މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ގަވާއިދުގެ ތެރެއިން ތިން ގަވާއިދަކަށް އަމަލުކުރަން ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓުކޮށް އަމަލުކުރަން ފަށައިފައިވާ މި ތިން ގަވާއިދަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގައި ފައިސާ ޓްރާންސްފާ ކުރުމުގެ ވިޔަފާރި ކުރާ ފަރާތްތަކާއި ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރާ ފަރާތްތަކުން އަމަލުކުރަން ޖެހޭ ގޮތުގެ ގަވާއިދާއި މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގައި ބޭންކުތަކުން އަމަލުކުރަން ޖެހޭ ގަވާއިދެވެ.

އޭގެ އިތުރުން މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގައި ލައިފް އިންޝުއަރެންސް އަދި ފެމިލީ ތަކަފުލް އިންޝުއަރެންސް ވިޔަފާރި ކުރާ އަމަލުކުރަން ޖެހޭ ގޮތުގެ ގަވާއިދަށް ވެސް އަމަލުކުރަން ވަނީ ފަށައިފައި އެވެ.

މި ގާނޫނުގައި ބުނެފައި ވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށަކީ އެކްސްޓްރައިޑައިޓްކުރެވޭ ކުށްތައް ކަމަށެވެ.

އެކްސްޓްރައިޑައިޓްކުރެވޭ ހުށަހެޅުމަކަށް އަމަލުކުރަން ވާނީ އެކްސްޓްރައިޑިޝަނާ ގުޅޭ ކަމާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތީން އަދި ދިވެހިރާއްޖެ އިން ބައިވެރިވެފައިވާ އެކްސްޓްރައިޑިޝަނާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކުގައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށް މިގާނޫނުގައި ބުނެފައިވެ އެވެ.

މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ހިނދަކު ގާނޫނާ ހިލާފުވާ ފަރާތެއްގެ އަދަބަކީ 10000ރ. އާއި 500000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. ނުވަތަ އެއް އަހަރާއި ދިހަ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ޖޫރިމަނާކުރުމަކީ މި ކުށުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.