17 Jan 2015, 14:09
މުސާރައިގެ އޮނިގަނޑަށް އައި ބަދަލާގުޅިގެން، ބޭސިކު މުސާރަ ކުޑަވިޔަސް، ގެއަށް ގެންދަން ލިބޭ މުސާރަ ކުރިން ލިބުނު މުސާރައަށް ވުރެ ކުޑަ ނުވާނެ ކަމުގެ ޔަގީންކަން މުވައްޒަފުންނަށް އަރުވާ ކަމަށް މިފްކޯއިން ބުނެފި އެވެ.
މުސާރަ ކުޑަކަމަށް ބުނެ ފެލިވަރުގެ މުވައްޒަފުން އިހުތިޖާޖު ކުރާކަމަށް ދެކެވޭ ވާހަކަ ދޮގު ކުރައްވަމުން މިފްކޯގެ ޗެއާމަން އަދުލީ އިސްމާއިލް މިއަދު 'ސަން' އަށް ވިދާޅުވީ އިހުތިޖާޖު ކުރުމެއް ފެލިވަރުގައި ކުރިއަށް ނުދާކަމަށާއި، މުސާރައިގެ މައްސަލާގައި، މުވައްޒަފުންނާ ވާހަކަ ދައްކާލުމަށް ބައްދަލުވުމެއް ބޭއްވީ ކަމަށެވެ. އަދި މުސާރައިގެ އޮނިގަނޑަށް އައި ބަދަލާގުޅިގެން، މުވައްޒަފުން ގެއައް ގެންދަން ލިބޭ މުސާރަ ކުޑަ ނުވާނެ ކަމަށް އަދުލީ ވިދާޅުވި އެވެ.
"މިއީ އިހުތިޖާޖެއް ނޫން، ހުރިހާ މުވައްޒަފުން މަސައްކަތުގައި އުޅެނިކޮށް، މަލްޓިކޮމިޝަން ހޯލަށް އެއްކޮށްލާފައި، އަޅުގަނޑުވެސް އެތާ ހުރެގެން ވާހަކަ ދައްކާލީ، މިކޮޅުގައި އެއްގޮތަކަށްވެސް އިހުތިޖާޖެއް ނުކުރެ،" އަދުލީ ވިދާޅުވި އެވެ.
މިއަދު ބޭއްވި ބައްދަލުވުމަކީ، މިފްކޯގެ މެނޭޖްމެންޓުން އިސްނަގައިގެން، މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލުތަކާ މެދު މުވައްޒަފުންގެ ކަންބޮޑުވުން ދެނެގަނެ، ބަދަލެއްގެންނަން ޖެހުނަސް އެކަން ދެނެގަތުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް އަދުލީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިފްކޯގެ، މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގެ ދަށުން، އެވެސް މުވައްޒަފަކު ގެއަށް ގެންދަން ލިބޭ މުސާރަ ކުޑަ ނުވުމަކީ މިފްކޯގެ ޓާގެޓް ކަމަށެވެ.
އޭނާ ވިދާޅުވީ މުސާރައިގެ އޮނިގަނޑު އެކުލަވާލުމުގައި އަމަލުކޮށްފައިވާ ގޮތުގެ ތަފްސީލު މުއައްޒަފުންނަށް ކިޔައި ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެކަމައްޓަކައި އަށް މެންބަރުންގެ ކޮމިޓީއެއް މިހާރު އެކުލަވާލާފައި ވާނެ ކަމަށެވެ. އަދުލީ ވިދާޅުވީ މެނޭޖްމެންޓާ މެދު އެއްވެސް ހިތްހަމަނުޖެހުމެއް އޮވެގެން މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން މުސާރައިގެ އެއްވެސް މަައްސަލައަކާ ބެހޭ މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަ، މެނޭޖްމެންޓާއި ބައްދަލުކުރުމަށް އަދުލީ ވަނީ އެދިލައްވާފަ އެވެ.