޔަފާރި ކުރުމަށާއި ގުދަނުގެ ގޮތުގައި ބޭނުންކުރުމަށް ކުއްޔަށްދޭ ތަންތަން ވެސް މި ބިލުގައި ހިމެނުމަކީ މުހިއްމު ކަމެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މި ބިލު ހުށަހަޅުއްވަމުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، ބައެއް ފަރާތްތަކުން ކަންބޮޑުވެފައި ވީނަމަވެސް މި ބިލަކީ ތަންތަނުގެ ކުލި ކަނޑައަޅާ ބިލެއް ނޫން ކަމަށެވެ. އަދި މި ބިލަކީ ކުއްޔަށް ދޫކުރުމާބެހޭ އުސޫލުތަކާއި، ކުލީގެ އެއްބަސްވުމުގައި ހުންނަ ޝަތުރުތުތަކާއި، ކުއްޔަށް ދޫކުރާ ފަރާތާއި ކުއްޔަށް ހިފާ ފަރާތުގެ ހައްގުތައް ކަނޑައަޅާ ބިލެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި މިއީ ކުލި ކުޑަކުރުމާއި ބޮޑުކުރުމާއި އެކަންކަމާ ގުޅޭ އުސޫލުތައް ކަނޑައަޅާފައިވާ ބިލެއް ކަމަށާއި، މި ބިލުގައި އެއްބަސްވުންތައް ނިމުމަކަށް ގެނެވޭނެ ގޮތް ކަނޑައަޅާފައިވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި މި ބިލަކީ ދެބައެއްގެ ދޭތެރޭގައި ހަދާ އެއްބަސްވުމެއްގެ ތެރެއަށް ބޭނިގަންނަ ބިލެއް ކަމަށް، މިނިވަން ވިޔަފާރީގެ އުސޫލުތަކަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވި ނަމަވެސް މި ބިލަކީ އެފަދަ ބިލެއް ނޫން ކަމަށާއި، ހަމައެކަނި މިނިވަން ވިޔަފާރީގެ ސިޔާސަތު ކަނޑައަޅައިގެން އުޅޭ ދައުލަތެއް، ސަރުކާރެއް ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި މި ސަރުކާރަކީ ވެސް ހަމައެކަނި މިނިވަން ވިޔަފާރީގެ ސަރުކާރެއް ނޫން ކަމަށް ވިދާޅުވެ ސަރުކާރުގެ ސިޔާސަތަށް ނަޝީދު ބައްލަވައިލެއްވި އެވެ.